އަހުމަދު ރިލްވާން

ރިލްވާންގެ މައްސަލަ! ފުލުހުންގެ އެންމެ ބޮޑު އިހުމާލު

  • ތުހުމަތު ކުރެވުނު މީހުން ހައްޔަރުކުރަން މަސައްކަތެއް ނުކުރެވުނު
  • މައުލޫމާތެއް އާންމު ކުރަން ވެސް އެތައް އަހަރެއް
  • ފުލުހުންގެ ތެރެއިން ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތު

ވީއެއް ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ 603 ދުވަސް ފަހުން ފުލުހުންނަށް ލިބި ހުރި ހުރިހާ މައުލޫމާތެއް އިއްޔެ އާންމުންނާ ހަމަޔަށް ބަންޑުން ކުރަމުން ދިޔައިރު ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ފުުލުހުން ހާމަކުރި ވާހަކަތަކުން ރިލްވާނަށް ބަޔަކު ފާރަލައި އޭނާ ކިޑްނެޕްކޮށް ބަޔަކު ކަމެއް ކޮށްފައިވާކަން ފުުހުންގެ ތަހުގީގުކުތަކުން އިނގުމުން މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އެ ހުރިހާ ބިރަކާއި ސިހުމެއްގެ ތެރެއިން އުފެދުނު ސުވާލުތަކާއި ހައިރާންކަން އަދި މާ ބޮޑެވެ. ރިލްވާންގެ މައްސަލައިގައި ޝައްކު ކުރެވުނު އެކަކު ވެސް ފުލުުހުންގެ ހައްޔަރަކު ނެތެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް، ހެކިތަކުން ފެންނަން ތިބި މީހުން ވެސް މިނިވަންކަމާ އެކު ރާއްޖެއިން ފުރައިގެން ގޮސް އެ މީހުން ވީ ހިސާބެއް ވެސް މިހާރަކު ނޭނގެ އެވެ. އެ މައްސަލައިގައި ދެން ކިރިޔާ ވެސް ތުހުމަތު ކުރެވޭ ބަޔަކު ރާއްޖޭގައި ތިބި ނަމަވެސް އެ މީހުން ވެސް އެ ތިބީ މިނިވަން ކަމާ އެކު ދޫކުރެވިފަ އެވެ.

މިއީ މައްސަލައިގައި ސުވާލުތައް އުފެދޭ ހިސާބެވެ. ރިލްވާން ކިޑްނެޕްކޮށް ބަޔަކު އޭނާއަށް ކަމެއް ކުރިކަން ފުލުުހުންގެ ތަހުގީގަށް ހޯދުނު ހެކިތަކުން މިހާ ހިސާބަށް އެނގިފައިވާ އިރު، މިހާ ބޮޑު ސީރިއަސް ޖަރީމާއެއް ހިންގި ބަޔަކު ދޫވެ، އެންމެ ފަހުން އެމީހުން ރާއްޖެއިން ފުރޭ ގޮތަށް ކަންކަން މަގުފަހިވެފައި އޮތީ ކީއްވެ ހެއްޔެވެ؟ ރިލްވާންގެ މައްސަލައިގައި ހަގީގަތްތަކެއް ހާމަ ކުުރުމަށް ފުލުހުންނަށް މިހާ ގިނަ ދުވަސް ނެގީ ކީއްވެ ހެއްޔެވެ؟ ފުލުހުންނަށް ރިލްވާންގެ މައްސަލައިގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނީ ހެއްޔެވެ؟ ފުލުހުންގެ އިހުމާލު މައްސަލައިގައި އޮތީ ކިހާވަރަކަށް ހެއްޔެވެ؟

މި ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ވެސް ކުރެވެ. ފުލުހުންނާއި މުޅި ދައުލަތުގެ އިހުމާލު މައްސަލައިގައި ނުހަނު ބޮޑެވެ. ފުލުހުންގެ ސީސީޓީވީ ފްޓޭޖްތަކުން ރިލްވާން ދަތުރިކުރި މަގުތައް ދަމައިގެންފައިވާ އިރު، ޝުވައިދު ކިޔާ މީހަކު ރިލްވާން ފަސް ފަހަތުން އެރޭ ފާރަލީކަން ވެސް ފުލުހުން އެ ވަނީ ޔަގީންކޮށްފަ އެވެ. ހަމަ ޔަގީނުންވެސް އެ މައުލޫމާތަކީ ފުލުހުން އިއްޔެއަކު މިއަދަކު ހޯދައިގަންނާނެ ކަންތައްތަކެއް ނޫނެވެ. އެހެން ވީމާ، ބަޔަކު ރިލްވާން ގެއްލުވާލި ކަމަށް ބުނުމުގެ ޖާގަ މި ހުޅުވެނީ މި ހިސާބުންނެވެ. ޔަގީންވާ ކަމަކީ ތަހުގީގު ވަރަށް ކުރިން ޝައްކު ކުރެވޭ ބަޔަކު ތިބެގެން އެ ބަޔަކު ހައްޔަރު ވެސް ކުރިކަމެވެ. ފަސް މީހަކު ފުލުހުން ހައްޔަރު ކުރި އިރު އޭގެ ތެރޭގައި ސުވައިދު ވެސް ހިމެނުނެވެ. އެހެން ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެ އެންމެން ވެސް އޭރު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުންގެ ސްޕްރިންޑެންޓެންޓް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވަނީ އެ އެންމެން ވެސް އޭރު ދޫކޮށްލީ ކޯޓަށް ގެންދިޔުމުން އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ. އެކަމަކު ނޫސްވެރިއެއް ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ އިރު، ބަޔަކު އޭނާ ކިޑްނެޕްކޮށް ގެއްލުވާލި ކަމަށް ތަހުގީގަށް ތުހުމަތުތައް ކުރެވެމުން އައި އިރު، ކްރިމިނަލް ކޯޓުން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ކުރި ހުކުމް ހައިކޯޓްގައި އިސްތިއުނާފް ނުކުރީ ކީއްވެ ހެއްޔެވެ؟ ނޫނީ ފުލުހުންނަށް އެ މީހުންގެ މައްޗަށް ލިބިފައި ހުރި ހެކިތައް ކޯޓަށް ހުށަނާޅަނީ ހެއްޔެވެ؟ މީގެ ކުރިން ހައްޔަރު ކުރެވުނު ބައެއް މީހުން ކޯޓުން ދޫކޮށްލަން އެންގުމުން ފުލުހުން ހައިކޯޓްގައި އެ މައްސަލަތައް އިސްތިއުނާފު ކޮށްފައި ވެސް އެބަ ހުއްޓެވެ. ފުލުހުން މައްސަލައަށް ދޭން ޖެހޭ ހަގީގީ ސަމާލުކަމާއި ފަރުވާތެރިކަން ދީފައި ނެތްކަން ސަތީހުގެ ވާހަކަތަކުން ހާމަވެ އެވެ. ސުވައިދު އާއި މައްސަލައިގައި ދެން ތިބި މީހުންގެ ޕާސްޕޯޓް ވެސް އެންމެ ކުޑަމިނުން ހިފަހައްޓާފައެއް ނުވެ އެވެ. ފުލުހުން ހައްޔަރު ކުރަން ބޭނުންވާ މީހަކު، މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި ތުހުމަތުގައި ހައްޔަރު ވެސް ކޮށްފަ އެވެ. ކޯޓުން ދޫކޮށްލުމުން އަނެއްކާ އެހެން ތުހުމަތެއްގައި ހައްޔަރުކޮށް ބައެއް މީހުން ޖަލުގައި އަދިވެސް އެބަ ތިއްބެވެ. ގާނޫނޭ ކޯޓުތަކޭ ފުލުހުން ވަރަށް ފަސޭހައިން ބުނާނެ އެވެ. އެކަމަކު އެއީ ހަމަ ބަހަނާ އެވެ. ފުލުހުން ހައްޔަރު ކުރަން ބޭނުންވާ މީހަކު މީގެ ކުރިން ވެސް އޮތީ ހައްޔަރު ކުރެވޭނެކަން ދައްކާލައިފަ އެވެ.

ފުލުހުންގެ ތެރޭގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ، އެވަރުގެ ބޮޑު ކަމެއްގައި ތުހުމަތުކޮށް ކުރިން ހައްޔަރުކޮށްފައިވާ މީހަކު ކުއްލިއަކަށް ރާއްޖެއިން ފުރައިގެން ދާން މަސައްކަތް ކުރާ ކަން ފުލުހުންގެ އިންޓެލިޖެންސަށް އޮންނަން ވާނީ އެނގިފަ އެވެ. އިންޓެލިޖެންސްގެ ލޯތައް އެ މީހުންނަށް ތިބެން ޖެހޭނީ ވެސް ފާރަވެރިވެގެންނެވެ. އެ މީހުން ފުރައިގެން ދިޔަ ފަހުން އެކަން ފުލުހުންނަށް އެލާޓްވި ނަމަ އެއީ ފުލުހުންގެ ބޮޑު ފޭލިއަރެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެކަން އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވުނު ހ. ހިލްޓަން އަޒްލިފް ރައޫފާއި ސ. ހުޅުދޫ އަތިރިޔާގޭ މުހައްމަދު ސުވައިދު އާއި ކުޑަހެންވޭރަށް ނިސްބަތްވާ ބަޔަކު ގްރޫޕް ހަދާފައި ރާއްޖެއިން ބޭރަށް ދިޔަކަން މީޑިއާތަކަށް ތިލަވީ 2014 ގެ ޑިސެމްބަރު މަހު އެވެ. އަޒްލިފް އަކީ ވެސް އަދި އޭނާއާ އެކު ގްރޫޕް ހަދާފައި ސީރިއާއަށް ދިޔަކަމަށް ތުހުމަތު ކުރެވުނު މީހުންނަކީ، އަފްރާޝީމް އަލީގެ މަރާއި އެހެންވެސް އެންމެ ބޮޑެތި ޖަރީމާތަކުގެ ތުހުމަތުގައި ފުލުހުން އިނގިލި ދިއްކުރަމުން ދިޔަ ބަޔެކެވެ. މިފަދަ ބަޔަކު ފުލުހުންގެ ފާރަވެރި ލޯތަކުން ފިލައިގެން މިނިވަން ކަމާ އެކު ރާއްޖެއިން ބޭރަށް ދިޔައިރު އެކަން ހުއްޓުވަން ފުލުހުންނަށް މަސައްކަތެއް ކުރެވިފައި ނެތުމަކީ އޭނާ ބޮޑު ކަންބޮޑުވުމެކެވެ.

"ޕަބްލިކް އިންޓަރެސްޓް ވެސް އޮތް މައްސަލައެއް މިއީ. އަނެއްކާ ކުރެވޭ ތުހުމަތުތައް ވަރަށް ގިނަ. އަޅުގަނޑަށް ހީވަނީ ވަރަށް އާލީ ސްޓޭޖެއްގައި ފުލުހުންނަށް އެނގިފައޭ އޮންނާނީ ރިލްވާން ގެއްލުވާލުމުގައި ގޭންގް ބައެއްގެ އަތެއް ވާކަން. އެއީ ސީސީޓީވީ އެކަލިސިސް އަކީ ތަހުގީގުގެ ވަރަށް ކުރީގައި ކުރާ ކަމެއް. ތަހުގީގެއް ފަށާތާ ހަތަރު ވަރަކަށް ހަފްތާގެ ތެރޭގައި އެކަން އޮންނާނީ އެނގިފައި. އެކަމަކު އެ ތުހުމަތު ކުރެވުނު ބަޔަކު ހައްޔަރުކޮށް ތަހުގީގަށް މައުލޫމާތުތަކެއް ހޯދުމަށް ހިޔެއް ނުވޭ ފުލުހުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިހުރިހެނެއް. އެހެން ނޫން ނަމަ އެ މީހުން މިއަދު ރާއްޖެއިން ބޭރަށް ދާ ހިސާބަކަށް ނުދާނެ. އަނެއްކާ އެ މީހުން ދިޔަފަހުން ހޯދަން ނެތް ދެއްތޯ އިންޓަޕޯލް ރެޑްނޯޓިސް ވެސް ނެރެފައެއް،" ފުލުހުންގެ ތެރޭގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އެބޭފުޅާ ވިދާޅުވި އެވެ.

ފުލުހުން ބަލަމުން އަންނަ ބައެއް މައްސަލަތަކުގައި ޝައްކު ކުރެވުނު މީހުން ބޭރަށް ފިލައިގެން މީގެ ކުރިން ވެސް ގޮސްފައި އެބަ ހުއްޓެވެ. މިސާލަކަށް ބާލަނަމަ، ހިމަންދޫ މައްސަލަ އާއި ރައީސްގެ ލޯންޗްކޮޅުގައި ބޮން ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފިލައިގެން ވަނީ ގޮސްފަ އެވެ. އެހެން ނަމަވެސް އެ އެންމެން ހޯދުމަށް އިންޓަޕޯލްއާ ގުޅިގެން ފުލުހުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެކަމަކު އަޒްލިފް އާއި ސުވައިދު މެން ހޯދުމަށް ފުލުހުންނަށް މިވަރަށް ވެސް މަސައްކަތް ކުރެވިފައެއް ނެތެވެ. އެ މައްސަލަ ބައްލަވާ ޑިޕާޓްމަންޓްގެ ހެޑް ސަތީހު އިއްޔެ ވިދާޅުވީ، އެ މައްސަލައިގައި މީހަކު ހޯދަން ރެޑް ނޯޓިސް އެއް އަދި ނެރެފައި ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ފުރަތަމަ ދުވަހު ވެސް ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް އާއި ސުވައިދު ތިބި ހިސާބެއް ހޯދަން ވެސް ފުލުހުން ވަނީ ނުކުޅެދިފަ އެވެ. ދެން މިވަރުވީމާ މިއީ ލައްކަ ބޮޑުވަރެވެ!

ސީސީޓީވީ ފްޓޭޖުން ސަސްޕެކްޓުންތަކެއް ހޯދައިގަނެވުނު އިރު، ދެން އޮތީ ވަރަށް ވަރުގަދަ ހެއްކެކެވެ. ފުލުހުން އިއްޔެ ހާމަ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިލްވާން ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އެރުވި ކަމަށް ބުނާ، އެ ކާރުގެ ޑިކީގައި އޮތް ކާޕެޓަކުން ނެގުނު ފަސް އިސްތަށީގެ ތެރެއިން އެއް އިސްތަށިން ނެގުނު މައިޓޯ ކޮންޑްރިއަލް ޑީއެންއޭ ރިލްވާންގެ މަންމަގެ އެމްޓީ ޑީއެންއޭ އާއި ދިމާވެ އެވެ. މީގެ ހާމަވަނީ އެ ކާރުގެ ތެރެއަށް ކޮންމެވެސް އިރެއްގައި ރިލްވާން އަރުވާފައިވާ ކަމެވެ. އަދި ރިލްވާން ގެއްލުވާލި ރޭ އޭނާ ދިރިއުޅެމުން އައި ފްލެޓް ކައިރިން މީހަކު ހަޅޭލެވި އަޑާއި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން މީހަކު ގެންދާތަން ފެނުމާ ރިލްވާން ގެއްލުމާ މިއީ އެއް ކޭސް އެއްކަން ފުލުހުންނަށް މިހާރު މި އޮތީ އެނގިފަ އެވެ. އެހެން ނަމަވެސް އެ ކާރުގެ ވެރިފަރާތް ކަމަށްވާ، އަޒްލިފް ރައޫފްގެ ކޮއްކޮ، އާލިފް ރައޫފް ކުރިން ހައްޔަރުކޮށް، ސުވާލު ކުރުން ނޫން ކަމެއް އެ މައްސަލައިގައި ކުރެވުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. އެކަމަކު އެ ކާރުން ފެނުނު ތަކެތީގެ ތެރެއިން ރިލްވާންގެ ޑީއެންއޭއާ ގުޅޭ ޑީއެންއޭ އެއް ފެނުމަކީ ކާރުގެ ވެރިފަރާތުން ޒިންމާވާން ނުޖެހޭ ކަމެއް ހެއްޔެވެ؟ ކާރަށް އަރުވާ މީހުންނާއި އެ ކާރާ ގުޅިގެން ހިންގޭ ޖަރީމާތަކަށް އެ ކާރުގެ ވެރިފަރާތުން ޒިންމާތަކެއް ވާން ޖެހޭނެ އެވެ. އެކަމަކު އާލިފް ރައޫފް ހައްޔަރުކޮށް ޝަރީއަތެއް ކުރެވެމުން މި އަންނަނީ މުޅިން އެހެން މައްސަލައެއްގަ އެވެ. ޑީއެންއޭ ސާމްޕަލް ރިޕޯޓްތައް ލިބި ކަންތައްތަކެއް ކަށަވަރުވި ހިސާބުން އާލިފް ހިފާ ހައްޔަރު ނުކުރެވުމަކީ ފުލުހުންގެ ކޮންމެވެސް ހިސާބަކުން އިހުމާލުވާން ޖެހޭނެ ކަމެކެވެ. މިއީ އެ މީހުން ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ.

"ކީތްވެހޭ ފުލުހުންނަށް ޝައްކު ކުރެވުނު ބަޔަކު ތިބި އިރު އެ މީހުން ހައްޔަރު ކުރަން ކަންތައްތަކެއް ނުކުރެވި އޮތީ. އެކަން ނުކުރެވި އޮތުން އެއީ އަޅުގަނޑަށް ބުނެވޭނީ އެއީ ފުލުހުންގެ ފެއިލިއާއޭ. އަނެއްކާ މިހާ ދުވަސްކޮށްފައި މައުލޫމާތުތަކެއް ހާމަ މި ކުރެވުނީ! އެކަމަކު އަޅުގަނޑުމެންނަށް ސަޕްރައިޒިން މައުލޫމާތުތަކެއް ނޫން އެއީ. މީގެ ކުރިން އާއިލާ އާއި ރަށްޓެހިންނާއި ޑިމޮކްރަސީ ނެޓްވޯކުން ހާމަކުރި މައުލޫމާތުތަކެއް މިއީ. ހަމައެކަނި ރަސްމީ ސިފައެއް މި އޮތީ ލިބިފައި. އަޅުގަނޑަށް ހީވަނީ މި ވަރު ބޮޑު ސީރިއަސް ކޭސްއެއްގައި ފުލުހުންގެ މިއަށް ވުރެ ބޮޑަށް މަސައްކަތް ކުރެވިފައި އޮންނަން ޖެހޭނެހެން. އަނެއްކާ މިހާ ދުވަހުން ކަންތައްތަކެއް ފުލުހުން އާންމު ކުރީއިރު،" ރިލްވާން މަސައްކަތް ކުރި މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާގެ ވިސްނުން މި ހުރީ އެހެންނެވެ.

ފުލުހުންނަށް ރިލްވާންގެ މައްސަލައިގައި ގިނަ ވަގުތުތަކެއް ބޭކާރު ވެގެން ދިޔަ ކަމަށް ސަތީހު ވެސް އިއްޔެ އެއްބަސްވެ ވަޑައިގެންނެވި އެވެ. އެއީ ކޮންމެ ސަބަބަކާ ހުރެ ކަމަށް ވިޔަސް ރިލްވާންގެ މައްސަލަ އަސްލު ތަހުގީގު ކުރަން ޖެހޭ ގޮތަކަށް ތަހުގީގު ކުރެވިގެނެއް ނުދިޔަ އެވެ. އޭގެ ބަދަލުގައި އޭރު ފުލުހުން ބެލީ، މިނިވަން ނޫހުގެ އެޑިޓަރު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލި ކަމަށް ބުނާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ދެއްކި ވާހަކަތަކެއްކަން ސާބިތުކޮށްދޭށެވެ. ފުލުހުން އެކަމެއްގައި މަތި އަޅުވަމުން ގޮސް ކާރުގެ ހާދިސާއާ ރިލްވާންއާ ގުޅުމެއް އޮތްކަން އަދި އެނގިފައެއް ނެތް ކަމަށް ވެސް ފުލުހުން އޮތީ ބުނެފަ އެވެ. ހަމައެކަނި ފުލުހުން ބުނާ ވާހަކައަކީ ތަހުގީގު ކުރުމަށް ފުރުސަތު ދިނުމަށެވެ. މިހާ ހިސާބުން ވެސް މުޅި މައްސަލައިގެ ތެރެއަށް ސިޔާސީ ކޮންމެވެސް ބާރުގަދަ ނުފޫޒުތަކެއް ވަދެ ހުއްޓުވާފައި ހުރި ކަމަށް ކުރެވޭ ޝައްކުތަކަށް ބާރުލިބެ އެވެ.

ރިލްވާން ގެއްލި ގިނަ ދުވަސްވާން ފެށުމުން ފެންމަތިވި އެންމެ ބޮޑު އެންމެ ބޮޑު އެއްވާހަކައަކީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮފީހަކުން ވަގަށް ނެގި ލެޕްޓޮޕެއްގައި ހުރި ވަރަށް ސިއްރު މައުލޫމާތުތަކެއް ރިލްވާން އަށް މީހަކު ފޯރުކޮށްދިނުމެވެ. އެ މައުލޫމާތުތައް އޭނާ ފަޅާ އަރުވާލަފާނެ ކަމުގެ ބިރަށް އަދީބު ރާއްވަވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވުމެވެ. އެހެން ނަމަވެސް ފުލުހުން ވެސް އަދި އަދީބު ވެސް އޭރު ތުހުމަތުތައް ދޮގު ކުރެއްވި އެވެ. އެހެން ނަމަވެސް އެވަރުން އަދި ހިތްހަމަ ޖައްސާލެވޭކަށް ނެތެވެ. އަދީބާ ގާތްގުޅުންތަކެއް އޮތް ފަރާތްތަކަކުން ވަނީ ރިލްވާން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ މައްސަލައިގެ އަސްލު އޮޅުވާލަން ފޭކް ވެބްސައިޓެއް ވެސް އުފައްދައިގެން މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ފަހުން، ފުލުހުން އިއްޔެ ބުނެފައި ވަނީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ފޭކް ޕާސްޕޯޓެއް ބޭނުންކޮށްގެން ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަަމަށް ދެއްކުމަށް ބަޔަކު އޮޅުވާލަން މަސައްކަތް ކުރި މައްސަލައެއް ތަހުގީގު ކުރާ ކަމަށެވެ. މުޅި މައްސަލައިގެ އަސްލު އޮޅިވާލަން އަދީބާ ގުޅިފައިވާ ބަޔަކު މަސައްކަތް ކުރިކަމުގެ ހެކިތަކެއް ވެސް މި އޮތީ ފެންނާށެވެ. އެހެން ވީ އިރު އެ މައްސަލަ ތަހުގީގު ކުރުމުގައި އަދީބާ ހުރި ލިންކްތައް ފުލުހުންނަށް އެކަށީގެންވާ ވަރަށް ބެލުނު ހެއްޔެވެ؟ ހަމަ ގައިމު ވެސް ރައީސް ވިދާޅުވާ ގޮތުން އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު މެދުވެރި ކުރައްވައިގެން އަދީބުގެ މުޅި ނުފޫޒު ވަނީ ފުލުހުންގެ ތެރެއަށް ފަތުރާލައިފަ އެވެ. އެހެން ވީމާ އެ ތަހުގީގާ އަދީބާ ގުޅޭ ހިސާބުން އެ ތަހުގީގަށް ހުރަސް އަޅައި ހުއްޓުވާފައި އޮތުން ވަރަށް ކައިރި އެވެ. އިއްޔެ ފުލުހުން ހާމަކުރި ގިނަ މައުލޫމާތު ތަކަކީ މިއަދަކު އިއްޔެ އަކު ފުލުުހުންނަށް އެއްކުރި މައުލޫމާތުތަކެކޭ ހިތެއް ނުބުނެ އެވެ.

މި ހުރިހާ ވާހަކަތަކަށް ވަރަށް ބޮޑަށް ބާރު ލިބޭ ގޮތަށް ހޯމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ، ނައިބު ރައީސް އަހުމަދު އަދީބާ ރިލްވާންގެ މައްސަލައިގައި ސުވާލު ކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް ސީރިއާގައި ހަނގުރާމަ ކޮށް މަރުވެއްޖެ ކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ކުރަން ހޯމް މިނިސްޓަރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އަޒްލިފް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަޒްލިފް އާއި މައްސަލައިގައި ދެންވެސް ތުހުމަތު ކުރެވުނު ބަޔަކު ފިލައިގެން ދިޔުމުގައި ސިޔާސީ ނުފޫޒުތަކެއް އޮތް ކަމަށް ބުނުމުގެ ޖާގަވެސް ވަރަށް ބޮޑެވެ. އެއީ އަޒްލިފް ކަހަލަ ހައިޕްރޮފައިލް ކުށްވެރިއަކު ފިލައިގެން ދިޔުމަކީ ފަސޭހަކަމަކަށް ނުވާނެތީ އެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވެސް ނެތިދާނެ އެވެ. ކޯޓު އަމުރެއް ވެސް ނެތިދާނެ އެވެ. އެކަމަކު ފުރަން އުޅޭކަން ފުލުހުންނަށް އެނގޭ ހިސާބުން ފިޔަވަޅު އެޅެން ވާނެ އެވެ. އެކަން ފުލުހުންނަށް ނޭނގި އޮވެދާނެ ކަމަށް ބުނުން ދައްޗެވެ.

"މައްސަލައަށް ނުފޫޒުތަކެއް ވަދެފައި ހުރިކަން އިއްުޔެ ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެބަ އިނގޭ. ފުލުހުންނަށް ތުހުމަތު ކުރެވޭ ބަޔަކު މިތަނުގައި ނުހިފެހެއްޓުމުން މި ނިކުންނަ ނަތީޖާ އަކީ އެ މައްސަލައިގައި ކިތަންމެ ހެއްކެއް ހޯދިޔަސް ކާކު މައްޗަށް ހޭ ދައުވާ ކުރަނީ. ކުޑަ ނަމަވެސް ހެއްކެއް ލިބުނު މީހަކު ވެއްޖިއްޔާ އެ ވަނީ ފިލައިގެން ގޮސްފައި. އަނެއްކައި މިކަން މި ކުރި ބަޔަކު ކުރި މަގުސަދެއް ވެސް ނުހޯދޭ. އެހެން ވީމާ މި ކަހަލަ ކްރައިމްތައް ހުއްޓުވަން ދެން ވަރަށް އުނދަގޫވާނެ އޭގެ ރީޒަންސް ނުހޯދެންޔާ. ފުލުހުންގެ ކޮންމެވެސް ފަށަލައަކުން މި އޮތީ އިހުމާލެއް އައިސްފައި،" ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ކޮންމެ ވާހަކައެއް ދެއްކިއަސް އޮންނަ އުސޫލުން ކަންކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ބުނުމުގެ ޖާގަ އެކީހެން މިވަނީ ބަންދުވެފަ އެވެ. ފުލުހުންގެ ފަށަލަތަކެއްގެ އިހުމާލުވުންތަކެއްގެ ސަބަބުން ބަޔަކު ގަސްތުގައި ރާވައިގެން ނޫސްވެރިއަކު ގެއްލުވާލި މައްސަލައިގައި އިންސާފު ހޯދައިދިނުމުގެ ފުރުސަތު މި ވަނީ ހަނިވެފަ އެވެ. މީގެ އިތުރަށް ފުލުހުންގެ މިވަރު ބޮޑު އިހުމާލުވުމެއްގެ ސަބަބުން އެ މައްސަލަ މިނިވަން ކަމާ އެކު ދެ ފުށްފެންނަ ގޮތަކަށް ބެލިދާނެ ކަމާ މެދު ބޮޑެތި ސުވާލުތައް މި ވަނީ އުފެދިފަ އެވެ. ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ ފަށަލަތަކަކުން ވެފައި މި އޮތް ބޮޑު އިހުމާލު ނުބަލާ ދޫކޮށްލެވޭކަށް ނެތެވެ.

"އަސްލު މިކަން އެބަ ޖެހޭ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަން. މިއީ ފުލުހުންގެ ބޮޑު އިހުމާލަކުން މި މައްސަލަ މިގޮތަށް ވެ އިންސާފެއް ނުލިބިފައި މި އޮތީ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެބަ ޖެހޭ ބައެއްގެ ހައްގުތަކެއް މިގޮތަށް ގެއްލިފައިވާތީ މިކަން ބަލަން. މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށް ބުރެ ބޮޑު އިހުމާލެއް،" ޒަހީނާ ވިދާޅުވި އެވެ.

ފުލުހުންގެ ތެރޭގައިވީ ބޮޑު އިހުމާލު ނުބަލައި ނޫނީ ދެ މައްސަލަ އެކީ ތަހުގީގު ނުކޮށް ރިލްވާން މައްސަލައިގެ ހަގީގަތް ހޯދިދާނެ ކަމަކަށް ނުފެނެ އެވެ. އެކަމަކު ހަގީގަތް ނުހޯދޭ ނަމަ ދެން ފެންނާނީ އަދި މިއަށް ވުރެ ބޮޑު ޖަރީމާ އެކެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި ދީނީ އިލްމްވެރިޔާ އަފްރާޝީމް އަލީ ކަތިވަޅިން ކޮށާލައި މަރާލީ ވެސް ތިބުނާ، "ކުޑަހެންވޭރު"ން ކަމަށްވާ އިރު އެކަމުގެ އަޑިއަކަށް ވެސް ފުލުހުންނަކަށް ފީނައެއް ނުގަނެވުނެވެ. އެ ގަލެއް ނުފުރޮޅިގެއް އުޅެނިކޮށް މިބަޔަކު ނޫސްވެރިއެއް ވެސް ވަގަށް ނަަގައި ހެދި ގޮތެއް ހަދައިފި އެވެ. އެކަމަކު މިފަހަރު ވެސް ކުރެވުނު ކަމެއް ނެތެވެ. މަންމަ ބައްޕަޔަކަށް ދަރިއަކު ގެއްލިއްޖެ އެވެ. ނޫސްވެރިންނަށް އެ މީހުންގެ އެކުވެރި ރިލްވާން ގެއްލުނީ އެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މި މައްސަލައަށް އިންސާފު ލިބޭނޭ ކަމުގެ އުންމީދެއް އަދި ނެތެވެ.