ހަބަރު

އިނގުރައިދޫގެ 8 ގެއެއް ފާސްކޮށް، ސިހުރުހަދާ ސާމާނު ހޯދައިފި

ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. އިނގުރައިދޫގެ 8 ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.

މިތަކެތި ހޯދާފައިވަނީ ރ. އިނގުރައިދޫ، އުނގޫފާރު، މީދޫ، ދުވާފަރު އަދި އަލިފުށި ޕޮލިސް ސްޓޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި 8 ގެއެއްގެ ތެރެއިން ފަސް ގެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ ގެތައް ބަލައިފާސްކުރިއިރު ފަސް ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ފޮތްތަކާއި ލިޔުންތަކުގެ އިތުރުން ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ރ. އުނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.