ބޮލީވުޑް

ޝާހްރުކާއި އަނުޝްކާ އަނެއްކާވެސް އެކުގައި ފިލްމަކުން

Apr 4, 2016

ސުޕަސްޓާ ޝާހްރުކް ޚާން އާއި ބަތަލާ އަނުޝްކާ ޝަރްމާގެ ޖޯޑަކީ އެތައް ބައެއްގެ ތައުރީފު ލިބިފައިވާ ޖޯޑެކެވެ.

އަނުޝްކާ 2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވެފައިވަނީ ވެސް ޝާހްރުކާ އެކު ކުޅުނު "ރަބްނޭ ބަނާދީ ޖޯޅީ" އިންނެވެ. އޭގެފަހުން 2012 ވަނަ އަހަރުވެސް އަނުޝްކާ ވަނީ ޝާހްރުކާ އެކު "ޖަބްތަކް ހޭ ޖާން" އިން ފެނިގެން ގޮސްފަ އެވެ.

ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާ ގޮތުން، ވަރަށް އަވަހަށް ޝާހްރުކް އާއެކު ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމަކުން އަނުޝްކާ ފެނިގެންދާނެ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލު އަނުޝްކާއަށް މިހާރު ހުށަހަޅާފައިވާއިރު، މިރޯލު ކުޅުމަށް އޭނާ ވަނީ ޝައުގުވެރިވާ ކަމަށް ވެސް ބުނެފަ އެވެ.

އަދި ނަމެއް ދީފައިނުވާ މިފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. މިފިލްމު ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބުގެ އިތުރުން ލަންޑަންގަ އެވެ.

މިފިލްމުގައި ޝާހްރުކާއި އަނުޝްކާ އެކުގައި ފެނިގެންދާނަމަ، މިއީ މިދެތަރިން އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޝާހްރުކް މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ގޯރީ ޝިންދޭގެ ފިލްމާއި އަނުޝްކާ ކުޅެމުން އަންނަ "ސުލްތާން" އާއި "އެއި ދިލްހޭ މުޝްކިލް"ގެ ޝޫޓިން ނިމުމުންނެވެ.