ހަބަރު

ޕާޓްނާޝިޕް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ޕާޓްނާޝިޕް ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅި ޕާޓްނާޝިޕްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ މިދިޔަ މަހު 22 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި 43 މެމްބަރުންގެ ވޯޓުންނެވެ.

ޕާޓްނާޝިޕް ގާނޫނުގައި ކުރިން ބަޔާންކޮށްފައިވާ ގޮތުގައި ކުންފުންޏެއްގެ ޕާޓްނަރުންނަށް ތިބެވޭނީ 20 މީހުންނަށެވެ. ނަމަވެސް މި ބިލަށް ގެނައި އިސްލާހުގައި ވަނީ ޕާޓްނާޝިޕެއްގައި އެންމެ ގިނަވެގެން ހިމެނޭ މެމްބަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރެވޭނެ އެވެ.

މީގެ އިތުރުން ކޮންމެ ޕާޓްނާޝިޕް ކުންފުންޏެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަން ވާނެ ކަމަށާއި އެ މީހަކީ އާމުގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ލިމިޓަޑް ލައިބިލިޓީ ޕާޓްނާޝިޕެއް ނަމަ، ދަރަންޏަށް ޒިންމާވުމާއި ގާނޫނީ ގޮތުން ކުރާ ހުރިހާ ކަމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.