ނޫސްވެރިންނަށް ޒިންމާ އަދާކުރުމުގައި ދިމާވާ ކަންބޮޑުވުންތަކާއި އެކި ކަންކަމުގައި ނޫސްވެރިންގެ އިހުސާސްތައް ހިއްސާކުރެވޭނެ ފޯރަމެއް ބާއްވަން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.
ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު ކަންބޮޑުވުން ފާޅުކުރުމަށް ބައެއް ނޫސްވެރިން މިއަދު ކުރި މުޒާހަރާއާއި ގުޅިގެން ވާހަކަފުޅުދައްކަވަމުން އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ނޫސްވެރިން މިއަދު ކުރި އިހުތިޖާޖަކީ ވަރަށް ރަނގަޅު ނިޔަތެއްގައި ކުރި މުޒާހަރާއެއް ކަމަށެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކަކީ ހަމަ އެކަނި މިއަދު އޮތް ކަންބޮޑުވުންތަކެއް ނޫން ކަމަށާއި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަ ނޫސްވެރިން ދިޔައީ މީގެ ކުރިން ވެސް އެ ކައުންސިލާ ހިއްސާ ކުރަމުން ކަމަށެވެ.
"މިއަދުގެ އެއްވުމަކީ އެ ބޭފުޅުންގެ އިހުސާސްތައް އަޑު އިއްވި ދުވަސް. އެހެން ނަމަވެސް މި ކަންބޮޑުވުންތަކާއި އިހުސާސްތަކަކީ އިއްޔެ ނޫނީ މިއަދު އުފެދުނު އިހުސާސްތަކެއް ނޫން، އެބޭފުޅުން މީގެ ކުރިން ވެސް އެބޭފުޅުންނަށް ދިމާވެފައިހުރި ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާކޮށްފައިވޭ، އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ ނޫސްވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަން،" މޮންދު ވިދާޅުވި އެވެ. "މިއަދުގެ މުޒާހަރާ ކުރިއަށްގެންދިޔުމުގައި ނޫސްވެރިންގެ އެޕްރޯޗް ގޯސް ކަމަށް ވެދާނެ. އެހެން ނަމަވެސް އެބޭފުޅުންގެ މަގުސަދު ވަރަށް ރަނގަޅު ކަމަށް އެމްއެމްސީ ގަބޫލުކުރޭ. މިރެއިން މިރެއަށް ވެސް ފޯރަމެއް ބޭއްވޭތޯ މި މަސައްކަތް ކުރަނީ، މާނައަކީ ވަރަށް އަވަހަށް އެފަދަ ފޯރަމެއް ބާއްވާނަމޭ،"
މޮންދު ވިދާޅުވީ، ވަރަށް އަވަހަށް އެ ފޯރަމް ބާއްވައި، ނޫސްވެރިންނަށް އޮޕެން ފޯރަމެއްގެ ތެރެއިން ކަންބޮޑުވުން ހިއްސާކުރެވޭނެ މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ދެމެދު އޮތް ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރަން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން މިއަދު ބޭއްވި އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާކުރި އިހުތިޖާޖެކެވެ.