މުޒާހަރާ

ނޫސްވެރިން މަޖިލިސް ކައިރީ އިހުތިޖާޖުކޮށްފި

ރައްޔިތުން މަޖިލީހުގެ ކުރިމަތީގައި ނޫސްވެރިން ސުލްހަވެރި އިހުތިޖާޖެއް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ވޯޓަށް އަހާފައިވާއިރު ނޫސްވެރިން ވަނީ މަރިޔަމް ވަހީދާ އެ މަގާމަށް ހޮވުމަށް އަޑުއުފުލާފަ އެވެ. ނަމަވެސް މަރިޔަމް ވަހީދާ އެ މަގާމަށް ހޮވާފައެއް ނުވެ އެވެ.

މިއަދު 1:30 އެހާކަންހާއިރު މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި މި އެއްވުމުގައި ނޫސްވެރިންގެ އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް ދޭހަވާ ގޮތަށް ނޫސްވެރިން ތިބީ އަނގަމަތީ ޓޭޕް އަޅައި ބޯޑުތަކެއް ވެސް ހިފައިގެނެވެ.

މި ސުލްހަވެރި އިހުތިޖާޖު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކޮށްފައެއް ނުވެއެވެ. ނޫސްވެރިން އިހްތިޖާޖު ހުއްޓާލާފައި ދިޔައީ އިހްތިޖާޖުގައި ބައިގަޑިއެއްހާއިރު ހޭދަކޮށްފަ އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުން ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހޮވުނީ މިހާރުވެސް އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އާއި ޒީނާ ޒާހިރު، އަމިނަތު ސަލާހަތު، ފާތިމަތު ޒައިނާ، އިސްމާއިލް ސޮފްވާން އަދި ހަސަން ނަބާހް އެވެ. މީގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމްގައި ހަރަކާތްތެރިވާ މީހުން ވެސް ހިމެނެ އެވެ.