ހަބަރު

ޕެނަމާ ޕޭޕާޒްގައި ވިޔަފާރިވެރިޔާ ޖަނާގެ މުއާމަލާތްތަކެއް!

  • ޖަނާގެ އޮފްޝޯ ދެ ކުންފުންޏެއްގެ ނަން ހިމެނިފައިވޭ
  • އެ ކުންފުނިތަކަކީ ވިޔަފާރީގެ ބޭނުމަށް ހުރިތަންތަން
  • ޖަނާގެ ހުރިހާ މުއާމަލާތްތަކެއް ހިންގަނީ ހާމަކަމާ އެކު

ދުނިޔޭގެ އެންމެ ހައި ޕްރޮފައިލް ފަރާތްތަކުން އެ މީހުންގެ ވަގު ވިޔަފާރިތައް ހިންގުމުގައި ބޭނުން ކުރާ، ޕެނަމާގެ އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސޭކާއާ އެކު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު ވެސް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް، "ޕެނަމާ ޕޭޕާޒް" އިން ފަޅާއަރުވާލައިފި އެވެ.

ގައުމުތަކުގެ ބޭރުގައި ހުޅުވާފައިވާ އެކައުންޓްތައް މެދުވެރިކޮށް ހިންގާ ވަގު ވިޔަފާރިތަކުގެ ކަންތައްތައް ފަޅާއަރުވާލި "ޕެނަމާ ޕޭޕާޒް"ގައި ބުނެފައިވާ ގޮތުން، ޖަނާގެ ނަމުގައި ބްރިޓިޝް ވާޖިން، އައިލެންޑް ގައި 2007 ގައި ރަޖިސްޓްރީ ކޮށްފައިވާ އޯޝަން ވައިޑް ކޮމްޕެނީ ޕްރޮޖެކްޓްސް އާއި އަޒޫރައިޓް އޯވަސީޒް ޓްރޭޑިންގް ލިމިޓެޑް އަކީ ޕެނަމާ މެދުވެރިކޮށް ވަގު ވިޔަފާރިތަކަށް މަގު ފަހިކޮށްދެމުން އަންނަ މޯސެކް ފޮންސެކާގެ ކްލަޔަންޓް ދެ ކުންފުންޏެވެ. އެ ދެ ކުންފުންޏާ އެކު ޖަނާ ވަނީ ފައިސާގެ މުއާމަލާތްތަކެއް ހިންގަވައިފައި ކަމަށް މިހާތަނަށް ދިރާސާ ކުރެވުނު ލިޔުންތަކުން އެނގެ އެވެ. އެހެން ނަމަވެސް އެ ކުންފުނިތަކާ އެކު ޖަނާ ހިންގެވީ ކިހާ އަދަދެއްގެ ކޮން ފައިސާގެ މުއާމަލާތްތަކެއް ކަމެއް އަދި ހާމަވެފައެއް ނުވެ އެވެ.

ދުނިޔޭގައި މިހާތަނަށް ފަޅާއަރުވާލި އެންމެ ބޮޑު ކޮރަޕްޝަންގެ ސްކޭންޑަލްއާ ގުޅޭ ގާތްގަނޑަކަށް 11 މިލިއަން ޑޮކިއުމަންޓް އިންޓަނެޓަށް ލީކް ކޮށްލާފައިވާ އިރު، ޖަނާ މި ކުރި މުއާމަލާތްތަކަކީ އެއްވެސް ވަގު ވިޔަފާރިއަކާ ގުޅުން ހުރި މުއާމަލާތްތަކެއް ކަމެއް އަދި ލިބެން ހުރި މައުލޫމާތުން އެނގޭކަށް ނެތެވެ.

ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާގެ، ރައީސްކަންވެސް ކުރައްވާ މުހައްމަދު އަލީ ޖަނާހު އެކަމާ ގުޅޭ ގޮތުން މިއަދު، "އަވަސް" އަށް ވިދާޅުވީ އޭނާގެ ނަމުގައި އޮންނަ އޯޝަން ވައިޑް އާއި އަޒޫރައިޓްސް ކުންފުނިން މޯސެކް ފޮންސެކާ އާ އެކު މުއާމަލާތް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ އޮފްޝޯ ބޭންކް އެކައުންޓްސްތައް ރާއްޖެއިން ބޭރުގައި ހުންނަނީ ބޭރުގައި ވިޔަފާރި ކުރާތީ ވިޔަފާރީގެ ބޭނުންތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކުންފުނިތައް މެނޭޖް ކުރުމުގެ ކަންކަން ކުރަނީ ސިންގަޕޫރުގައި ތިއްބަވާ އޭނާގެ ލޯޔަރުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ކުންފުނިތަކުން ހިންގާ ވިޔަފާރިތަކާއި ކުރާ މުއާމަލާތްތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް އެ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައި އޮންނަ ގައުމެއްގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅަމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ދުވަސްވެއްޖެ އަޅުގަނޑުގެ ބިޒްނަސް ހަރަކާތްތައް ބޭރުގައި ވެސް ކުރަމުން އަންނަތާ. އެހެން ވީމާ ވިޔަފާރީގެ ބޭނުމަށް ހުންނާނެ އަޅުގަނޑުގެ އޮފްޝޯ އެކައުންޓް. ތި ދެ ކުންފުންޏަކީ އަޅުގަނޑުގެ ދެ ކުންފުނިން. އެކަމަކު އޭގެ ހުރިހާ ހަރަަކާތްތަކެއް ކުރިއަށް ގެންގޮސްފައި ހުންނާނީ ޓްރާންސްޕޭރަންޓްކޮށް. އެއްވެސް ކަހަލަ ނާޖާއިޒު ވިޔަފާރިއެއް ނޫނީ ވަގަށް ކަމެއް ކޮށްފައެއް ނޯންނާނެ. ހުރިހާ އެއްޗެއް ވަރަށް ޓްރާންސްޕޭރަންޓްކޮށް އޮންނާނީ،" ޖަނާ ވިދާޅުވި އެވެ.

ޕެނަމާ ޕޭޕާޒްގައި ބުނާ ގޮތުން ދުނިޔޭގެ ގައުމުތަކުގެ ބޮޑެތި ލީޑަރުން ވަނީ ޕެނަމާގެ އޮފްޝޯ ލޯފާމް ފޮންސޭކާ މެދުވެރިކޮށް އެތައް ޓްރިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރިތައް ހިންގައިފަ އެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅުއްވަނީ، ރަޝިޔާގެ ރައީސް ބްލެޑްމިއަ ޕްޓިން އާއި ޕާކިސްތާން ބޮޑުވަޒީރު ނަވާޒް ޝަރީފާއި ސައުދީ ރަސްގެފާނާއި އައިސްލޭންޑްގެ ބޮޑު ވަޒީރާއި ގަތަރުގެ ވެރިކަމުގެ އިސްފަރާތްތައް ހިމެނެ އެވެ. އަދި މަޝްހޫރު ފިލްމީ ތަރިންނާއި ފުޓްބޯޅަ ކުޅުންތެރިޔާ މެސީގެ ކަންތައްގަނޑެއް ވެސް ވަނީ ފަޅާއަރުވާލައިފަ އެވެ.