ހޫނު ގަދަވުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒިފުން ކެޝުއަލް ހެދުމުގައި އޮފީހަށް ދިޔުމަށް ނިންމައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް މިއަދު ވިދާޅުވީ މި މަހަކީ ރާއްޖެއަށް ހޫނުގަދަ މަހެއް ގޮތުގައި ބެލެވިފައިވާ އިރު އެކުންފުނީ މުވައްޒިފުންނަކީ ބޭރަށް ނުކުމެ ހޫނުގައި މަސައްކަތް ކުރާ ބަޔައެއް ކަމަށާއި އެގޮތުން މުވައްޒިފުންނަށް އެ ލިބޭ ނުތަނަވަސް ކަމުން ސަލާމަތް ކުރަން ބޭނުންވާ ކަމަށެވެ.
އަދި ވިދާޅުވީ އެމްޓީސީސީ އިން ރާވާފައި ވަނީ މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް އެ ކުންފުނީގެ މުވައްޒިފުން ރަސްމީ ހެދުމުގެ ބަދަލުގައި ކެޝުއަލްކޮށް އޮފީހަށްދަ ގޮތަށް ހަމަ ޖައްސާފައިވާ ކަމަށެވެ.
"މިހާ ހޫނުގަދަ ދުވަސް ވަރެއްގައި އިމާރާތުގައި ހުންނަ އޭސީތައް ފިނި ގަދަ ކޮށްގެން އުޅެން ޖެހުމުން ކަރަންޓުގެ ހަރަދު ބޮޑުވެ ސްޓެލްކޯގެ ޖެރޭޓަރުތަކަށް އަންނަ ބުރަ ބޮޑުވާނެ. އެހެންވެ މި ހޫނުން މުވައްޒިފުންނަށް ލުއިއެއް ހޯދައި ހަރަދު ކުޑަކުރަން އެމްޓީސީސީ އިން ނިންމާފައިވާ ކަމެއް މިއީ،" ހަލީމް ވިދާޅުވި އެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި މަސްތެރޭގައި ރާއްޖޭގެ ހޫނުމިން 36 އަކަށް އަރުުން އެކަށީގެންވާ ކަމަށެވެ.