ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މަޖިލީހެއްގައި ތިބެގެން މަޝްވަރާކުރުމަށް މީޑިއާ ކައުންސިލުން އިސްވެ އުފެއްދި "ނޫސްވެރިންގެ ފޯރަމް" ގައި މިރޭ ރާއްޖޭގެ މީޑިއާތަކުގެ ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވި ގިނަ ނޫސްވެރިން ވަނީ ލްވާންގެ މައްސަލާގައި މިހާތަނަށް ސަރުކާރުން މަސައްކަތް ކޮށް، ހޯދާފައިވާ މައުލޫމާތުތަކާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިލްވާނުގެ މައްސަލާގައި ކަންވީގޮތް ހޯދުމަށް ފުލުހުންނަށް ބާރު އަޅައި، ރިލްވާނަށް އިންސާފު ހޯދައިދިނުމަކީ ނޫސްވެރިކަމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
ރިލްވާނުގެ މައްސަލައަކީ ހުރިހާ ނޫސްވެރިން ގުޅިގެން ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން އެކަމުގެ ހަގީގަތް ހޯދަން ޖެހޭ މައްސަލައެއް. ނޫނީ މާދަމާ ނޭނގެ ދެ ގެއްލޭނީ އަޅުގަނޑު ކަމެއް ނޫނީ ތިޔައިން ބޭފުޅެއް ކަމެއް،" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވީނިއުސްގެ ނޫސްވެރިޔާ އަލީ ސުލައިމާން ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި އެންމެ ގަދަޔަށް ބަހުސްކުރެވުނު އެއް މައުލޫއުގެ ތެރޭގައި ހިމެނުނީ މިހާރު މަޖިލީހުގެ ތަޅުމުގައި އޮތް އަބުރު ރައްކާތެރިކުރުމާބެހޭ ބިލުގެ މައްސަލައެވެ. ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ނޫސްވެރިން ވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް އެބިލުގައި ހިމަނާފައިވާ ބައެއް މާއްދާތަކާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ބިލުގެ 24 ވަނަ މާއްދާގައި، ތަހުގީގު ކުރުމުގެ ބާރަށް ބަލާއިރު މުއައްސަސާތަކަށް ވެސް ސަރުކާރުގެ ވެރިންނަށް ވެސް އަދި އާންމުންނަށް ވެސް ލިބޭ. ޝަކުވާއެއް ހުށަހަޅައިފިނަމަ ފުލުހުންނަށް ހުށަހަޅައިގެން އާންމުންނަށް ވެސް ކުރިއަށް ގެންދެވޭނެ. އެހެންނަމަވެސް މީހަކު ހުށަނޭޅިޔަސް މީހެއްގެ އަބުރާއި ބެހިއްޖެ ކަމަށް ޕީޖީ އަށް ފެނިއްޖެ ނަމަ ފުލުހުންނަށް އަމުރު ކޮށްގެން ތަހުގީގު ކުރެވޭނެ،" އަހްމަދު އަބްދުﷲ ސައީދު ފާހަގަކުރެއްވި އެވެ. "ހަމަ އެއާއެކު ބިލުގެ 23 ވަނަ މާއްދާއަށް ބަލާއިރު ވެބްސައިޓް އަކަށް ކުރާ ކޮމެންޓްއެއް މީހަކު ގުޅާފައި އޭނާގެ އަބުރާއި ބެހިފައޭ ބުނެފިނަމަ ކޮމެންޓް ރިމޫވް ކުރަން ޖެހޭ، މިއީ ނޫސްވެރިކަމަށް އެޅޭ ވަރަށް ބޮޑެތި ހުރަސްތައް،"
ބިލުގެ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ބިލާއި ގުޅޭ ގޮތުން މަޖިލިހާ ބައްދަލުކުރަން ފުރުސަތަކަށް އެދިފައިވާ ކަމަށެވެ. މާދަމާ ނުވަތަ މާދަން ނޫން އަނެއް ދުވަހު އެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުންވެސް މިރޭގެ ބައްދަލުވުމުގެ ގިނަ ނޫސްވެރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ހިމެނޭތީ އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިއްޔެގެ މުޒާހަރާއާ ގުޅިގެން ފާހަގަކުރެވުނު އެކި ކަންކަމާ ބެހޭ ގޮތުންނާއި، ނޫސްވެރިންނަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅިގެން މީޑިއާ ކައުންސިލުން ކުރާ މަސައްކަތްތަކާއި ޒިންމާތަކާ މެދު ބައިވެރިން ވަނީ ސުވާލުކޮށް ޖަވާބު ހޯދާފަ އެވެ.