ބޭރު ކުޅިވަރު

ޗެލްސީގެ ކޯޗަކަށް އިޓަލީގެ ކޮންޓޭ ހަމަޖައްސައިފި

އަންނަ ސީޒަނުން ފެށިގެން ޗެލްސީގެ ކޯޗަކަށް އިޓަލީގެ މިހާރުގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ.

އުމުރުން މިހާރު 46 އަހަރިގެ އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ޗެލްސީގެ ކޯޗުކަމަށް ހަމަޖެއްސީ އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިޓަލީގެ ކޯޗުކަމުން ވަކިވާން އޭނާ އިއުލާނުކުރިތާ ދެ ހަފުތާ ފަހުންނެވެ.

ޗެލްސީގެ ހަވާލުވާން އެއްބަސްވުމަށްފަހު ކޮންޓޭ ބުނީ އިޓަލީގެ ގައުމީ ކޯޗުކަން ދޫކޮށްލީ ޗެލްސީގެ ހުށަހެޅުން ކަމުދިއުމުން ކަމަށެވެ.

"އަހަންނަށް ލިބުނު ފަހުރެއް އެއީ އަހަރެންގެ ގައުމުގެ ގައުމީ ކޯޗުކަން ކުރުން. އެކަން ދޫކޮށްލަން ނިންމީ އަހަރެން ގަޔާވާކަހަލަ ހުށަހެޅުމެއް ޗެލްސީން ލިބުމުން،" އިޓަލީގެ ޔުވެންޓަސްގެ ކުރީގެ ކޯޗު ބުންޏެވެ.

ކޮންޓޭ ގައުމީ ޓީމާ ހަވާލުވީ ޔުވެންޓަސް އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ތިން ސީޒަނެއްގައި އިޓާލިއަން ލީގު ޔުވެންޓަސް އަށް ހޯދައިދީފައިވާއިރު އޭނާ ވަނީ 103 ޕޮއިންޓް 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދައިފަ އެވެ. އެއީ 33 މެޗުން މޮޅުވެގެންނެވެ. މިއީ އިޓާލިއަން ލީގުގެ ރެކޯޑެއްވެސްމެ އެވެ.

ކޮންޓޭ އަކީ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗްގެ ކުލަބާ ހަވާލުވިފަހުން ޗެލްސީގެ ކޯޗުކަމަށް ގެނައި އިޓަލީގެ ހަތަރުވަނަ ކޯޗެވެ. އަދި އޭނާ އަކީ ޗެލްސީއާ ހަވާލުވި އިޓަލީގެ ފަސް ވަނަ ކޯޗެވެ. މީގެ ކުރިން ޖިއާން ލޫކާ ވިއާލީ އާއި ކްލައުޑިއޯ ރަނިއޭރީ އަދި ރޮބާޓީ ޑިމަޓިއޯ އާއި ކާލޯ އެންޗެލޯޓީ ވަނީ ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ.