ޗެލްސީގެ ކޯޗުކަމާ އަންނަ ސީޒަނުން ފެށިގެން ހަވާލުވާ އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ކުލަބުގައި ކާމިޔާބު ހޯދުމަށް އިނގިރޭސި ބަހަށް ވަރަށް އަވަހަށް ފަރިތަވާން ޖެހޭނެ ކަމަށް އިޓަލީގެ ކޯޗުން ބުނަން ފަށައިފި އެވެ.
އިނގިރޭސިވިލާތާއި ޗެލްސީގައި ވެސް މީގެ ކުރިން މަސައްކަތްކޮށްފައިވާ އިޓަލީގެ ކޯޗުންގެ ތެރެއިން މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނީ ކޯޗަށް އެންމެ އަވަހަށް މައްސަލަދިމާވާނީ ސީޒަނުގެ ކުރީކޮޅު ކަމަށެވެ.
"އިނގިރޭސި ފުޓްބޯޅަ އަށް ކޮންޓޭ ހޭނެން އުނދަގޫތަކެއް ހުންނާނެ. އެކަމަކު އޭނާ ކޯޗަކަށް ހަމަޖެއްސުމަކީ ވަރަށް ރަނގަޅު ނިންމުމެއް. ކޯޗުންނަށް އެންމެ އުނދަގުވާނީ މުބާރާތް [ކުޅޭ ގައުމު] ބަދަލުކުރުން. ވަރަށް މުހިންމު ކަމެއް އޭނާ އަށް އެ ލީގެއް ރަނގަޅަށް އެނގުމަކީ. އޭނާ މަސައްކަތް ފަށައިގަންނައިރު ވަރަށް އަވަހަށް މައްސަލަތައް ދިމާވާނެ. ބަހަށް ފަރިތަވާންޖެހޭނެ އެކަންކަމަށް ހައްލުހޯދުމަށް،" އިންޓަމިލާނުގެ މިހާރުގެ ކޯޗު މަންޗީނީ ބުންޏެވެ.
އިޓަލީގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ 46 އަހަރުގެ ކޮންޓޭ އަށް ތައުރީފްކޮށްފައިވާ އޭނާގެ ކުޅުންތެރިންގެ ތެރެއިން އެކަކަކީ އަންދްރޭ ޕިރްލޯ އެވެ. އޭނާ ބުނީ ކޮންޓޭ އަކީ ކާމިޔާބު ހޯދަން ދަންނަ މީހެއް ކަމަށާއި ނަމަވެސް އާ ޗެލެންޖަކާ ކުރިމަތިލުމަކީ ކޮންޓޭ އަށް މިހާރު އެންމެ ފައިދާހުރި ކަންތައް ކަމަށެވެ.
ޔުވެންޓަސް އަށް ތިން ފަހަރެއްގެ މަތީން އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމަށްފަހު ކޮންޓޭ ގައުމީ ޓީމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ނަމަވެސް ކުރިއަށް އޮތް ޔޫރޯ އަށް ފަހު ގައުމީ ޓީމާ ވަކިވާން އޭނާ ނިންމީ ޗެލްސީގެ ހުށަހެޅުން ރަނގަޅުވުމުންނެވެ.