ރާއްޖެ ކުޅިވަރު

މަސައްކަތް ކުރާނީ ނިއުގެ ނަން ދަމަހައްޓަން: ސްޓޮއިކޯފް

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން މިރޭ މާޒިޔާއާ ދެކޮޅަށް ނިއުރޭޑިއަންޓް ނުކުންނާނީ އެކުލަބުގެ ނަން ދަމަހައްޓަން އަޒުމް ކަނޑައަޅައިގެން ކަމަށް ނިއުއިން ބުނެފި އެވެ.

ކޯޗު ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފް ބުނީ "ހަގީގަތަކީ މާޒިޔާ އަކީ ރާއްޖޭގެ ގައުމީ ޓީމު،" ކަމަށެވެ.

"އެއީ ހަގީގަތަކީ. އަދި މިއީ ފައިނަލެއް. އަހަރުމެން މިނުކުންނަނީ ގައުމީ ޓީމާ ދެކޮޅަށް. އެކަމަކު އަހަރުމެން މަސައްކަތް ކުރާނީ ނިއުރޭޑިއަންޓްގެ ނަން ދަމަހައްޓަން. ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެނޭޖްމަންޓުން ވެސް ވިސްނަނީ އެގޮތަށް،" މީގެ ކުރިން ދެ ފަހަރެއްގެ މަތީން ނިއު އަށް ކޯޗުކޮށްދީފައިވާ ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

ހުސްވި ސީޒަނުގައި މަހިބަދޫގެ ކޯޗަކަށް ހުރި ސްޓޮއިކޯފް ބުނީ މިރޭގެ މެޗުގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ކުޅޭނެ ކަމަށާއި ނިއު އަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ރަނގަޅު ކީޕަރެއް ޓީމުގައި ހުރުން ކަމަށެވެ.

މި މެޗުގައި ނިއުވާދަކުރަނީ މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަންޓީމުގެ ހައިސިއްޔަތުންނެވެ. މާޒިޔާ ކުޅެނީ ގައުމީ ޗެމްޕިއަނުންގެ ގޮތުގަ އެވެ.

މިދިޔަ އަހަރަށްވުރެ ނިއު ވަނީ ކުޅުންތެރިންގެ ގޮތުން ހީނަރުވެފަ އެވެ. ހާއްސަކޮށް ޓީމުގައި ތިބި މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ މާޒިޔާ އާއި ވެލެންސިއާ އަދި ޓީސީ އަށް ބަދަލުވެފަ އެވެ.

މިހެންވެ ސްޓޮއިކޯފް ބުނީ އޭނާގެ ޓީމަކީ ޒުވާން ޓީމެއް ކަމަށާއި އަދި އާކުޅުންތެރިން ކިތަންމެ ގިނަ ނަމަވެސް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

މި މެޗުން މޮޅުވެގެން ނިއު އަށް ލިބޭ ފައިސާގެ ތެރެއިން 20 ޕަސެންޓް ހަދިޔާކުރާނީ އޯޓިޒަމް އެސޯސިއޭޝަނަށެވެ.