ބޭރު ކުޅިވަރު

ޕީއެސްޖީން ބޭނުންވާނަމަ ނޭމާ ހިނގައިދާނެ: އެޖެންޓް

ފްރާންސްގެ ޕީއެސްޖީން ބްރެޒިލްގެ ނޭމާ އަށް ޝައުގުވެރިވާނަމަ ބާސެލޯނާ އަށް ކުޅޭ ފޯވަޑް ކުލަބު ބަދަލުކޮށްފާނެ ކަމަށް ކުޅުންތެރިޔާގެ އެޖެންޓް ބުނެފި އެވެ.

ނޭމާގެ އެޖެންޓް ވަގްނާ ރިބެއިރޯ ބުނީ ފްރާންސްގެ ޕެރިހުގައި ދިރިއުޅެ، ޕީއެސްޖީ އަށް ކުޅުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ވެސް އުއްމީދެއް ކަމަށެވެ.

އަދި ނޭމާ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރަށް ހަމަވާނެ ކަމަށާއި ކޮންޓްރެކްޓް ހަމަވުމުން ނޫނީ ވަކިއެއްޗެއް ބުނަން ދަތި ކަމަށެވެ.

"މިވަގުތު އޭނާ ހުރީ ބާސެލޯނާގައި ވަރަށް ހިތްހަމަޖެހިގެން. ވަރަށް ގަޔާވެގެން އޭނާ ކުޅެމުންދަނީ. އެކަމަކު ޕީއެސްޖީން ހުށަހަޅައިފިއްޔާ އޭނާ އެކުލަބަށް ދިއުމަށް މަޝްވަރާކޮށްފާނެ،" އެޖެންޓް ބުންޏެވެ.

ބާސެލޯނާއާއެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް ހަމަނުވަނީސް އޭނާ ގެންދެވޭނީ ޓްރާންސްފާ ފީއަކަށް 154 މިލިއަން ޕައުންޑްދީގެންނެވެ. ނޭމާގެ އެޖެންޓް ބުނީ މިއީ ޕީއެސްޖީ ކަހަލަ ކުލަބަކުން ނޭމާ ބޭނުންވާނަމަ ހޭދަކުރެވިދާނެ އަދަދެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ކުލަބުތަކުން ވެސް ޝައުގުވެރިވާ ނޭމާއަކީ ބާސެލޯނާގެ އެންމެ މުހިންމު އެއް ފޯވަޑެވެ. ނަމަވެސް ޓެކްސްއާއި ނޫސްވެރިންގެ އުނދަގޫ ވެސް ބޮޑުވުމުން ސްޕޭން ނޫން ގައުމަކުން ނޭމާ ފެނުމުގެ ފުރުސަތު އޮތް ކަމަށް އޭނާގެ ގާތްމީހުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.