އިސްލާމިކް ސްޓޭޓް

އައިއެސް އިން އިރާގަށް ހަމަލާދީ 62 މީހުން މަރާލައިފި

އިރާގުގެ ވެރިރަށް ބަގުދާދަށް އިއްޔެ އައިއެސް އިން ހަމަލާތަކެއް ދީފި އެވެ. އިރާގުގެ އެކި ހިސާބުތަކަށް އަމާޒު ކުރި ހަމަލާތަކުގައި 62 މީހަކު ވަނީ މަރާލާފަ އެވެ.

ބަގުދާދުގައި ހުންނަ މިލިޓަރީ ޕޯސްޓަކަށް އަމާޒުކޮށް އައިއެސް ދިން ހަމަލާގައި 62 މީހުން މަރުވި އިރު ޒަހަމްވި މީހުންގެ އަދަދު މިހާރުވަނީ 83 އަށް އަރާފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 26 މީހުންނަކީ އިރާގުގެ ސިފައިންނެވެ.

ބަގުދާދުގެ އެހެން ހިސާބެއްގައި ކާރުގައި ބޮން ހަރުކޮށް ގޮއްވާލައިގެން ދިން މިހަމަލާތަކުގައި ޕްރޯ ގަވާމެންޓު މިލީޝިއާގެ ހަ މީހުން ވަނީ މަރުވެފަ އެވެ. އަދި އިތުރު 18 މީހުން ޕްރޯ ގަވަމެންޓުން ޒަހަމްވި ކަމަށްވެސް ވެ އެވެ.

އަދި ފަލޫޖާ އަވަށަށް ދިން ހަމަލާގައިވެސް އިރާގު އަސްކަރިއްޔާގެ 13 ސިފައިން މަރުވި ކަމަށްވެ އެވެ. ބަގުދާގުގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުންވަނީ މަރުވެފަ އެވެ. އަދި ބޮޑު ވަޒީރު މިޝަހްދާ ސަރަހއްދުން ދަތުރުކުރައްވަމުން ގެންދެވި ވަގުތުގައި އެސަަރަހައްދުގައިވެސް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 10 މީހުން ވަނީ މަރާލާފަ އެވެ. އޭގެ ތެރޭގައިވެސް ޕްރޯ ގަވަމެންޓު ފޯސްގެ ސިފައިން ހިމެނެ އެވެ.

އަދި މީގެއިތުރުން ދެކުނުގައި އޮންނަ ނަސްރިއްޔާ ސިޓީގައި ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެ 23 މީހުންވަނީ ޒަހަމްވެފަ އެވެ. ބަސްރާ ސިޓީގައި ޕާކުކޮށްފައިވާ ކާރެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިން ފަސް މީހުން މަރުވި އެވެ. އެހަމަލާގައި 11 މީހުން ޒަހްމވި އެވެ. އަލް ނައްސަރު އަވަށުގައި ދިން ހަމަލާއެއްގައި އާންމު ރައްޔިތުންގެ ދެމީހުން ަމރުވެ ހަތް މީހުން ޒަހަމްވި އެވެ.

އައިއެސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އަންބާރު ޕްރޮވިންސާއި މޫސަލް ސިޓީ އިރާގު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިއުމާއެކު އައިއެސް ޖަމާއަތުން ދެމުންދާ ހަމަލާތައްވަނީ އެތައް ގުނައެއް އިތުރުކޮށްފަ އެވެ. ނަމަވެސް އެޖަމާއަތުން މިހަމަލާތައް ދީފައިމިވަނީ ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އެވެ. އިރާގު އަސްކަރިއްޔާއިންވެސް މިހާރުވަނީ އައިއެސް އާއި ދެކޮޅަށް ހާއްސަ އޮޕްރޭޝަންތައް ފަށާފަ އެވެ.