ލައިފްސްޓައިލް

މަންމަމެން ހެދީ ހުސް ދޮގު، ކޮންމެ މަންމައެއްގެ ވެސް ފެވަރިޓް ދަރިއެއް ހުރޭ!

އަހަރެން އެންމެ ހިތުގައި ޖެހުނު ދުވަހެއް ބުނަން ހެއްޔެވެ؟ ހިޔާލެއް ފިކުރެއްނެތި މަންމަގެ މޭމަތީގައި ނިދަ ނިދާފައި އޮތްވައި، އައި ނައިތަނެއް ނޭނގި ގެއަށް ކޮއްކޮއެއް ލޭންޑް ކޮށްލުމުންނެވެ. ހިތް ކުދިކުދިވެ ހަފުސްވި އެވެ. އަބަދު ބޯ އަރުވާލައިގެން އޮންނަން ބޭނުންވި މަންމަގެ އަތްދަނޑިމަތި މާ ކުޑަ ކުޑަ ކޮއްކޮއަކު އައިސް ހިބަކޮށް ނަގައިފިއެވެ. މިވަރަކުންނެއް ނުފުދުނެވެ. ކޮއްކޮ އަހަރެންގެ ތަންމަތި ވެސް ނެގީއެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ކޮއްކޮއަކު ލިބުމުން މަންމަ އަހަރެން ދެކެ ލޯބި ނުވާނެއޭ ހިތަށް އެރިޔަސް އެކަން އެހެނެއް ނުވިއެވެ. މިއަދުވެސް މަންމަގެ ރަންގަނޑަކީ އަހަންނެވެ. އޭގެ ފަހުން އެހެން ކޮއްކޮއަކު ވެސް އަހަންނަށް ލިބިއްޖެ އެވެ. އެކަމަކުވެސް އަހަރެން ރިހި ގަނޑަކަށް ބަދަލެއް ނުވި އެވެ. މިކަމެއް އަހަންނަށްވުރެ ކުޑަ ދެމީހުންގެ ޝަކުވާއަކަށްވެސް ވެ ނިމިއްޖެ އެވެ. އެކަމަކު މިބުނީ ކޮންމެހެން މަންމަ ކޮއްކޮ ބާކީ ކޮށްލީ ވާހަކައެއްވެސް ނޫނެވެ. މަންމަގެ ފެވަރިޓަށް އަހަރެން ވީ ވާހަކައެވެ.

ދަރިފުޅު: މަންމާ! މަންމަ އެންމެ ލޯބިވަނީ ކޮން ކުއްޖަކު ދެކެ؟

މަންމަ: މަންމަ މަންމަގެ ހުރިހާ ކުދިން ދެކެވެސް ލޯބިވަނީ ހަމަ އެއް ވަރަކަށް. މަންމަ ގާތު ނުވާނެ އެއްވެސް ކުއްޖަކު ތަފާތެއް!

ދެންމެ މިގެނައި ކުޑަ ޑައިލޮގް ކޮޅަކީ އަހަރެންގެ ގޭގައި ހަފުތާއަކު ދެ ފަހަރަށް އަޑުއަހާލަން ލިބޭ ޑައިލޮގެކެވެ. އެކަމަކު ހަމަ މި ޑައިލޮގެއް ތަކުރާރުކޮށް އަޑުއަހާލަން ނުލިބޭ ގެއެއް މި ރާއްޖެއަކުން ފެންނާނެ ހެނެއް ހިއެއް ނުވެއެވެ. އަޅެ ފަހެ މިހާ އާންމު ޖަވާބެއްގެ ހަގީގަތް ހޯދާލަން ފީނާލަމާ ހިނގާށެވެ.

މަންމަމެންގެ އާންމު ބަހުރުވައިން ނަމަ ފެވަރިޓް ނުވަތަ އެންމެ ލޯބިވާ ދަރިއަކު އެއްވެސް މަންމައެއްގެ ނުހުރެއެވެ. އެކަމަކު ސައިންސްވެރިން މިވަނީ މަންމަމެންގެ މި "ބޮޑު ދޮގު" ފަޅާއަރުވާލާފަ އެވެ.

އިނގިރޭސި ސޯޝިއޮލޮޖިސްޓެއް ކަމަށްވާ ކެތަރިން ކޮންގާ ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ މަންމައެއްގެ ވެސް ފެވަރިޓް ކުއްޖެއް އެބަ ހުރެއެވެ. މަދުވެގެން ހަތަރު އަހަރުގެ ތަފާތު ހުރި ކުދިން ހިމެނޭ 380 އަށްވުރެ ގިނަ އާއިލާ ބައިވެރިކޮށްގެން ކޮންގާ އާއި އޭނާގެ ރިސާޗް ޓީމުން ކުރި ދިރާސާއިން ދައްކާގޮތުން މައިން އެންމެ ބޮޑަށް ފިކުރުކޮށް ވިސްނަނީ ފުރަތަ ދަރިފުޅާ ދޭތެރޭގައެވެ. މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ފުރަތަމަ ދަރިފުޅަކީ އެމީހުންގެ ގިނަ އުންމީދުތަކާއި އާއިލާގެ އިއްޒަތާއި ގަދަރު ގުޅިފައިވާ ކުއްޖާއަށް ވުމެވެ.

މި ދިރާސާއިން ދައްކާގޮތުން ރިސާޗްގައި ބައިވެރިވި އާއިލާތަކުގެ 70 ޕަސެންޓް ކުޑަ ކުދިންނަކީ އެމީހުންނާއި އެމީހުންގެ ބޭބެ ނުވަތަ ދައްތައާ ދެމެދު ކޮންމެވެސްވަރެއްގެ ތަފާތުކުރުންތަކެއް މަންމަ ގެންގުޅޭކަން ފާހަގަކުރެވޭ ކުދިންނެވެ. ނޫނީ ބައެއް ކަންކަމުގައި މަންމަގެ ދެގޮތެއްނުވާ އިތުބާރު ހޯދަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކުދިންނެވެ.

މި ނަތީޖާ ލިބުމުން ކޮންގާގެ ޓީމުން ގަބޫލުކުރީ، ހަނގަށް ތިބޭ ކުދިން އެމީހުން ތަފާތުކުރާކަމަށް ދެކެނީ އެމީހުން ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމެއްގެ "ފުރަތަމަ ތަޖުރިބާ" ދައްތަ ނުވަތަ ބޭބެއާ އެކު މަންމަޔަށް ހޭދަކޮށްލެވުމުން އެމީހުންނަށްވުރެ ބޮޑަށް މަންމަ ދައްތަ ދެކެ ލޯބި ވަނީ ކަމަށެވެ.

ކޮންމެއަކަސް ކޮންގާގެ މި ދިރާސާ ގަބޫލުކުރެވޭނަމަ، މި މައްސަލާގަ މިއޮއްހާ ދުވަހު މަންމަ ދޮގުހަދާ ކަމަށް ހިތުގައި އޮތް ޝައްކު ތިޔަ ފިލީ އެވެ. މި ދިރާސާ ގަބޫލު ނުކުރެވޭނަމަ މަންމަޔަށް ތިޔަކުރި އިތުބާރު ތިގޮތުގައި އަދިވެސް ބާއްވާށެވެ.

ކޮންގާގެ ސައިންސުން އާއިލާތަކުގެ ހަނގު ކުދިންގެ ވިސްނުން ހޯދި ގޮތަށް އިތުރު ހަގީގަތެއްވެސް ހޯދިއެވެ. މަންމަގެ ފެވަރިޓަކީ ކޮންމެ ކުއްޖަކަށް ވިޔަސް، މި ފެވަރިޓަކީ ކޮބައިކަމާ މެދު ނުވިސްނާ އެންމެ ކުއްޖަކުވެސް ދިރާސާގައި ހިމެނި އާއިލާތަކުގެ ތެރޭގައި ނެތް ކަމެވެ. އެހެންވީމާ މި އަރަތަ ކޮޅެއްގައި ޖައްސާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް "މަންމަގެ ފެވަރިޓް" އަށް ވުމުގެ ވާދަވެރިކަން ކޮންމެ އާއިލާއެއްގައިވެސް ވެފައި މި އޮންނަނީ އޮލިމްޕިކް މުބާރާތަކާ އެއް ފެންވަރެއްގަ އެވެ. މިއީ ބައެއް ފަހަރު ވަރަށް ފައިދާވެސް ކުރަނިވި ކަމެކެވެ. ގިނަ ކުދިން ހިމެނޭ އާއިލާތަކުގެ ކުދިންނަކީ މި ވާދަވެރިކަމެއްގެ ތެރެއިން ނުހަނު ތޫނުފިލި ކުދިންނަށް ވެގެން ނިކުންނަ ބައެކެވެ.

އެހެންވީމާ މަންމަގެ ފެވަރިޓަށް ވެވިދާނެ މޮޅު އުކުޅެއް ބުނެދެން ހެއްޔެވެ؟ މަންމައާއި ބައްޕަ ލޯބިވެޔޭ ބުނާ ވަރަށް އެމީހުންނަށް އަމިއްލަ ފަރާތުންވެސް ލޯބި ދޭށެވެ. އަދި ލޯބިވާ ކަމަށް އެމީހުން ގާތު ބުނެ ޔަގީންކޮށްދޭށެވެ. އޭރުން ނުވިޔަސް އޮންނާނީ ފެވަރިޓަކަށް ވެފައެވެ.