އެކައުންޓްގައި ހުރި ފައިސާ ނުނެގިގެން ހުސްވި މަހުގެ މުސާރަނުދެވި އެފްއޭއެމް ތާށިވެއްޖެ އެވެ.
އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ގައުމީ ފުޓްބޯޅަ އިދާރާގެ ބައެއް މުވައްޒަފުންނަށް ހުސްވި މާޗު މަހުގެ މުސާރަނުދެވިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެފްއޭއެމުގެ އެކައުންޓްގެ ސޮއި ބަދަލުނުކުރެވި އޮތުމުން ފައިސާ ނެގޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންގެ ތެރެއިން އެފްއޭއެމުގެ އެކައުންޓުން ފައިސާ ނަގަން ޗެކުގައި ސޮއިކުރަން ހަމަޖައްސާފައިވަނީ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދާއި ކޮމިޓީގެ މެމްބަރު އަލީ އުމަރެވެ. ފައިސާ ނުނެގި ތާށިވާގޮތްވީ މީގެ ތެރެއިން ޝަވީދު އިސްތިއުފާ ދީފައި ހުރުމުންނާއި މިވަގުތު އޭނާ ރާއްޖޭގައި ވެސް ނެތުމުން ޗެކުގައި ސޮއިކުރެވޭނެ ގޮތެއް ނެތުމުންނެވެ.
މި މައްސަލަ ހައްލުކުރުމަށް އެފްއޭއެމުން މިހާރުވަނީ ޝަވީދުގެ ބަދަލުގައި ޗެކުގައި ސޮއިކުރާނެ އެހެން މީހަކު ހަމަޖެއްސުމަށް ބޭންކަށް ހުށަޅައިފަ އެވެ. ނަމަވެސް ބޭންކަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރެއިން ހުސްވި މަހު ފީފާއިން އަލުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންގެ މަގާމާއި ނަން އެނގޭގޮތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދޭން ޖެހޭ ލިޔުން ލިބިފައިވާ ނުވާތީވެ ބޭންކުންވަނީ ސޮއި ބަދަލުކޮށްދިނުން ހުއްޓާލައިފަ އެވެ. ސޮއި ބަދަލުކުރުމަށް ބޭންކަށް ދޭންޖެހޭ ލިޔެކިއުންތަކުގެ ތެރެއިން މިހާތަނަށް މަދުވަނީ ވެސް މި ލިޔުން އެކަންޏެވެ.
އަސާސީ ގަވާއިދުގެ މައްސަލާގައި ހުއްޓިފައިވާ އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި އެފްއޭއެމާއި ޔޫތު މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ މެދުގައި ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. މި ގޮތުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކުރަމުންދާއިރު އަންނަ މަހުގެ ނިޔަލަށް އިންތިހާބު ނުބާއްވައިފިނަމަ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އޮޓެމެޓިކުން ރާއްޖެ ސަސްޕެންޑްވާނެ ކަމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.