ބޮލީވުޑް

"ރައީސް"ގެ ޝޫޓިން ނިންމާލައިފި

Apr 6, 2016

މިއަހަރުގެ ކުޑަ އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް"ގެ ޝޫޓިން ނިންމާލައިފި އެވެ.

ރާހުލް ދޯލާކިއާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކުރަމުން ޝާހްރުކް ކުރި ޓްވީޓެއްގައި ވަނީ ފަހަރުގައި ދެން މިފިލްމުގައި ބާކީ އޮތީ ވަރަށް ކުޑަ މަސައްކަތެއް ކަމަށާއި، މިފިލްމުގެ ޓީމަކީ މިހާތަނަށް އޭނާ މަސައްކަތްކުރި އެންމެ މަޖާ ޓީމުކަމަށް ބުނެފަ އެވެ.

"ރައީސް"ގައި ޝާހްރުކް އާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު މާހިރާ ޚާން އެވެ. މިފިލްމުގެ މުހިންމު ރޯލަކުން ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.

މިފިލްމުގެ އައިޓަމް ލަވައަކުން ބަތަލާ ސަނީ ލިއޯން ވެސް ފެނިގެންދާނެ އެވެ. ޝާހްރުކް، ސަނީ އާއެކު ފެނިގެންދާނީ 1980ގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި ފިލްމު ގުރްބާނީގެ "ލައިލާ އޮ ލައިލާ"ގެ ރީބޫޓް ވާޝަން އިންނެވެ.

"ރައީސް"ގައި ޝާހްރުކް ފެނިގެންދާނީ އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ ޑޯން އެއްގެ ރޯލުންނެވެ. ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ފޭން" އިންނެވެ.