ހަބަރު

ނޫސްވެރިއަކާ ދެކޮޅަށް މީހަކު އަބުރުގެ ދައުވާއެއްކޮށްފި

ފުވައްމުލަކުގެ ކޮމިއުނިޓީ ވެބްސައިޓެއް ކަމަށްވާ "ރަށޮވެށި.އެމްވީ"ގައި ލިޔުނު ހަބަރާ ގުޅިގެން، އެ ނޫހުގެ އެޑިޓަރު އަހުމަދު މައުރޫފްގެ މައްޗަށް އެ ރަށުގެ މީހަކު ދައުވާކޮށްފި އެވެ.


ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ، ރަށޮވެށި.އެމްވީގެ އެޑިޓަރު މައުރޫފްގެ މައްޗަށް ފުވައްމުލަކު ކޯޓުގައި ދައުވާ ކުރީ އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގެ ކުރީގެ ކައުންސިލަރެއް ކަމަށްވާ، އިބްރާހިމް ޖުނައިދެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ވަނީ މިއަދު ހެނދުނު 10:00 ގައި އެ ކޯޓުގައި ބާއްވައިފަ އެވެ. މީގެ ކުރިން ޓީވީއެމްގައި ވެސް މަސައްކަތް ކުރެއްވި މައުރޫފް މިއަދު އަވަސް އަށް ވިދާޅުވީ ޖުނައިދު އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފައި ވަނީ، ފުނާޑު އަންހެން ފުޓްސަލް ޓީމުގެ އޮފިޝަލަކާ ހަވާލާދީ ލިޔުނު ހަބަރެއްގައި ޖުނައިދުގެ ނަން ބޭނުންކޮށްފައި ވާތީ އޭނާގެ އަބުރަށް ހުތުރުވާ ކަމަށް ބުނެ ބަދަލު ނަގައިދިނުމަށެވެ.

މައުރޫފް ވިދާޅުވީ އެ ހަބަރު ޝާއިއު ކުރީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.

"މިއަދު އޮތީ އިބްތިދާއީ އަޑުއެހުންތައް، މާދަމާ ދައުވާ އިއްވުމަށް ދައުވާކުރާ ޖުނައިދަށް ފުރުސަތު ދޭނެ ކަމަށް މިއަދު ޝަރީއަތުން ބުނި، އުއްމީދުކުރަނީ މި މައްސަލަ ޝަރީއަތުން އިންސާފުވެރިކަމާއެކު ބަލައިދޭނެ ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، ޖުނައިދުގެ އަބުރަށް ހުތުރުވާ ފަދަ އެއްވެސް ވާހަކައެއް އެ ނޫހުން ޝާއިއު ނުކުރާ ކަމަށެވެ. އަދި އެހަބަރުގައި ޖުނައިދު އަށް ރައްދުވާ ވާހަކަތައް ލިޔެފައި ވަނީ ނޫހަށް މައުލޫމާތު ދިން އޮފިޝަލަކާ ހަވާލާދީ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މައުރޫފްގެ މައްޗަށް އަބުރުގެ ދައުވާކޮށްފައިވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލާމެދު ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބިލްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންކަން ހުރިކަން ނޫސްވެރިން ވަނީ ފާހަގަކޮށް، އެކަންކަން ސަމާލުކަމަށް ގެނެސްފަ އެވެ. އެ ބިލް ހުށަހެޅުއްވި ޕީޕީއެމްގެ ޕީޖީ މެންބަރު އަހުމަދު ނިހާން ވަނީ، ނޫސްވެރިކަމަށް ހުރަސް ނޭޅޭނެ ގޮތަށް ބިލް އިސްލާހު ކުރުމަށް އެއްބަސްވެ ވަޑައިގަތް އެކަމުގެ މަސައްކަތް މީޑިއާ ކައުންސިލާ އެކު ފައްޓަވައިފަ އެވެ.