ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު، އެކްޓަރު ސައިފް އަލީ ޚާންއާ 2012 ވަނަ އަހަރު ކައިވެނިކުރި ހިސާބުން ފެށިގެން މި ދެ ތަރިންނަށް ކުއްޖަކު ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ.
އެކި އިވެންޓްތަކާއި ހަފްލާތަކުންވެސް ކަރީނާ ކުރެން، ކުއްޖަކު ހޯދަނީ ކޮންއިރަކުންތޯ އެހެމުން އަބަދުވެސް އޭނާގެ ޖަވާބަކަށް ވެފައި އޮންނަނީ އަދި އޭނާ އާއި ސައިފް ކުއްޖެއް ހޯދަން ތައްޔާރު ނޫންކަމަށެވެ.
މީގެކުރިން އަމްރިތާ ސިންގްއާ ކައިވެންޏެއްކޮށް ސައިފްގެ ދެ ކުދިން އެބަތިއްބެވެ.
އެންމެފަހުން "ކީ އެންޑް ކާ" އިން ފެނިގެން ގޮސްފައިވާ ކަރީނާ މީގެ ދުވަސްކޮޅެއްކުރިން ގައިނަކޮލޮޖިސްޓަކަށް ދައްކަން ގޮސް ހުއްޓައި ފެނިފައިވާ ކަމަށް ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓާއި ގުޅިގެން އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އަދި އެހެން ބައެއް ނޫސްތަކުގައިވަނީ ކަރީނާ ގައިނަކޮލޮޖިސްޓް ކައިރިއަށް ގޮސްފައިވަނީ ބަނޑުބޮޑު ވެގެން ނޫންކަމަށާއި އޭނާ މިހާރު އަންނަނީ ފަހުން ފާޓަލައިޒްކުރުމަށް އެގް ފްރީޒްކުރުމުގެ މަރުހަލާ އަށް ތައްޔާރުވަމުންނެވެ.
އެގް ފްރީޒިން އަކީ، ދަރިން ހޯދުން މުށުތެރެއަށް ގެންދިއުމެވެ. ހޯމޯން އިންޖެކްޝަންތަކުގެ އެހީގައި އޯވަރީ އަށް ޑޯޒްތަކެއް ދީގެން އަންހެނާގެ ރަހިމުން ބިސްތައް އުފައްދައި އެ ބިސްތައް ނަގައި ހާއްސަ ފިނިހޫނުމިނެއްގައި ރައްކާކުރަނީ އެވެ. އެއަށް ފަހު އަލުން މި ބިސް އަންހެން މީހާގެ ރަހިމަށް ލައްވަނީ ބަލިވެއިނުމަށް އެ މީހަކު ތައްޔާރުވާ ނުވަތަ ބޭނުންވާ ހިސާބުންނެވެ.
މިފަދަ ސިއްހީ އެހީތެރިކަމެއް ބޭނުންކޮށްގެން ކަރީނާ ބަލިވެއިނުމަށް މަސައްކަތްކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް ކަރީނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އޭނާ ބަނޑުބޮޑު ނޫން ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ދަރިއެއް ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް ބުނެފަ އެވެ.
"އެގް ފްރީޒްކޮށްގެން ދަރިން ހޯދުން އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން" އުމުރުން މިހާރު 35 އަހަރުވެފައިވާ ކަރީނާ ބުނެފައިވެ އެވެ.
ސައިފް އަލީ ޚާން އަށް 45 އަހަރެވެ.
ބިސް ފްރީޒްކުރުމަކީ މިފަހަކަށް އައިސް ވަރަށް ގިނައިން ކުރާ ކަމެކެވެ. ބިސް ފްރީޒްކުރުމުން ކައިވެނިކޮށްގެން އަވަހަށް ދަރިން ހޯދުމުގެ ބަދަލުގައި އެމީހަކު ދަރިން ހޯދަން ބޭނުން އިރަކުން ހޯދުމުގެ ފުރުސަތު އޮވެ އެވެ.
ކަރީނާ ބަނޑުބޮޑު ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ ޝާހީ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަރީކޮޅަށް ވެސް ދެވެން ނެތްކަމަށް ބުނުމުންނެވެ.