ކޮލަމް

އަންހެނުން ނުލަފާ ވަނީ ފިރިހެނުންނާ ހެދި، ފިރިހެނުން ނުލަފާ ވަނީ ކީއްވެ؟

ވ.ރަކީދޫގައި ކުއްޖަކު މަރާލުމުގެ ތުހުމަތު އެ ކުއްޖާގެ މަންމަގެ މައްޗަށް ކުރެވިފައި ވާއިރު އެ މަންމަ އެވަރުުގެ ކަމެއް ކުރާ ހިސާބަށް ދިޔަ ސަބަބުތަކެއް ހުންނާނެ އެވެ. މަންމަ އަށް އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން ވެސް އެކި ގޮތްގޮތުން އަނިޔާ އާއި ގޯނާ ލިބެމުން ދިޔައިރު އެކަންކަން ހުއްޓުވިފައި ނެތުމަކީ އަނިޔާވެރި މަޔަކަށް އޭނާ ވެގެން ދިޔަ ސަބަބު ކަމަށް ގަބޫލުކުރާނެ މީހުން ވަރަށް ގިނަވާނެ އެވެ. އެކަން ގަބޫލުކުރަން ވެސް ޖެހެ އެވެ. އެކަމަކު އަނިޔާ ނުވަތަ އެބިއުސް ކުރުމުގެ ވާހަކަ ކުށަށް އަރައިގަންނަ އަންހެނުންނާ އެކަނި ގުޅުވުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

މި ވާހަކަ މި ދައްކަނީ ވެސް ވަރަށް ބޮޑު ކަމެއް ސިކުނޑީގައި ހަރުލައްވައިގެން ހުރެ އެވެ. އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ކުރާ މަސައްކަތާ ބެހޭ ގޮތުން ކުޑަ ނަމަވެސް ފާޑެއް ކިޔައިފި މީހަކު ހަވަރަށް ދޭނެ އެވެ. އެ މީހަކު ވާނީ ތަންދޮރު ނުދަންނަ މީހަކަށެވެ. އެކަމަކު ހައްގުތައް ހޯދުމުގައި ވެސް ހަމަހަމަ ކަމާއި އިންސާފު އޮންނަން ވާނެއެއް ނޫން ހެއްޔެވެ؟ ހައްގުތައް ލިބިދިނުމުގައި އަންހެނެއް އަދި ފިރިހެނެއް ތަފާތު ކޮށްގެން ނުވާނެ އެވެ.

ކުރީގެ ފިރިމީހާގެ ބުރަކައްޓަށް ވަޅި ހަރާ މަރާލި ކަމަށް ޝަރީއަތުގައި އެއްބަސްވި އަންހެނެއްގެ ވާހަކަ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވާނެ އެވެ. އޭނާ ދަންނަ އެންމެން ވެސް ބުނާ ގޮތުގައި ކުރީގެ ފިރިމީހާގެ ބުރަކައްޓަށް ވަޅި ހަރާ ހިސާބަށް ދިޔައީ އޭނާ އަށް އެ ފިރިހެން މީހާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް އިންތިހާ އަށް ގޮސް، ރައްކާތެރިކަން ހޯދަން އެހެން ގޮތެއް ނެތް ކަމަށް ގަބޫލުކުރެވުނު ހިސާބުންނެވެ. މީގެ މާނަ އަކީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ މީހަކު މެރުމުގައި މައްސަލައެއް ނެތުން ހެއްޔެވެ؟ ކުޑަކުއްޖާ އަށް އޭނާގެ މަންމަ އަނިޔާކުރަނީ ވެސް މަންމަ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށްވާ ނަމަ އަންހެން މީހާގެ ކުށެއް އޮތް ކަމަށް ނުބަލަންވީ ހެއްޔެވެ؟

މި ވާހަކަ ތިލަކޮށްލަމާ ހިނގާށެވެ. ޖިންސީ ވިޔަފާރީގައި އަންހެނަކު އުޅޭ ނަމަވެސް އެއީ ފިރިހެނުންގެ ސަބަބުން އެ މީހަކަށް އުޅެން މެދުވެރިވި ގޮތް ކަމަށް ވަރަށް ފަސޭހައިން އެބަ ނިންމެ އެވެ. އެކަމަކު އަންހެނުންގެ ކަރާމާތަށް އަރައިގަންނަ ފިރިހެނުން އުފެދިގެން އަންނަނީ ކީއްވެތޯ ނުބަލަ އެވެ. ޖުމުލަކޮށް ފިރިހެނުންނަކީ ނުބައި ނުލަފާ ބަޔަކީ ހެއްޔެވެ؟ އަންހެނަކަށް އަދި ފިރިހެނަކަސް އެ މީހެއްގެ އުޅުމާއި އަހްލާގު ބައްޓަން ވެެގެން އަންނާނީ ކޮންމެވެސް ބައެއްގެ ނުފޫޒުންނެވެ. އާއިލާ، އެކުވެރިވެރިން ނުވަތަ މުޖުތަމައުުގެ ސަބަބުންނެވެ. އެހެންވެ އަންހެނުންނަށް ހިމާޔަތް ހޯދައިދޭން ބޭނުން ނަމަ އަދި ޖުމުލަކޮށް މުޖުތަމައުގެ އަމާންކަން ބޭނުން ނަމަ ކުރަންޖެހޭ ސަބަބަކީ އަންހެނުންނާއި ފިރިހެނުން މަގުން ކަސިޔާރުވާ ސަބަބުތައް ނައްތާލުމެވެ. ވަކި ޖިންސެއްގެ ހިމާޔަތަށް މަސައްކަތް ކުރުމެއް ނޫނެވެ. ވަކި ޖިންސެއްގެ ބަޔަކީ އަނެއް ޖިންސުގެ މީހުން ހަލާކު ކުރާ ބައެއްގެ ގޮތުގައި ބެލުމެއް ނޫނެވެ.

އަންހެނުންނަށް އަނިޔާ ލިބޭ މިންވަރު ނިސްބަތުން ގިނަ ކަމަށް ގަބޫލުކުރަމެވެ. އެކަމަކު ކުށަށް އަރައިގަންނަ އަންހެނުންނަކީ އެހެން މީހުންނާ ހެދި ޑިޕްރެޝަނަށް ގޮސްގެން ނުވަތަ ނަފްސާނީ އެހެން މައްސަލައެއް ދިމާވެގެން ކުށްކުރާ މީހުންގެ ގޮތުގައި ބަލަން ވެއްޖެ ނަމަ އިންސާފަކީ ކޮބައިހެއްޔެވެ؟ ކޮންމެވެސް ނަމެއް ކިޔާފައި ސިންޑްރޯމެއް ކުރިމަތިވާން އަންހެނެއް ފިރިހެނެއް ނޯވެ އެވެ. އެކަމަކު ފިރިހެނަކު ނަމަ ކުށް ކުރަނީ ހަމަ ނުބައި ނުލަފާ ކަމުންނެވެ. އަންހެނަކު ނަމަ ކުރިން ބުނިހެން ކޮންމެވެސް ސިންޑްރޯމަކާ ހެދި އެވެ.

އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ލޯބިވެރިޔާއާ މައްސަލަ ޖެހި އަމިއްލަ ބަނޑަށް ވަޅި ހެރި ހާދިސާއެއް މީގެ ކުރިން މީޑިއާގައި އުޅުނެވެ. އެ ހާދިސާގައި ފިރިހެން ކުއްޖާގެ ލޯބިވެރިޔާ އަކީ 18 އަހަރު ފުރިފައިވާ، ގާނޫނީ ގޮތުން ބޮޑު މީހެކެވެ. ނަހަލާލަށް ދަރިއަކު ހުއްޓެވެ. ފިރިހެން ކުއްޖާ މި ބުނާ ލޯބިވެރިޔާ ގާތަށް އެހެން ރަށަކަށް ގެންދިޔައީ އެވެ. އެކަމަކު އެކަން މީޑިއާގައި ވެސް އަދި އާންމުންގެ ތެރޭގައި ވެސް އޭރު ނިމިގެން ދިޔައީ "އެއީ ބޮޑު ފިރިހެނެއް" ކަމަށާއި އޭނާ "އެ މީހާ ކައިރިއަށް އެ ރަށަށް ދިޔައީ ކީއްކުރަންހޭ" ކިޔައިފަ އެވެ. އެ މައްސަލަ އެ ހިސާބުން ނިމުނީ އެވެ. އެކަމަކު އެއީ މީހަކާ އިނދެ ދަރިން ލިބިފައި ހުރި ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖަކު ރަށަކަށް ގެންގޮސްގެން އުޅެނިކޮށް ހިނގި ކަމެއް ނަމަ އެވަރުން ނިމިގެން ދާނެބާވައޭ ހިތަށް އަރަ އެވެ!

ކުށެއް ކުރާއިރަށް އެ މީހަކު އެކަން ކުރީ އެވެނި ބަޔަކާ ހެދިއޭ ބުނެ އެކަން އިސްކުރެވޭ ނަމަ ކުށްކުރުމަށް ލިބޭ ހިތްވަރަކަށް އެކަން ނުވާނެ ހެއްޔެވެ؟ ހައްގުތައް ހޯދައިދިނުމާއި ހަމަހަމަކަން ގާއިމުކުރުމުގެ ނަމުގައި އިމުން ބޭރުވެ ހަމަހަކަން ނަގާލަންވީ ހެއްޔެވެ؟ މިކަމާ އެއްޗެއް ބުނާ މީހާ އަކީ ގަމާރަކަށް ހަދަންވީހެއްޔެވެ؟