ހަބަރު

މީޑިއާގެ މިނިވަންކަމަށް ގޮވާލައި ނޫސްވެރިން ޕެޓިޝަނެއްގައި ސޮއިކުރަނީ

  • ހުރީހާ މީޑިއާއެއްހެން ބައިވެރިވޭ
  • ނުވަ ކަމަކަށް ނޫސްވެރިން ޑިމާންޑްކުރޭ
  • ޕެޓިޝަން ބޭރުގެ މިޝަންތަކަށް ހިއްސާ ކުރާނެ

ރާއްޖޭގެ ނޫސްވެރިކަމަށް މި ވަގުތު ދިމާވެފައިވާ ހުރަސްތަކާއި ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބިރުވެރި މާހައުލުން ނޫސްވެރިން ސަލާމަތް ކުރުމަށް ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ދިވެހި ނޫސްވެރިން ޕެޓިޝަނެއް ތައްޔާރުކޮށް ސޮއިކުރަން ފަށައިފި އެވެ. މި ޕެޓިޝަނުގައި ރާއްޖޭގެ ހުރިހާ މީޑިއާއެއްގެ ނޫސްވެރިން ދަނީ ސޮއިކުރަމުންނެވެ. މިހާތަނަށް ވެސް ގިނަ މީޑިއާތަކެއް ގިނަ ނޫސްވެރިންތަކެއް ވަނީ ސޮއިކޮށްފަ އެވެ.

ޕެޓިޝަނުގައި ނޫސްވެރިން ގޮވާލަފައި ވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި ނޫސްވެރިން ކުރަމުން އަންނަ މުހިއްމު މަސައްކަތް ކުރާނެ އަމާން މާހައުލެއް ގާއިމްކުރުމަށްޓަކައި، މިހާރުން މިހާރަށް އަޅަން ޖެހިފައިވާ ފިޔަވަޅުތައް އެޅުމަށެވެ. ޕެޓިޝަނުގައި ބުނެފައިވަނީ، ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ފެނިގެންދަނީ ކޯޓުތަކާއި ގާނޫނު ހަދާ މަޖިލީސް ފަދަ ދައުލަތުގެ މުއައްސަސާތަކުން ވެސް ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަން އެގޮތަށް ނުކޮށް ނޫސްވެރިންނަށް ފަސޭހަ ވެއްޓެއް ގާއިމް ކުރުމަށް އެ ޕެޓިޝަންގައި ނޫސްވެރިން ވަނީ ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލައިފަ އެވެ.

މި ޕެޓިޝަންގައި ނޫސްވެރިން ވަނީ ނުވަ ކަމަކަށް ގޮވާލައިފަ އެވެ. އެއީ،

  • ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގު އަވަސްކޮށް، ކުށްވެރިވާ ފަރާތްތަކަށް އަދަބުދިނުން
  • ވަކިވަކި ނޫސްވެރިންނަށާއި މީޑިއާ އައުޓްލެޓްތަކަށް ދީފައިވާ ހަމަލާތައް އަވަހަށް ތަހުގީގުކޮށް އެކަން ކުރި މީހުންނަށް އަދަބުދިނުން
  • ބްރޯޑްކޮމްއަށް ފަދަ މީޑިއާ ރެގިއުލޭޓް ކުރާ ބޮޑީތައް ސިޔާސީ ނުކޮށް، މިނިވަން މުސްތަގިއްލު ތައުލީމީ އަދި ގާބިލް ބޭފުޅުން އައްޔަންކުރުން
  • ސަންގް ޓީވީ، ރާއްޖެ ޓީވީގެ މައްސަލަތައް މިނިވަންކަމާއެކު ބަލައި އިންސާފުވެރިކޮށް އަމަލު ކުރުމަށް
  • ގޭންގްތަކާއި ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ނޫސްވެރިންނަށް ހަމަލާދިނުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުން
  • މިހާރު ހުށަހެޅިފައި އޮތް އަބުރާ ބެހުން މަނާ ކުރާ ބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށް، އިސްލާހުކުރުން
  • މިލްކިއްޔާތާ މެދު އުފެދުނު މައްސަލައެއްގައި ހަވީރު ނޫސް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ދައުލަތުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް
  • ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގެ ތެރޭ ހައްޔަރުކުރި ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި ދައުވާނުކުރުމަށް
  • ކޯޓުތަކަށް މީޑިއާތައް ނުވެއްދުމާއި ބައެއް މީޑިއާތައް އެކަހެރި ކުރަން އެންމެހާ މުއައްސަސާތަކުން ކުރަމުންދާ ކަންކަން ހުއްޓާލުމަށް

މި ޕެޓިޝަންގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ޗީފް އެޑިޓަރުން ވަނީ ސޮއިކޮށްފަ އެވެ. މާލޭގައި ހަރަކާތްތެރިވާ މީޑިއާތަކުގެ އިތުރުން އަތޮޅުތަކުގެ ތެރޭގައި ހިންގާ މީޑިއާތަކުގެ ނޫސްވެރިން ވެސް މި ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަން ހުށަހަޅަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހަށާއި ރައިސުލްޖުމްހޫރިއްޔާ އަށާއި އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަށެވެ. މީގެއިތުރުން ހުރިހާ މީޑިއާތަކެއްގެ އިސްވެރިން ހިމެނޭ ޓީމެއް، ކޮލަންބޯއަށް ޒިޔާރަތްކޮށް ބޭރުގެ މިޝަންތަކާ ވެސް މި ޕެޓިޝަން ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޕެޓިޝަންްގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގުޅިފައިވާ ހަރަކާތްތަކެއް ނޫސްވެރިން ހިންގުމަށް ވަނީ ރާވައިފަ އެވެ. އެގޮތުން އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާ ދެކޮޅު ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ރާވައިފަ އެވެ.

ޕެޓިޝަން އަންނަ ހަފްތާ ދައުލަތުގެ ކަމާ ގުޅޭ މުއައްސާތަކާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.