ބޮލީވުޑް

ކޮއްކޮގެ ދަރިފުޅަށް ނެނީއެއް ހޯދުމުގައި އިސްކޮށް ސަލްމާން

Apr 7, 2016
2

ސުޕްސްޓް ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާނަށް މިދިޔަ ބުދަ ދުވަހު ކުއްޖެއް ލިބުމާއެކު އެއާއިލާއަށް ހީވަނީ ދެއީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ.

ސަލްމާން އާއި އޭނާގެ މުޅި އާއިލާއިން އަންނަނީ އެ އާއިލާއަށް އަލަށް ގުޅުނު ތުއްތު މެމްބަރު އުފަންވުމުގެ އުފާފާޅުކުރަމުންނެވެ.

ހޮސްޕިޓަލުން އަންގާރަ ދުވަހު ދޫކޮށްލުމުން އަރްޕިތާ އާއި ތުއްތު އާހިލް މިހާރު ގެއަށް ގޮސްފައިވާއިރު، ތުއްތު އާހިލްގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ކުރާނެ ނެނީއެއް ހޯދުމުގެ މަސައްކަތް ސަލްމާންގެ އާއިލާއިން ވަނީ ފަށާފަ އެވެ.

އެގޮތުން އިއްޔެގެ ހަވީރުން ފެށިގެން ސަލްމާން އާއި އޭނާގެ އާއިލާގެ މެމްބަރުން ވަނީ އާހިލް ބަލާނެ މީހަކު ހޯދުމަށް އިންޓަވިއުއެއް ބާއްވާފަ އެވެ. އިއްޔެ ހަވީރުން ފެށިގެން މުމްބައިގަ ހުންނަ ސަލްމާންގެ ގެ، ގެލްކްސީ އެޕާޓްމަންޓްގައި ކުރިއަށް ގެންދިޔަ އިންޓަވިއުގައި އެންމެ އިސްކޮށް މީހުންނާއި އިންޓަވިއު ކުރުމުގައި އުޅެފައިވަނީ ސަލްމާން އެވެ.

ނޫސްތަކުގައިވާ ގޮތުން ގާތްގަނޑަކަށް 25 ވަރަކަށް އަންހެނުންނާއި ވަނީ އިންޓަވިއުކޮށްފަ އެވެ. އަދި މިއިންޓަވިއުގައި ސަލްމާނާއެކު އޭނާގެ މުޅި އާއިލާވެސް ވަނީ ބައިވެރިވެފަ އެވެ.

ބުނެވޭ ގޮތުގައި އާހިލް އަކީ މުޅި އެއާއިލާގެ މެމްބަރުންގެ ލޮލުގެ ފިނިކަމެވެ. އެހެންކަމުން އާހިލް ބަލައި އޭނާގެ ކަންތައްތައް ކުރުމަށް އެއާއިލާއިން ބޭނުންވަނީ ވަރަށް ރަނގަޅު އަންހެނެކެވެ.

ރޭ ގާތްގަނޑަކަށް ނުވަ ޖަހަން އުޅެނިކޮށް ހުރިހާ ބައިވެރިންނާއި އިންޓަވިއުކޮށް ނިންމާލެވިފައިވާއިރު، އެއާއިލާއިން މިހާރު ވަނީ އާހިލް ބަލާނެ މީހަކު އެބައިވެރިންގެ ތެރެއިން ހޮވާފައި ކަމަށް ސަލްމާންގެ އާއިލާއާ ގާތްފަރާތަކުން ބުނެ އެވެ.