ހަބަރު

އިމްރާނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލާފައިވަނީ މިއަދު އެވެ.

ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް އިއްވި ހުކުމުގައި މޭޑޭގައި، ހިނގި ހަމަނުޖެހުންތަކަކީ އިމްރާނު އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއް ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނެފައިވަނީ، މޭޑޭގައި ހިންގި ހަމަނުޖެހުންތަކާއި އެ ދުވަހު ފުލުހުންނަށް ލިބުނު އަނިޔާތަކަކީ އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނަފުރަތެއްގެ ސަބަބުން ހިނގި ކަންކަން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

އިމްރާންގެ ފަރާތުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، 12 ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އިމްރާންގެ މައްޗަށް ކޮށްފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

އިމްރާންގެ ފަރާތުން 12 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އިމްރާންގެ ގާނޫނީ ވަކީލު އަލީ ޒާހިރު އިމްރާން މޭޑޭގައި ދެއްކެވި ވާހަކަތަކަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމް ފަދަ ހަރުކަށި ދައުވާއެއް އުފުލާފައިވަނީ ރާވައިގެން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، މީގެކުރިން ވެސް އަނިޔާވެރިކަމަށް ހިތްވަރު ލިބޭފަދަ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި ސިފައިންގެއަށް ހަރުގަނޑު ބަހައްޓައިގެން އަރާ ވާހަކަ ދެއްކި މީހަކަށް ދައުވާކޮށްފައިނުވާ ކަމަށެވެ.

އަލީ ޒާހިރުގެ ވާހަކަތަކަށް ރައްދުދެމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ހުށަހެޅި ޖަވާބު ފޯމްގައި ހުރިހާ ވާހަކަތަކެއް ބުނެފައިވާނެ ކަމަށާއި އިމްރާންގެ ފަރާތުން އާ ވާހަކައެއް ނުދައްކާ ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ސުޖާއު އުސްމާނު ވިދާޅުވީ، މައްސަލާގައި އިތުރަށް ދެން ކަމެއް ސާފުކުރަން ނެތުމުން ދެން ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ.