ބޮލީވުޑް

ހީތުރޯ އެއާޕޯޓުގައި އަކްޝޭ ހިފަހައްޓައިފި

Apr 7, 2016
2

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަތުގައި ލަންޑަނަށް އެތެރެވުމުގެ ސައްހަ ވިސާ ނެތުމުން އޭނާ ހީތުރޯ އެއާޕޯޓުގައި ހިފަހައްޓައިފި އެވެ.

"ރަސްތޮމް"ގެ ޝޫޓިންއަށް ލަންޑަނަށް ދިޔަ އަކްޝޭގެ އަތުގައި ސައްހަ ވިސާއެއް ނެތްކަމަށް ބުނެ، އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އޭނާ ދޮޅުގަޑިއިރު ވަންދެން ހިފަހައްޓާފަ އެވެ.

ފަނަރަ ދުވަހުގެ ޝޫޓިން އަކަށް އަކްޝޭ އާއި އޭނާގެ ޕާސަނަލް ޓްރެއިނަރު ލަންޑަނަށް ދިޔައިރު އޭނާގެ ބައެއް މައުލޫމާތު ވަނީ ފުރިހަމަ ނުކޮށެވެ. އެގޮތުން ޝޫޓިން އަކަށް ލަންޑަނަށް އަންނަ ނަމަ، ވަކި ހާއްސަ ސްޓޭމްޕެއް ޖަހަން ޖެހޭއިރު، އަކްޝޭގެ ވިސާގައި އެސްޓޭމްޕް ނެތް ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އަކްޝޭ ބައެއް އާންމުންނާއެކު ވެއިޓިން އޭރިއާގައި ހުންނަން ޖެހުމުން އޭނާއާ އެކު ސެލްފީ ނެގުމާއި އޮޓޯގްރާފް ދިނުމަށް ރިކުއެސްޓް ކުރަމުން ދިއުމުން އޭނާ ވަނީ އިމިގްރޭޝަންގެ އޮފިޝަލުން ކުރެން އޭނާ ޕްރައިވެޓް އޭރިއާގައި ބެހެއްޓުމަށް އެދިފަ އެވެ. ނަމަވެސް އިމިގްރޭޝަންގެ އޮފިޝަލުން ވަނީ ވިސާ ފުރިހަމަ ނުކޮށް އަންނަ އެއްވެސް ފަރާތަކަށް ވަކި ހާއްސަ އިނާޔަތެއް ނުދެވޭނެ ކަމަށް ބުނެފަ އެވެ.

އަކްޝޭ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ކުރީކޮޅު ނިކުތް "އެއާލިފްޓް" އިންނެވެ.

"ރަސްތޮމް" ޑައިރެކްޓް ކުރަނީ ތިނޫ ސުރޭޝް ދޭސާއީ އެވެ. މިފިލްމުގައި އަކްޝޭ އާއެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އިލިއާނާ ޑިކްރޫޒް އެވެ.