ހަބަރު

ނޫސްވެރިޔާ ވިޝާމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމްގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ. ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ތިން ފަހަރެއްގެ މަތިން ވިޝާމް ހައްޔަރުކޮށްފައިވެ އެވެ. އަދި އެންމެފަހުން ނޫސްވެރިންކުރި ސުލްހަވެރި އިހުތިޖާޖުގައި ވެސް ވިޝާމް ހައްޔަރުކުރި އެވެ.

ވިޝާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވިޝާމަށް މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ. ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ މައްސަލާގައި އޭނާއަށް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލާގައި ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރެގައި އާއި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން ވިޝާމް ހައްޔަރުކޮށްފައިވެ އެވެ.