ބޮލީވުޑް

ކައިވެނިކުރަން އުޅޭ ކަމަށް ބިޕާޝާ އާއި ކަރަން އެއްބަސްވެއްޖެ

Apr 7, 2016

ފިލްމީ ބަތަލާ ބިޕާޝާ ބާސޫ އާއި އެކްޓަރު ކަރަން ސިންގް ގްރޯވަރު ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވެމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ.

މި ދެތަރިންގެ ދެމެދުގައި އޮންނަ ގުޅުމާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އައި ނަމަވެސް މިހާތަނަށް ވެސް މި ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން ހާމަކޮށްފަ އެއް ނުވެ އެވެ.

ވަރަށް ސިއްރުން ކަރަން އާއި ބިޕާޝާ މިމަހުގެ 30 ވަނަ ދުވަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ފިލްމީ މަޖައްލާ ސްޓާޑަސްޓްގައި ލިޔެފައިވާއިރު، މިއަދާ ހަމައަށް ވެސް މިކަމާ ގުޅިގެން މި ދެތަރިން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މިއަދު މިދެތަރިން އެކުގައި މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ މިމަހުގެ 30 ވަނަ ދުވަހު ކައިވެނިކުރާކަން އިއުލާންކޮށްފަ އެވެ.

ބިޕާޝާ އާއި ކަރަން ނެރުނު ސްޓޭޓްމަންޓްގައި ވަނީ އެދެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ އުފާވެރި ހަބަރު ހިއްސާކުރަނީ ނުހަނު އުފަލާއެކު ކަަމަށް ބުނެފަ އެވެ. އަދި މިމަހުގެ 30 ވަނަ ދުވަހަކީ އެދެމީހުންގެ ހަޔާތުގައި ވެސް އަންނަ ވަރަށް ބޮޑު ދުވަހެއް ކަމަށާއި އެދެމީހުންގެ އާއިލާ އާއި ގާތްއެކުވެރިން އަދި ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

"އަހަރެމެންގެ ޒާތީކަންތައްތަކަށް އިހުތިރާމް ކުރީތީ ހިތުގެ އެންމެ ފުންމިނުން ހެޔޮއެދޭ ހުރިހާ ފަރާތަކަށް ޝުކުރުކުރަން. އަހަރެމުން އުންމީދުކުރަނީ ހުރިހާ އެންމެންގެ ފަރާތުންވެސް މިހާރު ލިބެމުން އަންނަ ސަޕޯޓާއި ލޯބި އަހަރެމެންގެ އާ ދިރިއުޅުމަށްވެސް ލިބޭނެ ކަމަށް" ކަރަން އާއި ބިޕާޝާ ބުނެފައިވެ އެވެ.

ކަރަން އާއި ބިޕާޝާގެ ކައިވެނީގެ ރަސްމިއްޔާތު ވެގެން ދާނީ ހަމައެކަނި އާއިލާ އާއި ގާތް އެކުވެރިން ބައިވެރިވާ ހަފްލާ އަކަށެވެ. ބުނެވޭ ގޮތުގައި ކައިވެނީގެ ހަފްލާގެ ކުރިން ބާއްވާ މެހެނދީ ސެރަމަނީ 28 ވަނަ ދުވަހު ވިލާ 69 ގައި އޮންނާނެ އެވެ. އަދި ކައިވެނީގެ ރިސެޕްޝަން 30 ވަނަ ދުވަހު އޮންނާނީ އެސްޓީ ރެޖިސް ހޮޓަލުގަ އެވެ.

ކައިވެނިކުރަން އުޅޭކަން ކަރަން އާއި ބިޕާޝާ ޔަގީންކޮށްދިނުމުގެ ކުރިން ޕްރިޔަންކާ ވެސް ވަނީ މި ދެތަރިންނަށް މަރުހަބާ ކިޔައި ބާއްޖަވެރި ހަޔާތަކަށް އެދިފަ އެވެ.

ބިޕާޝާ އާއި ކަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ނިކުތް، ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމުގެ ސެޓުންނެވެ. އޭގެފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އެކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

މިކައިވެންޏަކީ ބިޕާޝާގެ ފުރަތަމަ ކައިވެނި ނަމަވެސް ކަރަންގެ ތިން ވަނަ ކައިވެންޏެވެ. ކަރަން ފުރަތަމަ ކައިވެނިކޮށްފައި ވަނީ ޓީވީ ބަތަލާ ޝްރަދާ ނިގަމްއާ އެވެ. ޝްރަދާ އާއި ކަރަން ވަނީ އެމީހުންގެ ކައިވެންޏަށް ދެއަހަރުވީތަނާ 2010 ވަނަ އަހަރު ވަރިވެފަ އެވެ. އޭގެފަހުން ކަރަން އާއެކު "ދިލް މިލް ގަޔޭ" އިން ފެނިގެން ގޮސްފައިވާ ޖެނިފާ ވިންގެޓްއާ ކައިވެނިކޮށް، މިހާރު ވަނީ ވަރިވެފަ އެވެ.