ރައީސް އަބްދުﷲ ޔާމީން، އިންޑިޔާގެ ނިއުދިއްލީއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާއި އަދި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިދިޔަ އަހަރަކީ ދިވެހިރާއްޖެއާއި އިންޑިޔާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުނު އަހަރުކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އިންޑިޔާއަކީ ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމްކުރި ތިން ވަނަ ގައުމެވެ. ދިވެހިރާއްޖެއާއި އިންޑިޔާއަކީ ޒަމާންވީ އެކުވެރި ބަދަހި ގުޅުމެއް ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ގާއިމްވެފައިވާ ދެ ގައުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޔާމީން، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިޔާއަށެވެ. އޭގެ ފަހުން އެމަނިކުފާނުވަނީ 2014 ވަނަ އަހަރުގެ މޭ މަހު، ނަރެންދުރަ މޯދީ، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައާއި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި 15 އަހަރަށްފަހު ބޭއްވެވި ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެ ޒިޔާރަތްކުރައްވާފަ އެވެ.