ރާއްޖެ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓެއް ކަމަށްވާ ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. އޭނާގެ މައްޗަށް ދައުތަލުން އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ލީވާން ހައްޔަރުކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މި މައްސަލާގަ އެވެ. މި މައްސަލާގައި އެ ޓީވީ ސްޓޭޝަންގެ ނޫސްވެރިޔާ މުހައްމަދު ވިޝާމަށް ވެސް ވަނީ ހަމަ މި ދައުވާ އުފުލާފަ އެވެ.
ލީވާން އަދި ވިޝާމަށް މިހާރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާއިރު، ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ވިޝާމްގެ މައްޗަށް އިތުރު ދައުވާއެއް ވެސް އުފުލާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން އޭނާ ހައްޔަރުކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ވިޝާމްގެ މައްޗަށް އުފުލަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.