އަވަސް ވީކެންޑް

އަންހެނަކަށް ވެގެން ކަމުނުދިޔަ ޑީޖޭ!

  • އެންޖީ ބުނަނީ ލިބުނު ބޮޑު ހިތްވަރަކީ އެއީ ކަމަށް
  • އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑީޖޭއޭ ބުނެވިދާނެ
  • ބުނަނީ އަންހެނަކަށް ވެގެން ނުކުރެވޭނެ ކަމެއް ނެތް ކަމަށް

އައިމިނަތު ފަޒުލީނާއޭ ބުނީމަ މިއީ ކާކު ކަމެއް އެކަކަށް ވެސް ނޭނގިދާނެ އެވެ. އެކަމަކު ޑީޖޭ އެންޖީގެ ގޮތުގައި އޭނާ ދަންނަ މީހުން ހަގީގަތުގައި ވެސް ވަރަށް ގިނަވާނެ އެވެ. އުމުރުން 28 އަހަރުގެ މި ހުނަރުވެރިޔާގެ ވާހަކަ ތަފާތުވާ ފުރަތަމަ ސަބަބަކީ ވެސް މިއީ އެވެ.

އޭނާއަކީ ރާއްޖޭގެ ކޮމާޝަލް މިއުޒިކަށް ނުވަތަ ރިސޯޓް މިއުޒިކްގައި ފައިތިލަ ސާބިތުކުރި ފުރަތަމަ އަންހެން ދިވެހި ޑީޖޭ އެވެ. ދިވެއްސަކަށްވެ ހުރެ، އަދި ވަކިން ހާއްސަކޮށް އަންހެނަކަށްވެ ހުރެ މިކަން ވެގެން ދިޔައީ ހާސިލުކުރަން އެއްގޮތަކަށް ވެސް ފަސޭހަވި ކަމަކަށްނޫނެވެ. އެހެން ނަމަވެސް އެންޖީ މިއަދު އެ ވަނީ އެ ކަޅުބޯވިލާތަކުން ނުކުމެ އެ މަންޒަރެއް ނުފެންނަ ހިސާބަކަށް ދަތުރުކޮށްފަ އެވެ.

ފާއިތުވި ތިން އަހަރު އޭނާ ކުޅުނީ ރިސޯޓް މިއުޒިކް އިންޑަސްޓްރީގަ އެވެ. މިއަދު ފުރަން ތައްޔާރުވަމުން އެ ދަނީ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ކޮންމެވެސް އެހެން ގައުމެއްގައި ޑީޖޭއެއްގެ ގޮތުގައި ޕާފޯމްކުރުމަށެވެ.

ތިރީގައި މިއޮތީ އަވަސް ވީކެންޑަށް އެންޖީ ދިން ހާއްސަ އިންޓަވިއު އެވެ. މިއީ ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާން ޖެހޭ ފެންވަރުގެ އަންހެނެކެވެ. -- ފަހުރުވެރި އަންހެން ދަރިއެކެވެ!

އެންޖީ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑީޖޭއޭ ބުނެވިދާނެ. މިހާ ފުޅާކޮށް ނުވަތަ މި ފެންވަރުގައި ޑީޖޭކުރުމަކީ އަދި ރާއްޖޭގެ މިއުޒިކް ސީންގައި މިވަގުތު ހުރި ހަމައެކަނި އަންހެން ޑީޖޭއަކަށްވުމަކީ ކޮން ކަހަލަ އިހްސާސްތަކެއް ކުރެވޭ ކަމެއް؟

"އަޅުގަނޑަށް އެނގިފައި އިން ގޮތުގައި ނަމަ އަޅުގަނޑުގެ ކުރިން، ޕެއިޑް އަންހެން ދިވެހި ޑީޖޭއެއް ރާއްޖޭގައި ނެތް. އެކަމަކު ޕްރޮފެޝަންއަކަށް މި މަސައްކަތްނުކުރިޔަސް މިހާރު އެބައުޅޭ ކޮންމެވެސް ވަރަކަށް އަންހެން ޑީޖޭއިން ރާއްޖޭގައި. އެކަމަކު އަޅުގަނޑު ޑީޖޭއަކަށް ވާން ބޭނުންވިއިރު ނޭނގޭ ރާއްޖޭގައި އަންހެން ޑީޖޭއެއް ނެތްކަން."

"މީހުން ބުނަން ފެށީމަ އެނގުނީ އަންހެން އިތުރު ޑީޖޭއެއް ނެތްކަން. ދެން އެހެން މީހުންގެ ވާހަކަތަކާއި ފީޑްބެކްސް ލިބޭތީ ވަރަށް އުފާވޭ."

ރާއްޖެ ކަހަލަ ކުޑަ އެހެން ނަމަވެސް ހިޔާލުތަފާތުވުން މިހާ ބޮޑު މުޖުތަމައެއްގައި އަންހެނަކަށްވެ ހުރެ މިއުޒިކް ކުޅުން ނުވަތަ ޑީޖޭއެއްގެ ގޮތުގައި ތިގޮތަށް ހަރަކާތްތެރިވުން އެއީ އާންމުންގެ ފަރާތުން ކޮން ކަހަލަ ރިއެކްޝަންތަކެއް ނުވަތަ ފީޑްބެކެއް ލިބޭ ކަމެއްތަ؟

"މީހުންގެ ރިއެކްޝަނަށް ބަލާއިރު ވަރަށް މިކްސްޑް ފީލިންސް މި ހުންނަނީ. އެއްބައި މީހުން ވަރަށް ޕޮޒިޓިވްކޮށް އޭތި ނަގައިގަނޭ އެކަމަކު ހަމަ ބައިވަރު މީހުންނަށް ކަމު ވެސް ނުދޭ. މޭއި ބީ ޕީޕަލް ޑޯންޓް ލައިކް ޗޭންޖުކަން ނޭނގެ. މިސާލަކަށް އަޅުގަނޑު ފުރަތަމަ ކުޅެން ފެށިއިރު ވެސް ބައެއް ކޮމްޕްލިކޭޝަންސްތައް އައި އަންހެން ޑީޖޭއަކަށްވީމަ. ތަންކޮޅެއް ނެގެޓިވް އެއްޗެހި ވެސް މީހުން ބުނެފައި ހުރި.

"އެކަމަކު މިހާރު އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީކީއެއް އެއީ އެންޖީ އަންހެނަކަށް ވެގެންވީ ކަމެއް ނޫނޭ. އަންހެނަކަށްވީމަ (އެ ފުރުސަތު އޭރު) ނުލިބުނީއޭ ބުނާކަށް މިހާރަކު ބޭނުމެއް ނުވޭ. ވެދާނެ ދޯ އާ ވީމަ ނުވަތަ އެހާ މޮޅު ނޫންވީމަ ކަމަށް ވެސް. ފިރިހެން (ޑީޖޭ) އެއް ނަމަށް ވެސް އެގޮތުގައި އުނދަގޫވާނެކަންނޭނގެ."

ޑީޖޭ އަކަށްވާން ނިންމި ހިސާބާއި ޑީޖޭއެއްގެ ގޮތުގައި މިއުޒިކްގެ ދުނިޔެއަށް އެންޖީ ދަމައިގެން ގޮސް މިއަދު މި ފެންނަ އެންޖީގެ ގޮތުގައި ފެންނަން ސަބަބާއި މި ދަތުރެއްގެ ފެށުން އަޅުގަނޑުމެންނަށް ކިޔައިދީބަލަ؟

"މިއުޒިކަށް އިންޓްރެސްޓް ހުރޭ އަބަދުވެސް. ހަމަ އެންމެ ކުރިން ވެސް. އެންމެ ކުޑައިރު ވެސް. ގާތްގަނޑަކަށް ޕްރައިމަރީ ލެވެލްގައި ޕިއާނޯ ވެސް ކުޅެހެދި. ސްކޫލްގައި އުޅުނުއިރު ޑާންސްކުރުން ފަދަ އިތުރު ހަރަކާތެއް ސްކޫލްގައި އޮވެއްޖެ ނަމަ އަބަދުވެސް ބައިވެރިވަން."

"އެކަހަލަ ގޮތަކަށް ފެށިގެން އައީ. ދެން ކިޔެވުން ބަދަލުވީ މެލޭޝިއާ އަށް. އޭރު ފެންނަން ފަށައިފި (މިއުޒިކް) ގެ ވަރަށް މޮޅެތި މީހުން ޕާފޯމްކުރާ މަންޒަރު ވެސް. އެގޮތަށް ފެނިފެނި އެންމެފަހުން ފެސިނޭޓްވީ. އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ވެސް ލޯ. އެކަމަކު ކެރިއާ ޗޮއިސްތައް ވެސް މިހުރީ ވަރަށް ގިނަ ފަހަރު ޗޭންޖުވެފައި ޑީޖޭއަކަށް ވާން ބޭނުންވި ހިސާބާ ހަމައަށް. ޑީޖޭއަކަށޭ ވާން ބޭނުމީ ހިތަށް އަރާފައި އޭގައި އެކަނި މިގޮތަށް ސްޓިކްވެފައި މިހުރީ އަދި."

ތިބުނީތާ އެންމެ ފުރަތަމަ ބޭނުމެއް ނުވިއޭ ޑީޖޭއަކަށް ވާކަށް ވެސް. އެ ހުރިހާ ހިޔާލެއްގެ ތެރެއިން ގޮސް ޑީޖޭއެއްގެ ގޮތުގައި ހަމަޖެހިލެވުނު ގޮތް ކިޔައިދީބަލަ؟ އަދި އޭރު ހީކުރިންތަ އެންމެފަހުން މިގޮތަށް ދިރިއުޅުން ބަދަލުވެދާނެ ކަމަށް؟

"ޑީޖޭއަކަށްވާން ބޭނުންވިއިރުގަ ނެތް އެއްވެސް ރައްޓެއްސެއް ވެސް، ޑީޖޭކުރާނެ ގޮތް ނުވަތަ މިއާ ބެހޭ ގޮތުން އެއްޗެއް ބުނެދޭނެ މީހަކު ވެސް. ދަސްކުރާނެ އެއްވެސް ގޮތެއް ވެސް ނެތް. އަސްލު ހަމަ އެއްވެސް ވަރަކަށް ނޭނގޭ. އިކްއިޕްމަންޓަކާ ވެސް ގާތެއް ނޫން. ދެން ފުރަތަމަ ކަމަކަށްވީ ސްޓެޕް ބައި ސްޓެޕް ދަސްކުރުން."

"އޭރަކު ނުވިސްނަން މިހާ ހިސާބަކަށް. ދުރަކަށް ނުވިސްނަން އެއްވެސް ވަރަކަށް. އެކަމަކު މިހާރު އެބަހުރި ޑީޖޭއެއްގެ ގޮތުގައި އެކޮމްޕްލިޝްކުރަން ބޭނުން ވަރަށް ގިނަ ކަންތައް. އައި އެމް ގެޓިން ކްލޯޒާ. އެކަމަކު އޭރަކު ނޭނގޭ ފަށައިގެން ވެދާނެ ކަމެއް. އޭރު އެނގެނީ ހަމައެކަނި މިކަން ކުރަން ބޭނުންވާކަން."

ޑީޖޭގެ ގޮތުގައި ވަޒީފާ ހޯދަން ނުކުތުމުން، އަދި ވަކިން ހާއްސަކޮށް އަންހެން ޑީޖޭއަކަށްވެ ހުރެ މި ދާއިރާ އިން ވަޒީފާއެއް ހޯދަން ނުކުމެ ތަޖުރިބާކުރަން ޖެހުނު ކަންތައްތައް ނުވަތަ ކުރިމަތިވި ހުރަސްތައް ކިޔައިދީބަލަ؟ ފަސޭހަކަމެއް ނޫންކަން ނޭނގެ މި ދާއިރާއިން ވަޒީފާއެއް ހޯދުން އެއީ، ކިހިނެތް އުޅެން ޖެހުނީ؟

"ފުރަތަމަ ކުޅުނީ ކުޑަ ބަނޑޮހުގައި އޮތް އިވެންޓެއްގައި. ދެން ކުޅުނީ ރައްޓެއްސަކު ހޯދައިދިން ފުރުސަތެއްގައި، ދުސިޓް ތާނީ މޯލްޑިވްސްގައި. ދެން އެޖެންސީއަށް ގުޅީ."

ފުރަތަމަ 2009ގައި ބޭސިކް ލެވެލް ހަދަން ގޮސްފައި އައިއިރުގަ އަތަކު ނެތް އިކްއިޕްމަންޓެއް ވެސް. ޕްރެކްޓިސްކުރެވޭނެ ގޮތެއް ވެސް އަނެއްހެން ނެތް. އެހެންވީމަ ނެގި ވަރަށް ޓައިމް، ސިސްޓަމްއާ އެއްޗެހި ހޯދައި އެ ހުރިހާ ކަމެއް ކުރަންވެސް. އެއީ އެންމެ މުހިންމު އެއްޗަކީ ޕްރެކްޓިސް މިކަހަލަ ޖޮބެއްގައި."

"ދެން އެޑްވާސް ލެވެލް ހަދައިނިމުނުއިރު އިކްއިޕްމަންޓްސް ހުރި އަތުގައި. އެއަށް ފަހު ހުރިހާ ރިސޯޓްތަކެއްގެ ކޮންޓެކްޓް ހޯދައިގެން ގުޅާ، އީމެއިލްކޮށް، ފްރީކޮށް ޓްރަޔަލެއް ދޭނަމޭ ކިޔައިގެން އިންޓްރެސްޓް ހޯދަން މަސައްކަތްކުރީ. އެއީ އަޅުގަނޑުގެ ނެތް މެނޭޖަރެއް. އެހެންވީމަ އެކަނި ހުރިހާ ކަމެއް ކުރަން ޖެހުނީ. ވަރަށް ވަރަށް އުނދަގޫ އެންމެ ފުރަތަމަ ރިސޯޓް ހޯދަން."

އެހެންވީމަ އެންޖީ، އަންހެން ޑީޖޭ އަކަށްވީމަތަ ރިސޯޓްތަކުން ފުރުސަތެއް ނުލިބުނީތަ؟ ނުވަތަ ވެދާނެތަ އެމީހުން ބޭނުންވާ ވަރުގެ ޓެލެންޓެއް ނެތީމަ ކަމަށް. ކިހިނެތް އެންޖީ ގަބޫލުކުރަނީ؟

"ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑު ގުޅީ ޑީޖޭސް މެނޭޖުކުރާ އެޖެންސީއަކަށް. ދެން ލިބުނީ ވަރަށް ނެގެޓިވް ރެސްޕޮންސެއް އައީ. ކުޅޭގޮތް ޗެކްވެސްނުކޮށްލާ، ކުޅެނީ ކިހިނެތްތޯ ވެސް ބަލައިވެސް ނުލާ ރިޖެކްޝަންއެއް ލިބުނީ ފުރަތަމަ ކަމަކަށް."

"އެމީހުން ބުނީ ވީ ޑޯންޓް ވޯންޓް އަ ފީމޭލް މޯލްޑިއަންއޭ. ޓޫ ތިންގްސް އައި ކާންޓް ޗޭންޖު. ފީމޭލްއަކަށްވުމާއި ދިވެއްސަކަށްވުން، ދޯ؟"

"ދެން އެކަމާ ހެދި ވަރަށް ބޮޑަށް ދެރަވެގެން ޑީމޯޓިވޭޓްވެގެން ހިތަށް އެރީ ގަދަ އަށް ކުޅެންށޭ ދަސްކުރާނީ. އެހެން ހިތަށް އަރައިގެން ދިޔައީ މި ދާއިރާއިން އެޑްވާސް ލެވެލް ހަދަން. އެއީ އަސްލު ރިޖެކްޝަނުންވީ ގޮތަކީ. އައި ލާންޓް އެބައުޓް އިޓް މޯ ބިކޯޒް އޮފް ދަ ރިޖެކްޝަން އަސްލު."

ފުރަތަމަ އެ އައި ރިޖެކްޝަން. – އަޅުގަނޑަކަށް ނޭނގޭ އެ ފުރުސަތު އޭރު ނުލިބުނީ ކީއްވެގެން ކަމެއް. އެންޖީ ކައިރީގައި ބުނީ އަންހެން، މޯލްޑިވިއަން ޑީޖޭއެއް ތިމަންނަމެން ބޭނުމެއް ނެތޭ. ދެން މިސާލަކަށް އަންޑާކޮލިފައިޑް ނަމަ ޓްރެއިނިން ވެސް އެމީހުންނަށް ދެވޭނެ. ދެން ނޭނގެ ކީއްވެގެން ކަމެއް. ބުނެފައި އިން އެއްޗެއް އެނގެނީ."

އެކަހަލަ ރިއެކްޝަނެއް އެމީހުންގެ ފަރާތުން ލިބުނީމަ ނުވަތަ އެގޮތަށް ރިޖެކްޓްކޮށްލީމަ، އޭގެ އަސަރުކުރި ގޮތް ކިޔައިދީބަލަ؟

"އަސްލު ރިޖެކްޝަނެއް އައިމަ، އެގަޑީގަ ވަރަށް ދެރަވި. ވަރަށް ޑީމޯޓިވޭޓްވެސްވި. އެކަމަކު އެންޖީ އަކީ އަބަދުވެސް ކުރަން ބޭނުންވެއްޖެ ކަމެއް ކޮށްފަ ދޫކޮށްލާ މީހެއް. އެހެންވީމަ، އެންޖީއަށް އެނގޭ އެއްޗަކީ ވަރަށް ވަރަށް ވަރަށް ކުރަން ބޭނުންވެއްޖެ ކަމަށްވާ ނަމަ އެ ކަމެއްކޮށްފަކަން ހުއްޓާލާނީ."

"ދެން އެހެންވީމަ އެ ސޭޑް ފޭސް ވަކި ވަރެއްގެ ޓައިމްއަކަށް އިން އެއްޗެއް. އެއަށް ފަހު އައި ވޯޒް ބެކް."

ޑީޖޭއެއްގެ ގޮތުގައި ހަމަޖެހިލަން ނުވަތަ އެންމެ ފަހުން ޑީޖޭއެއްގެ ގޮތުގައި ޖޮބެއް ލިބި މިހުރިހާ ކަމެއް ހަމައަކަށް އެޅުނު ހިސާބާއި ގޮތް ކިޔައިދީބަލަ؟

"ރެސިޑެންސްޓް ޑީޖޭ އަކަށް ފައިވް ސްޓާ ޕްލަސް ރިސޯޓެއްގައި މި މަސައްކަތްކުރީ ސިކްސް މަންތްސް. އެއީ ހަމަ ވަރަށް ތަފާތު، ސަޅި އެކްސްޕީރިއަންސެއް އެންޖީއަށް. ހަފުތާއަކު ހަ ދުވަހު ކުޅެން ލިބިފައި ތަފާތު މީހުންނާ ވެސް ބައްދަލުވި."

"އާންމުކޮށް ކުޅޭނެ ތަންތަން ހޯދަނީ ގުޅައިގެން ޓްރަޔަލަކަށް ގޮސްގެން ކަމުގޮސްފިއްޔާމު އޭގެ އިތުރަށް ކުޅެން ދަނީ. އިން ހައުސް ޑީޖޭއެއްގެ ޖޮބް ލިބުނީ ޖޮބް ފެއާއެއްގައި ބައިވެރިވެގެން. އެ ފެއާއަށް ގޮސްފަ ތިން ވަރަކަށް އިންޓަވިއުއެއްގައި ބައިވެރިވެ، މިކްސްތައް އަޑުއަހާފަ އެ ޖޮބް ލިބުނީ. ޖެހޭ ވަރަށް ކަންތައް ކުރަން. އެހާ ފަސޭހައެއް ނޫން."

އެހެންވީމަ ކޮބައިތަ އެންޖީގެ މިހާރުގެ ފެންވަރަކީ؟ މިހާރު ތި ހުރިހި ހިސާބު އަހަރެމެންނަށް ކިޔައިދީބަލަ؟

"މިހާރު ދަސްކުވެރިފައި ހުރި އެއްޗެހިންނާއި، ދަސްމިކުރެވުނީ ޑީޖޭ، އިލެކްޓްރޯނިކް ޕްރޮޑަކްޝަން ކޯހެއް ވެސް ހަދާލިން މީގެ ދެ އަހަރެއް ވަރު ކުރިން. ތިއެރެޓިކަލް ނޮލެޖު އެބަހުރި މި އެއްޗެހިން ލިބިފައި މިހާރު. ރިސޯޓް މާކެޓަށް ކުޅޭތާ މިހާރު ތިން އަހަރުވެއްޖެ. ވަރަށް ބައިވަރު އެކްސްޕީރިއަސް އާއި ޕްރެކްޓިސް މި ލިބެނީ."

"އައި އޭމް އިމްޕްރޫވިން. އަދި ވަރަށް ބޮޑަށް އިމްޕްރޫވްވާން އެބަހުރި. ކޮންމެ ދުވަހަކު ވެސް ދަސްކުރަމުން އިމްޕްރޫވަމުން މި ދަނީ. އައި ވުޑް ސޭއި އައި އޭމް ބެޓާ ދޭން ޔެސްޓަޑޭ."

އެއްވެސް އިރެއްގަ، އަދި ވަކިން ހާއްސަކޮށް މިހާރު ވިޔަސް، ހިތަށް އަރާތަ ތިމަންނަ އަށް މި އުޅެވެނީ ނުބައި ފީލްޑެއްގައި ކަމަށް، ތިމަންނައާ ނުގުޅޭ ދާއިރާއެއްގައި ކަމަށް. އެކަހަލަ ހިޔާލުތަކެއް އެއްވެސް އިރަކު އައިތަ؟

"އެންޖީ މިއުޒިކް ކުޅޭގަޑިއަކީ އެންމެ ލައިފް ފީލްވާ ގަޑި. ދެން ހުރި ހުރިހާ ކަމެއްގެ ތެރެއިން ވެސް. އެހެންވީމަ ކުޑަކޮށް ވެސް ހިތަކަށް ނާރާ މިއީ ނުބައި ޕްރޮފެޝަންއެކޭ ޗޫޒްކުރެވިފައި މިހުރީ. ހިތަށް އަރަނީ ފައިނަލީ، އެންޖީ ކުރަންވީ ކަންތައް އެންޖީ އަށް މިއޮތީ ފެނިފައޭ."

"މިހާރު އެންމެ ވެސް މި އުޅެނީ ސްޓްރަގްލިން ލައިފެއްގައިތާ. ކުޑަ ވަގުތުކޮޅެއް ނަމަވެސް މިއުޒިކް އަޑުއަހާލާ ނަށާލާ އުޅެވޭ ކަހަލަ މާހައުލަކަށް އެންޖި ބޭނުންވަނީ އެންޖިގެ ވަޒީފާގެ މާހައުލުވާން. ބޭނުންވަނީ އަޅުގަނޑުގެ ވަޒީފާ އެހެން މީހުންގެ އުފަލަކަށް ހަދަން."

މިސާލަކަށް ޑީޖޭ އަކަށް ނުވި ނަމަ، އެހެން ކޮން ދާއިރާއަކުން ފެންނާނީ؟

"ޑީޖޭއަކަށް ނުވި ނަމަ އުޅޭނީ ޓްރެވަލް އެންޑް ޓުއަރިޒަމް ފީލްޑްގަ. އެކި ތަންތަނުގައި ގެސްޓުންނާ ދިމާވެފައި، މީހުންނަށ ކަންތައްތައް ކޮށްދިނުމުގައި. ވަރަށް އިންޓަރެކްޓިވް ޖޮބެއްގައި އުޅޭނީ. ޑީޖޭއަކަށް ވުމުގެ ކުރިން ވެސް ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރިން. ދެން އެ ދާއިރާ އިން ކިޔަވާފައިހުރީމަ ވެސް."

އަންހެނަކަށްވީތީ ނުވަތަ އަންހެން ޑީޖޭއަކަށްވީތީ ވަޒީފާގެ މާހައުލުގައި ނުވަތަ އެންޖީ ވަޒީފާ އަދާކުރާ ރިސޯޓް މިއުޒިކްގެ ދާއިރާގައި ތަފާތުކުރުމުގެ މައްސަލަ ތަޖުރިބާކުރެވިފައި ވަނީ ކިހާ ވަރަކަށް؟

"ޑިސްކްރިމިނޭޝަން މިއީ ވޯލްޑް ވައިޑް އެއްޗެއް. ރާއްޖެއަކަސް، ކޮންމެތަނަކަށް، ޑިސްކްރިމިނޭޝަން އިޒް ދެއާ. އެންޖި ފުރަތަމަ ކުޅެން ފެށިއިރު ވެސް އުޅޭ ކޮންމެވެސް ވަރަކަށް އޭތި ވިއަޑްވާ މީހުން ވެސް. ދެން ވަރަށް ބޮޑު އިޝޫއެއް ކަމަށް ގަބޫލުކުރަން. އެކަމަކު އެއަށް ބަލައިގެނެއް ނުވާނެ އެއްވެސް ކަމެއް."

"މިސާލަކަށް އެންޖީ އަންހެން ޑީޖޭއަކަށްވީމަ، ރިސޯޓްތަކަށް ދިޔައީމަ އެތަންތަނުގެ ސްޓާފުން ވަރަށް ބަލަން ބަލާނެ. ލަދުން އަނގަޔަށް އެއްޗެއް ލެވޭވަރެއް ވެސް ނޫން. ރިސޯޓަށް ދިޔައީމަ އަދި ގޮވާލާނީ ޑީޖޭގެ އަންހެނުން އަތުވެއްޖެއޭ ކިޔާފައި. އެކަހަލަ އެކްސްޕީރިއަންސް ވެސް އެބަހުރި ކުރެވިފައި"

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަންހެނުން ވެސް މަސައްކަތްކުރާ ވަރަކަށް އޮޕަޗިއުނިޓީސް ލިބޭނެ. މިއީކީއެއް ޖެންޑާ ބޭސްޑްކަމެއް ނޫން. އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް އެކަނިކުރެވޭ ކަހަލަ ވަޒީފާއެއް ނޫން މިއުޒިކް ކުޅުމަކީ އަދި އެހެން ވަޒީފާތަކަކީ ވެސް."

ކޮބައިތަ ލައިފްގެ މިހައި ހިސާބަށް އަންނަން އަދި މިހުރިހާ ގޮންޖެހުންތަކެއްގެ ތެރެއިން ވެސް ބޭނުންވި ކަންތައް ހާސިލުކުރަން އެންޖީ ހިތްވަރު ހޯދި ގޮތަކީ؟

"އެންޖީގެ ތިބެނީ ވަރަށް ސަޕޯޓިވް ޕޭރެންޓްސް. ފެމިލީ ފްރެންޑްސް. އެއީ ވަރަށް ބޮޑު ހިތްވަރެއްކަން ނޭނގެ ކުރިއަށް ދާން ބަލާއިރު. ވޯސްޓް ޓައިމްސް ނުވަތަ ނުވާނެއޭ ހިތަށް އަރާ ކަހަލަ ކަންތައް ދިމާވާއިރު ގާތުގައި ހުރޭ ޔޫ ޑިޑް ގްރޭޓްއޭ ބުނެލާނެ މީހަކު. ކޮންމެވެސް ކަހަލަ މޯޓިވޭޝަނެއް ދޭނެ ކަހަލަ ބަޔަކު ތިބުން އެކުގައި. މޯޓިވޭޓްކުރާނެ މީހުން ވަރަށް ވެސް މުހިންމު. އެންމެނަށް ވެސް ހޯދޭނެ އެ މީހުން."

"އެންޖީގެ ބިލީފް ސިސްޓަމް ވެސް މީގައި މުހިންމު ރޯލެއް ކުޅޭކަން ނޭނގެ. ގަބޫލުކުރަން ކޮންމެ ކަމެއް ވެސް ވާނެ ކަމަށް، ބޭނުމިއްޔާ."

އާމްދަނީއެއް ހޯދަން ބަލާއިރު މިއީ ކުރަން ކޮން ކަހަލަ މަސައްކަތެއް، މި ބުނީ މިއުޒިކް ކުޅުން މިއީ ކިހާ ރަނގަޅު އާމްދަނީއެއް ލިބޭ ވަރުގެ ކަމެއް ހެއްޔޭ؟ ހިތްހަމަޖެހޭވަރުވޭތަ؟

"ޑީޖޭކުރުން އެއީ ޕެޝަންއެއްވީމަ މި ޗޫޒްކުރީ ކެރިއާއަކަށް. އިން ޓާމްސް އޮފް ސެލަރީ، ޑީޖޭކޮށްގެން، ރަނގަޅަށް ކޮންޓްރެކްޓްސް ލިބިފައި، އިންހައުސްކޮށް ޑީޖޭކުރާ ވަނަ ޔޫ ވިލް ގެޓް ގުޑް މަނީ. އެހެން ނޫން ނަމަ ވަރަށް ގިނަ ދުވަސްވެސް ވާނެ އެއްވެސް ގިގެއް ނުލިބި ވެސް. އެހެންވީމަ އެއްވެސް ކަހަލަ ގެރެންޓީއެއް ނޯވޭ."

އަމިއްލަ މިއުޒިކް އުފެއްދުމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟

"ވަރަށް ބޭނުން އަމިއްލަ އަށް މިއުޒިކް ޕްރޮޑިއުސްކުރަން. ދެން މިއުޒިކް ކިޔެވިއިރުގަ ހަދަން ޖެހޭ އެސައިންމަންޓްސްގެ ގޮތުގައި އަމިއްލަ ޓްރެކްސް ހެދިން. އެކަމަކު މީހުންގެ ތެރެއަށް ނެރޭވަރުގެ މޮޅު ޓްރެކެއް އަދި ނެހެދޭތީވެ އަދިވެސް މަސައްކަތްކުރަމުން ދަނީ."

"އުއްމީދުކުރަނީ އަހަރެއްހާ ދުވަސް ތެރޭގައި އެފަދަ ޓްރެކެއް އަޑުއިވިދާނެ ކަމަށް."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޯނި
  • މޭކަޕް އާޓިސްޓް: އަމާނީ
  • ވޯޑްރޯބް: ލުސިޑް ޑްރީމްސް / ރިވެންޖު
  • ސްޓޫޑިއޯ: ޑިޖިޓަލް ސްޓޫޑިއޯ
  • އެސިސްޓަންޓް: އަހުމަދު ޝިއުސް
  • ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް