ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ ރުޅިވި ހަބަރަށް ފަހު މިދެތަރިން އަނެއްކާ ވެސް އަލުން ގުޅިފާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ.
ވިރާޓު އާއި އަނުޝްކާ ރުޅިވި ފަހުން، އަނުޝްކާ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ވަރަށް ބުރަކޮށް އުޅެފައިވަނީ "ސުލްތާން"ގެ ޝޫޓިންގަ އެވެ. މިދެމީހުންގެ ވާހަކަ އަނެއްކާ ވެސް ދެކެވެން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ވިރާޓު އަނުޝްކާ އަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދިޔަ ފަރާތްތަކަށް ރައްދުދެމުން އަނުޝްކާ ދިފާއުކޮށް ވާހަކަ ދެއްކުމުންނެވެ.
އޭގެފަހުން، އިއްޔެ ރޭ އަނުޝްކާ އާއި ވިރާޓު އެކުގައި ބަންދްރާގައި ހުންނަ ރެސްޓޯރަންޓަކުން ރޭގަނޑު ކައިގެން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވެފަ އެވެ.
މިއީ ކައިވެނިކުރުމާއި ގުޅިގެން ހިޔާލުތަފާތުވެ، މިދެމީހުން ރުޅިވިކަމަށް އަޑުއެރިފަހުން އެކުގައި ފެެނިގެން ގޮސްފައިވާ ފުރަތަމަ ފަހަރެވެ. ދެމީހުން އެކުގައި ރެސްޓޯރަންޓުން ނިކުންނަނިކޮށް ނަގާފައިވާ މިފޮޓޯތަކުން ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ވަރަށް ހަމަޖެހިގެން ތިބި ތަނެވެ.
ބުނެވޭ ގޮތުގައި އަނުޝްކާ އާއި ވިރާޓުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، މިދެމީހުން ރުޅިވި ފަހުން ވެސް ވިރާޓު ވަނީ އަނުޝްކާ އަނބުރާ ހޯދަން ވަރަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން އަނުޝްކާ "އެއި ދިލްހޭ މުޝްކިލް"ގެ ޝޫޓިންގައި ރާޖަސްތާނުގައި މިދިޔަ މަހުގެ ތެރޭގައި އުޅެނިކޮށް ވިރާޓު ވަނީ އަނުޝްކާ އަށް ވަރަށް ގުޅައި އޭނާއާ ވާހަކަދައްކަން މަސައްކަތްކޮށްފައި ކަމަށް ނޫސްތަކުގައިވެ އެވެ.
ވިރާޓު އާއި ރުޅިވިފަހުން އަނުޝްކާގެ ހިތްހަލާކުވެ އެކަމާއި ދެރަވި ނަމަވެސް އޭނާ ވަނީ "ސުލްތާން" ގައި ޝޫޓިންގައި އެކަމުން އަރައިގަތުމަށް ބުރަކޮށް އުޅެފަ އެވެ. ނަމަވެސް ވިރާޓު ވަނީ ދެމީހުންގެ އެކުވެރިންގެ އެހީގައި އަނުޝްކާ ރުއްސައި، އޭނާގެ ހިތް އަލުން ހޯދޭތޯ މަސައްކަތްކޮށްފަ އެވެ.
އެކުގައި ރޭގަނޑުގެ ކެއުމަށް ރެސްޓޯރަންޓަކުން އިންސާފުކުރުމަށްފަހު، އަނުޝްކާ އާއި ވިރާޓު ގޮސްފައިވަނީ ވަކިވަކި ކާރުތަކުގައި ނަމަވެސް، ދެމީހުންވެސް ދެން ގޮސްފައިވަނީ "ސުލްތާން"ގެ މުމްބައިގައި ނަގަން ޖެހޭ މަންޒަރުތައް ނިމުމުގެ އުފާފާޅުކުރުމަށް ސަލްމާންގެ ގޭގައި ބޭއްވި ޕާޓީއަށް ގޮސްފަ އެވެ.
ދެހާސް ސާދަވަނަ އަހަރު ތެރޭގައި ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާ އަނުޝްކާ އާއި ވިރާޓް ރުޅިވެއްޖެ ކަމަށް ހަބަރު ފެތުރެން ފަށާފައިވަނީ ވިރާތް ޓްވިޓާއިންނާއި އިންސްޓްގްރާމުން އަނުޝްކާ އަންފޮލޯ ކުރި ހިސާބުންނެެވެ. މިދެމީހުން ރުޅިވިކަމަށް ބުނެ، ނޫސްތަކުގައިވާ ގޮތުން ރުޅިވާން މެދުވެރިވި ސަބަބަކީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުމާއި ބެހޭގޮތުން ދެމީހުންގެ ހިޔާލު ތަފާތުވުމެވެ.
ވިރާޓް ވީހާވެސް އަވަހަކަށް އަނުޝްކާއާ ކައިވެނިކުރަން ބޭނުންވި ނަމަވެސް އަނުޝްކާ ބޭނުންވަނީ މިހާރު އޭނާގެ ހުރިހާ ވަގުތެއްވެސް ކެރިއަރަށް ހުސްކުރާށެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުމުގެ ކުރިން ކައިވެނި ކުރަން އަނުޝްކާ ދެކޮޅު ހަދާކަމަށްވެސްވެ އެވެ.