ހަބަރު

ނޫސްވެރިންގެ ހިނގާލުމަށް ފުރުސަތު ނުދޭނަން: ފުލުހުން

މާދަމާ ހަވީރު ރާއްޖޭގެ މީޑިއާތަކަކުން ބައިވެރިވެ، ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލައި ބާއްވަން ރޭވި ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިގޮތަށް އަންގާފައިވާއިރު، އެ ހިނގާލުން ބާއްވާކަން ފުލުހުންނަށް މިއަދު އިރުއޮއްސުނު ވަގުތު ސިޓީ އަކުން އަންގާފައިވާ ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ.

"ހިމޭން ހިނގާލުން"ގެ ނަމުގައި ނޫސްވެރިން ބާއްވަން ހަމަޖެއްސި ހިނގާލުމަށް ފެށުމަށް ހަމަޖެހިފައި އޮތީ މާދަމާ ހަވީރު 4:30 ގައި އާޓިފިޝަލް ބީޗުންނެވެ. މި ހިނގާލުމުގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުން ވެސް ބައިވެރިވާން ނިންމި ކަމަށް އިންތިޒާމް ކުރާ ނޫސްވެރިންގެ ކޮމިޓީ އިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާދަމާ ހިނގާލުމެއް ބާއްވަން އެދިފައިވަނީ އާންމު ފަރާތަކުން ކަމަށެވެ. އަދި އެ ހިނގާލުމަށް ހުއްދަދެވެން ނެތީ، މުޖުތަމައުގެ އަމާން ކަމަށްޓަކައި އަދި ރައްޔިތުންނަށް އުނދަގޫވާނެ ގޮތަށް ހިނގާލުންތައް ބާއްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނޫސްވެރިން މާދަމާ ހިނގާލުމަށް ބާއްވަން ނިންމިއިރު، އެ ހިނގާލުމަކީ ސުލުހަވެރިކަމާއެކު އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ގޮތަށް ރާވާފައިވާ ހިނގާލުމެއް ކަމަށް އިންތިޒާމް ކުރާ ނޫސްވެރިން ބުންޏެވެ. އެގޮތުން ނޫސްވެރިން ނިންމާފައި އޮތީ އަނގަމީގައި ޓޭޕް އަޅައިގެން އެއްވެސް ވަރަކަށް އަޑުގަދަ ނުކޮށް މަޖީދީ މަގުން ރަސްފަންނާ ހިސާބަށް ގޮސް އެތަނުން މުޒާހަރާ ނިންމުމަށް ކަމަށް ވެސް އެ މީހުން ބުންޏެވެ. އަދި މިއީ މުޒާހަރާއެއް ނޫން ކަމަށް ވެސް އެ މީހުން ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމަތީ އަޑުއުފުލައި، މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާއާ ގުޅިގެން، 16 ނޫސްވެރިއަކު ހައްޔަރު ވެސް ކުރި އެވެ. އެހެން ނަމަވެސް އެމީހުން ބަންދު ދޫކޮށްލައި ފަހުން ވަނީ ބަޔާން ނަގާފަ އެވެ.

މީގެކުރިން މިފަދަ ހިނގާލުންތަކަށް އެކި ފަރާތްތަކަށް ފުލުހުން ހުއްދަ ވެސް ދީފަ އެވެ. އެގޮތުން މީގެ ދެތިން ހަފްތާ ކުރިން ޑައުން ސިންޑްރޯމް ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަޖީދީ މަގުގައި ރެލީއެއް ބޭއްވި އެވެ. އެ ރެލީއަށް ދަތި ނުވާނެހެން ފުލުހުން މަގުމަތީގެ ޓްރެފިކް ވެސް ބަލަހައްޓައި ދިނެވެ.