ލައިފްސްޓައިލް

ޕެނަޑޯލް ނުކެއަސް ބޮލުގެ ރިހުން ކަނޑުވާލެވިދާނެ!

"ނެތްތަ ޕެނެޑޯލް ގުޅައެއް. ބޮލުގައި ރިއްސަން ފަށައިފި" ބޮލުގައި ރިހިލާއިރަށް އަޅުގަނޑުމެން ދިވެހިން އެންމެ ކުރިން ދުއްވައިގަންނާނީ ޕެނެޑޯލް ގަންނާށެވެ. ގިނަ ފަހަރަށް އެހެންވަނީ ބޮލުގައި ރިހުމަކީ ވަރަށް އާންމު ކަމަކަށްވާތީ ކަމަށްވެސް ވެދާނެ އެވެ. ޕެނެޑޯލާ ދިމާލަށް ދާއިރު ބޮލުގައި ރިއްސަން މެދުވެރިވި ސަބަބުތަކަށް ކަޅިއެއް އެއްލީ ކިތައް މީހުންތޯ އެއީ އުފެދޭ ސުވާލެކެވެ. ކިތައް މީހުން ހެއްޔެވެ؟

ބޮލުގައި ރިއްސަން މެދުވެރިވާ މިއުޅެނީ މައިގަނޑު ދެތިން ސަބަބެކެވެ. ވަރަށް އާންމު އަދި ގިނަ ބަޔަކަށް އެނގޭ ކަންކަމެވެ. ނަމަވެސް ހަނދާން އާކޮށްލަން ހިއްސާކޮށްލާނަމެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓްރެސް ވުމާއި، ޓެންޝަން، ސައިނަސް މައްސަލަތައް އަދި މައިގްރޭނާއި، ނިދި ހަމަނުވުން އަދި ޑީހައިޑްރޭޓް ވުމެވެ.

މިއިން ކޮންމެ ސަބަބަކާއި ހެދި ބޮލުގައި ރިއްސިޔަސް މި އުޅެވެނީ ޕެެނެޑޯލަށް ބަރޯސާވެގެންނެވެ. ނޫނީ އެކަހަލަ ކޮންމެސް ބޭހެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ ބޭސް ނުކައިވެސް ރަނގަޅުކުރެވިދާނެ ބައްޔެކެވެ. ގުދުރަތީ ތަކެތި ބޭނުންކޮށްގެން ގޭގައިވެސް ވަރަށް އެކަށޭނަ ފަރުވާތަކެއް ކުރެވިދާނެ އެވެ. މިއީ ހަމަ މުޖައްރިބު ފަރުވާތަކެއް ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ބޭސް ބޭނުންކުރަން ޖެހޭ ހާލަތްތައްވެސް ހުންނާނެ އެވެ. ނަމަވެސް ބޭނުންކުރަންވާނީ ޑޮކްޓަރަކަށް ދައްކާ ޑޮކްޓަރުގެ ލަފާ އާއި އެއްގޮތަށެވެ.

ފެން ބޯން ވީ

ބޮލުގައި ރިއްސަން ފެށީ ދޯ އެވެ. މާބޮޑަށް ހާސްވާނެ ކަމެއް ނެތެވެ. ފެން ތައްޓެއް ބޯލާށެވެ. ހަށިގަނޑަށް ބަދަލެއް އައި ހެއްޔެވެ؟ ނޫނީ ސްޕޯޓްސް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކެއް ބޯން މާބޮޑަށް ބޭނުންވޭ ހެއްޔެވެ؟ ޖަވާބަކީ އާއެކޭ ކަމުގައިވާނަމަ ތީގެ ފަރުވާ އަކީ ގިނައިން ފެން ބުއިމެވެ. އަދި އެނާޖީ ޑްރިންކެއްވެސް ބޭނުންކުރެވިދާނެ އެވެ. ބޮލުގައި ތިރިއްސަނީ މާބޮޑަށް ހަށިގަނޑުން ފެން މަދުވެގެންނެވެ. ހަށިގަނޑު ރީހައިޑްރޭޓްވާން އެހީތެރިވެދޭށެވެ. ބޮލުގެ ރިހުން ފިލާނެ އެވެ. ނަމަވެސް ރީހައިޑްރޭޓް ކުރަން ކޮފީ ނުބޮއްޗެވެ. ކޮފީއަކީ ހަށިގަނޑު ރީހައިޑްރޭޓް ނިކަން އަވަހަށް ކޮށްލާ އެއްޗެކެވެ.

އައިސް ޕެކް އަދި ހޮޓް ޕެކަކީވެސް ހައްލެއް

ބޮލުގައި ތިރިއްސަނީ ސައިނަސް މައްސަލައެއްގައި ކަމަށްވާނަ އެންމެ ރަނގަޅީ އައިސްޕެކް އެޅުމެވެ. އެންމެ ބޮޑު ލުޔެއް އެންމެ ފަސޭހައިން ލިބޭނީ އޭރުންނެވެ. އައިސްޕެކް އަޅާނީ ނިތްކުރީގަ އެވެ. އައިސްޕެކް އަޅަން ފެށުމާއެކު ނިތްކުރިމަތި އައްސިވެ ރިހުން އެކީ ކަނޑައިގެންދާނެ އެވެ. މި އައިސްޕެކް ހަދަން ތުވާއްޔަކަށް އައިސްކިއުބުތަކެއް އަޅައިގެންވެސް ބޭނުންކުރެވިދާނެ އެވެ.

ދެން ހޮޓްޕެކް ބޭނުންކުރަން އެންމެ ރަނގަޅު ވަގުތަކީ ސްޓްރެސްގެ ސަބބުން ބޮލުގައި ރިއްސާ ވަގުތެވެ. އަސްލު މިއީ ހޫނު ފެނުން ބޮނޑިތާން ކުރުމެވެ. މީތި ބޭނުންކުރާއިރު ދެއަތާއި ކަރުދޮށުގައިވެސް ބޮނޑިތާން ކުރަންވާނެ އެވެ. އަދިވެސް ވަރަށް ފައްކާ ބޭހެއް ކިޔައިދީފާނަމެވެ. ހޫނު ފެނުގެ ތެރެއަށް 10 މިނެޓް ވަންދެން ފައި ލައިގެން މަޑުކޮށްލާށެވެ. ނަމަވެސް މިކަން ކުރާނީ ނިދުމުގެ ކުރިންކަން ހަނދާން ކުރައްޗެވެ.

ޕެޕާމިންޓު

މިއީ ބޮލުގައި ރިހުމަށް ދޭން އޮތް އެންމެ ރަނގަޅު އެއް ފަރުވާ އެވެ. މިއީ ސަަޔަށް އަޅައިންވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި މީގެ ތެޔޮވެސް ނިކަން ފައްކަލެވެ. މިތެޔޮ ލައިގެން އެއް ފަހަރުވެސް މަސާޖްކޮށްލަ ބަލާށެވެ. ބޮލަށް ލުއިވާނެ އެވެ. މީގެ އިންހޭލްވެސް ބޭނުންކުރަންވެސް ހަމަ އެންމެ ރަނގަޅެވެ. ޕެޕާމިންޓަކީ މޭނުބައި ކުރުމާއި ހޮޑުލެވުންފަދަ ކަންކަމުން ދުރުކޮށްދޭ އެއްޗެއްވެސް މެ އެވެ.


ކުޑަކޮށް ބޮލަށް ޕްރެޝާކޮށްލަންވެސް ރަނގަޅެވެ. ބޮލުގައި ރިއްސަން ފެށުމުން ބޮލުގައި ތި ރިއްސާ ހިސާބުގައި އިނގިލިން ފިތާލާ ޕްރެޝާ ކޮށްލާށެވެ. އޭރަށް ސިކުނޑި ވަރުބަލި ފިލުވާލާ ރިލެކްސް ވެލާނެ އެވެ. އުފެދެމުން އައި ޓެންޝަންވެސް ނައްތާލައިދޭނެ އެވެ.

އަދި ސްޓްރެޗް ވެލުމަކީވެސް ބޮލުގެ ރިހުން ކުޑަކޮށްދޭ ނުވަތަ ކަނޑުވާލަދޭ ކަމެކެވެ. ބޮލާއި ކަނދުރާ ރަނގަޅަށް ސްޓެރެޗްކޮށްލުމަކީވެސް ވަރަށް އެކަށީގެންވާ ފަރުވާ އެކެވެ.

ބޮކިތައް ނިވާ އަނދިރިކޮށްލާ

އައްޔަކީ ބޮލުގެ ރިހުން ގަދަކޮށްދޭ އެއްޗެކެވެ. ބޮލުގައި ރިއްސަން ފެށީމަ ކޮޓަރީގެ ބޮކި ނިއްވާލާ އަނދިރިކޮށްލަންވާނެ އެވެ. ކުޑަވަރެއްގެ ލުޔެއް ލިބޭނެކަން ޔަގީނެވެ. އަދި އަވި އައިނު ބޭނުންކުރަން އާދަކުރަންވާނެ އެވެ. އަލި ގަދަ ހިސާބުތަކުގައި އުޅޭއިރުވެސް އަވިއައިނު ބޭނުންކުރަންވާނެ އެވެ.

މިކިޔާލަދިނީ ވަރަށް ފަސޭހަ ދެތިން ކަމެކެވެ. ޕެނެޑޯލް ގަންނަން ހިނގުމަށްވުރެވެސް ލުއި ހަށިގަނޑާއި ސިއްހަތަށްވެސް ފައިދާހުރި ކަންކަމެކެވެ.