ރޭ އޮތީ "ޑިސްކޯ ނައިޓް" އެވެ. ފޯރިގަދަ ލަވަތަކާއެކު ބައިވެރިން ވަނީ މަޖާ ނަގާފަ އެވެ. ކޮންމެ ބައިވެރިޔަކު ވެސް ރޭ ވަނީ ތަފާތު ހުށަހެޅުމެއް ހުށަހަޅައިދީފަ އެވެ. ރޭގެ ޝޯ ހާއްސަވީ ހަމައެކަނި "ޑިސްކޯ ނައިޓް"ވުމަކުން ނޫނެވެ. ޝޯގައި ރޭ ވަނީ ރާއްޖޭގަިއ މިވަގުތު ހުރި އެންމެ ޒުވާން އެންމެ ހުނަރުވެރި އެއް ލަވަލިޔުންތެރިޔާ ކަމަށްވާ އަންދަލާ ހަލީމް ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އަންދަލާ ވަނީ ބައިވެރިން ރަނގަޅުކުރަން ޖެހޭ އެތައް ކަމެއް ކިޔައިދީފަ އެވެ. ސުވާލެކެވެ. ގެސްޓް ޖަޖެއްގެ ގޮތުގައި އަންދަލާ ކަމުދިޔަ ހެއްޔެވެ؟ އަންދަލާގެ ކޮމެންޓްތައް ކިހިނެއް ހެއްޔެވެ؟
ދެން އޮތީ އެހެން ސުވާލެކެވެ. ބޮޑު ސުވާލެވެ. ރޭގެ ލަވަތަކަށް ބަލާއިރު އެންމެ ކަމުދިޔައީ ކޮން ލަވަ ހެއްޔެވެ؟ ވޯޓު ދޭނީ ކޮން ލަވައަކަށް ހެއްޔެވެ؟
"ނުހަނު ރީތި ސޫރައެކޭ"
އަލީ ރަމީޒް ކިޔައިދީފައިވާ މި ހިތްގައިމު ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ޝޯ ފެށުމުގެ ގޮތުން އިޝާން ހުށަހަޅައިދިން މި ލަވައިގެ ސަބަބުން ޝޯގައި ފޯރި ހިއްޕާލި އެވެ. ޖަޖުންނަށް ވެސް ލަވަ ކަމުދިޔަ އެވެ. އިޝާންގެ ލަވަ ކިޔުން ކަމުދިޔަ އެވެ. ނަމަވެސް ރަނގަޅު ކޮށްލަން ޖެހޭ ދެތިން ކަމެއް ޖަޖުން ފާހަގަކޮށްދިނެވެ.
އިޝާން އިތުރަށް ޝޯގައި ބަހައްޓަން ފެންނަކަން ތިޔައިގެ ތެރެއިން ގިނަ މީހުން ދެކޭނެ އެވެ. އެކަން ކުރުމުގެ ބާރު ވެސް މިހާރު ހަމަ އޮތީ ތިކޮޅުގަ އެވެ. އިޝާންއަށް ބެލުންތެރިންގެ ކޮމެންޓްތަކަށް ބަލާލާއިރު އިޝާންއަކީ ހިތްތަކުގެ ރަސްގެފާނެވެ. ޓްވިޓާގައި އިޝާންގެ ލަވަ ރީތި ކަމަށް ބުނެ ވަރަށް ވާހަކަ ދެކެވިފައިވެ އެވެ.
"ޗާލު ޒުވާނާ"
ސަމީއުގެ މޮޅު ލަވައެއް ކަމަށްވާ "ޗާލު ޒުވާނާ" ހުށަހަޅައިދިނީ ފާލިހެވެ. ތަފާތު ރީތި އަޑެއްގެ ވެރިއެއް ކަމަށްވާ ފާލިހު ހުށަހަޅައިދިން ލަވަ ވެސް ޖަޖުންނަށް ކަމުދިޔަ އެވެ. އަނެއްހެން މާބޮޑު މައްސަލަތަކެއް ފާލިހުގެ ކިޔުމުގައި ނެތް ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންކަން ފާލިހުގެ ލަވައިން ވެސް ޖަޖުން ފާހަގަކުރި އެވެ.
ޖަޖުންނަށް ލަވަ ރީތިވި ފަދައިން ބެލުންތެރިންނަށް ވެސް ލަވަ ރީތިވި އެވެ. އާންމުކޮށް ރީތި ލަވަތަކެއް ހުށަހަޅައިދޭ ފާލިހަށް ވޯޓު ދިނުމަށް ހަނދާން ނައްތާނުލާށެވެ. ފަރުވާކުޑަކޮށްލައިފިނަމަ ރީތި އަޑެއް ޝޯއާ ވަކިވެގެން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ޓްވިޓާގެ ފޯރިއަށް ބަލާނަމަ ފާލިހުގެ ލަވަ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
"ހަނދާ"
މުއައްޒިން ހުށަހަޅައިދީފައިވާ "ހަނދާ" މި ވަލަ އެވެ. ދިވެހިންގެ މެދުގަިއ ބޮޑު މަޝްހޫރު ކަމެއް ހޯދި މި ލަވަ މުއައްޒިން އިހުތިޔާރުކުރީ އޭނާގެ އޮރިޖިނަލް ސްޓައިލް ކަމަށްވާ ރޮކްސްޓާ އަލުން ދައްކާލުމަށެވެ. ނަމަވެސް މުއައްޒިންއަށް އެކަން ރޭ އެހާ ބޮޑަށް ކާމިޔާބުވެފަ އެއް ނުވެ އެވެ. ޖަޖުންގެ ފަރާތުން މުއައްޒިންއަށް ލިބުނީ މާއެދެވޭ ކޮމެންޓްތަކެއް ނޫނެވެ. ނަގާފައިވާ ލަވަ ކަމުނުދާ ކަމަށް ވެސް ޖަޖުން ވަނީ ބުނެފަ އެވެ.
ދެން އޮތީ ބެލުންތެރިންނަށެވެ. ރޮކްސްޓާގެ ތަފާތު ލަވަތައް އަޑުއަހަން ބޭނުންނަމަ އަވަހަށް ވޯޓު ކުރާށެވެ. ޖަޖުންގެ ކޮމެންޓްތައް ކޮންމެ ގޮތަކަށްހުރި ނަމަވެސް މުއައްޒިންގެ ސަޕޯޓަރުން ޓްވިޓާގައި ވަނީ ވަރަށް ފޯރީގައި މުއައްޒިން ތައުރީފުކޮށްފަ އެވެ. އަދި ވޯޓު ދިނުމުގައި ވެސް މިހާރު އެ ފަރާތްތައް އުޅެނީ ވަރަށް ވެސް އަވަދި ނެތި އެވެ.
"ދަންވަރު ދަން"
އާންމު ގޮތެއްގައި ރީތި ހުށަހެޅުންތަކެއް ހުށަހަޅަމުން އަންނަ ލައިޝާ ރޭ ހުށަހަޅައިދިނީ "ދަންވަރު ދަން" މި ލަވަ އެވެ. ވަރަށް ފޯރީގައި ލައިޝާ ލަވަ ކިޔައިލިއިރު ޖަޖުން ވަނީ ލައިޝާގެ ކިޔުން ރީތި ކަމަށް ބުނެފަ އެވެ. ނަމަވެސް ޖަޖުން ވަނީ ލައިޝާ ރަނގަޅުކޮށްލަން ޖެހޭ ދެތިން ކަމެއް ވެސް ބުނެދީފަ އެވެ. ލައިޝާއަށް ޖަޖުންގެ ފަރާތުން ނެގަޓިވް އަދި ޕްޒިޓިވް ކޮމެންޓްތައް ވެސް ވަނީ ލިބިފަ އެވެ.
ޖަޖުން މިހާރު މާކްސް ދީފައިވާއިރު ލައިޝާއާ މެދު ދެން ގޮތެއް ނިންމާނީ ބެލެންތެރިންނެވެ. "ޓީމް ލައިޝާ" އޮތީ ތައްޔާރަށެވެ. ބެލުންތެރިންނަށް ލައިޝާ ވަރެއް އަދިވެސް ނެތެވެ. އެކަން ބެލުންތެރިންގެ ކޮމެންޓްތަކުން އެނގިގެންދެ އެވެ.
"ހުންނަން ތަ ވީ އުމުރަށް މިހެން"
އެންމެ ފުރަތަމަ ނައިފަރު ދޮހޮއްކޮބެ އަޑުން އިވިފައިވާ މި ލަވަ ރޭ މޯލްޑިވިއަން އައިޑޮލްގައި ހުށަހަޅައިދިނީ އެފަދަ ދަވަނައެއް ނެތް ޝަލަބީ އެވެ. ޝަލަބީގެ ހިތްގައިމު އަޑުން ހުށަހަޅައިދިން މި ލަވައަށް އުނޫޝާ އަދި އަންދަލާގެ ފަރާތުން ސްޓޭޑިން އޮވޭޝަނެއް ލިބިފަ އެވެ. އެކަމުން އެ ދެ ޖަޖުންނަށް ޝަލަބީގެ ލަވަ ކަމުދިޔަކަން ޔަގީންވެ އެވެ. ދެން ތިބި ދެ ޖަޖުންނަށް ވެސް ޝަލަބީގެ ލަވަ ކަމުދިޔަ އެވެ. މައްސަލައަށްވީ އެންމެ ކަމެކެވެ. އެކްސްޕްރެޝަން ނެތުމެވެ. އެކަމަށް ޖަވާބަކަށް ޝަލަބީ ބުނީ އޭނާއަކީ "ޒޮންބީ"އެއް ކަމަށެވެ.
ބެލުންތެރިންނަށް ވެސް ޝަލަބީގެ ލަވަ ރީތިވި އެވެ. ޝަލަބީގެ ހިތްގައިމު އަޑުން އިވުނު ލަވައަށް ބެލުންތެރިން ވަނީ ތައުރީފު އޮއްސާލާފަ އެވެ. ވޯޓަކީ ޝަލަބީ ޝޯގައި އިތުރަށް ބެހެއްޓުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާނެ އެއްޗެވެ. ވޯޓު ދިނުމަށް ހަނދާން ނައްތާނުލާށެވެ.
"ދީފާ ހިތާމޭ"
އަލީ ރަމީޒް ކިައޔދީފައިވާ "ދީފާ ހިތާމޭ" މި ލަވަ ރޭ ހުށަހަޅައިދިނީ ފިޓް ގާއީ ޒަލީފެވެ. ރޭ އެންމެ ފަހުން ހުށަހަޅައިދިން މި ލަވައަކީ ޖަޖުންނަށް އެންމެ ކަމުދިޔަ ލަވަ އެވެ. ރޭގައި ޖަޖުން ވަނީ އެހެން ހުރިހާ ބައިވެރިންގެ ޕާފޯމެންސް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ޒަލީފު ވަނީ އެކަން ވަރަށް ފުރިހަމަކޮށްފަ އެވެ. ޖަޖުން ތިބީ ޒަލީފުގެ ހުށަހަޅައިދިނުމާމެދު ވަރަށް ހިތްހަމަ ޖެހިފަ އެވެ.
ފިޓްގާއީގެ ޓީމުން ބުނާ ގޮތުގައި ވެސް ޒަލީފު ވަރެއް ނެތެވެ. ބެލުންތެރިން ބުނަނީ ޝޯގެ ރޫހަކީ ޒަލީފު ކަމަށެވެ. ރޫހު ޝޯގައި އިތުރަށް ބަހައްޓަން ބޭނުންނަމަ ދެން އެކަމުގެ އިހުތިޔާރު ވެސް އޮތީ ހަމަ ބެލުންތެރިން އަތުގަ އެވެ.
ރޭ ވެސް ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މާކްސް ދިން އިރު މިއަދު ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މިރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ ސޯދިގެވެ.
މިދިޔަ ހަފުތާ "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. މިރޭ މި ބާރު ބެލުންތެރިން ބޭނުންކުރުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.