މޯލްޑިވިއަން އައިޑޮލް

މިރޭގެ އައިޑޮލް ޝޯގައި ހާއްސަ އެތައް ބަޔެއް!

މިރޭއަކީ ގަދަ ފަހެއް ހޮވިގެންދާ ރެ އެވެ. ބޮޑު ރެއަކަށް މިރޭ ވާނެކަން ޔަގީންނެވެ. ގަދަ ހަ ބައިވެރިންގެ ތެރެއިން ކަޓައިގެންދާނެ ބައިވެރިޔަކާ މެދު މިވަނީ ސުވާލު އުފެދިފަ އެވެ. ބައިވެރިން އެހާވެސް ވާދަވެރި އެވެ. ހުނަރުވެރި އެވެ. ކަޓާނެ ބައިވެރިޔަކު ހިޔާލަށް ގެންނަން ވެސް ވަރަށް އުނދަގޫ އެވެ. އެ ސުވާލަށް ޝޯ ނިމިގެންދާއިރު، ޖަވާބު ލިބިގެންދާނެ އެވެ. އިންތިޒާރުކޮށްލާށެވެ.

ސަޕްރައިޒްތައް ވަރަށް ގިނަ!

މިރޭގެ ޝޯ އެހެން ގޮތްގޮތުން ވެސް ވަރަށް ހާއްސަ ވާނެ އެވެ. ޝޯގައި ތަފާތު އެތައް ކަމެއް ފެނިގެންދާނެ އެވެ. މީގެކުރިން ޝޯގައި ނުފެންނަ އެތައް ކަމެއް ފެންނާނެ އެވެ. މީގެކުރިން ވެސް ޝޯއިން ގެސްޓް ޖަޖުން ފެނިގެން ގޮސްފައިވެ އެވެ. އެފަދައިން މިރޭ ވެސް ވަރަށް ކުޅަދާނަ ގެސްޓް ޖަޖެއް ފެނިގެންދާނެ އެވެ. ރާއްޖޭގައި އުފުދުނު އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާއޭ ވެސް ބުނެވިދާނެ އެވެ. އަދިވެސް ދެ ގޮތެއް ނުވެ ހުރި ލަވަ ކިޔުންތެރިޔެކެވެ. ކާކުކަން ބުނާކަށް ނެތީމެވެ. އިންތިޒާރުކޮށްލާށެވެ.

ދެން މިއޮތީ މުޅިން އާ ކަމެކެވެ. އެއީ ބައިވެރިންނާއެކު ލަވަ ހުށަހަޅައިދިނުމަށް ސެލެބްރިޓީން ޝޯގައި ބައިވެރިވުމެވެ. މިރޭގެ ޝޯގައި ރާއްޖޭގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ބައިވެރިވާނެ އެވެ. ޒުވާން ދެ ލަވަކިޔުންތެރިން ޝޯގެ ހަ ބައިވެރިންނާއެކު ވެސް ލަވަ ހުށަހަޅައިދޭނެ އެވެ. އެ ދެ ލަވަކިޔުންތެރިންގެ ނަން ވެސް ސިއްރެއްގެ ގޮތުގައި ބާއްވާނަމެވެ. ހަމަ އިންތިޒާރުކޮށްލާށެވެ. މިރޭގެ ޝޯ މިސް ކޮށްލައިގެން ނުވާނެ އެވެ. މިރޭ އެއަށްވުރެ ޝޯ ފޯރިގަދަވެ ތަފާތުވާނެ އެވެ.

ރޭގެ ޝޯ ކުރުކޮށް

ރޭގެ ޝޯގައި ބައިވެރިން ލަަވ ހުށަހަޅައިދީފައިވަނީ "ޑިސްކޯ ނައިޓް" މި ތީމަށެވެ. އެގޮތުން އެންމެ ފަރަތަމަ ލަވަ ހުށަހަޅައިދިނީ، އިޝާން އެވެ. ހުށަހަޅައިދިނީ "ނުހަނު ރީތި ސޫރައެކޭ" އެވެ. ދެން ލަވަ ހުށަހަޅައިދިނީ ފާލިހެވެ. ކިޔައިދިނީ "ޗާލު ޒުވާނާ" މި ލަވަ އެވެ. ރޮކްސްޓާ މުއައްޒިން ހުށަހަޅައިދިނީ، "ހަނދާ" މި ލަވަ އެވެ.

ހަތަރުވަނައަށް ލަވަ ހުށަހަޅައިދިނީ، ޝޯގެ ޑޮކްޓަރު ލައިޝާ އެވެ. ހުށަހަޅައިދިނީ "ދަންވަރު ދަން" މި ލަވަ އެވެ. ދެން ލަވަ ހުށަހަޅައިދިނީ، ޝަލަބީ އެވެ. ހުށަހަޅައިދިނީ "ހުންނަން ތަ ވީ އުމުރަށް މިހެން" މި ލަވަ އެވެ. ޒަލީފު ހުށަހަޅައިދިނީ، "ދީފާ ހިތާމޭ" މި ލަވަ އެވެ.

މޯލްޑިވިއަން އައިޑޮލްގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. "ނޯ އެލިމިނޭޝަން ޕަވާ" ކޮންމެ ވަގުތަކު ވެސް ޖަޖުންނަށް ބޭނުން ކުރެވޭނެ އެވެ. މިރޭ ވެސް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ޝޯއަށް އިންތިޒާރު ކޮށްލާށެވެ.