ބޮލީވުޑް

ކަރިޝްމާ އާއި ސަންޖޭ ވަރިވަނީ، ދަރިން ކަރިޝްމާ އަށް!

Apr 10, 2016
1

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރާއި ފިރިމީހާ ސަންޖޭ ކަޕޫރު އެންމެފަހުން ވަރިވުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައިސްފި އެވެ.

ކަރިޝްމާ އާއި ސަންޖޭ ވަރިވުމާއި ބެހޭގޮތުން އެއްބަސްވުމަކަށް އައިސްފައިވަނީ މިދެމީހުންގެ ދެދަރިން ކަރިޝްމާ ކައިރީގައި ތިބުމަށާއި ސަންޖޭ އަށް ދަރިންނާއި ބައްދަލުކުރެވޭ ގޮތަށެވެ.

ދެމީހުންގެ ވެސް ޝަރުތުތަކަށް އެއްބަސްވެ މިދެމީހުން ވަރިވާން މިހާރު ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ބުނެފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ މިދެމީހުންގެ ދަރިން ތިބޭނީ ކަރިޝްމާ ކައިރީގައި ކަމަށާއި ނަމަވެސް ސަންޖޭ އަށް ދަރިންނާއި ކޮންމެ ގަޑިއެއްގައި ވެސް ބައްދަލުކުރެވޭނެ ލިޔުމުގައި ވެސް ދެމީހުން ސޮއި ވެސް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މީގެއިތުރުންވެސް ސަންޖޭ ވަނީ މުމްބައިގައި ހުންނަ އޭނާގެ ބައްޕަގެ ގެ ވެސް ވަނީ ކަރިޝްމާގެ ނަމަށް ބަދަލުކޮށްފަ އެވެ.

ކަރިޝްމާ އާއި ސަންޖޭ ކައިވެނިކޮށްފައިވަނީ 29 ސެޕްޓެމްބަރު 2003ގަ އެވެ. ކައިވެނީގެ ކުރީކޮޅުން ފެށިގެން ހިލޭ އަންހެނުންނާއި ސަންޖޭ އާއި ގުޅުން އޮންނަ ކަމަށް ބުނެ މިދެމީހުން ދެމެދުގައި މައްސަލަތައް ވަނީ ޖެހިފަ އެވެ. މިހާރު މިދެމީހުން ވަކިން ދިރިއުޅެމުން އަންނަތާ ފަސް އަހަރު ވެފައިވާއިރު، މިކައިވެންޏަށް ލިބިފައިވާ ދެދަރިން ކަމަށްވާ ސަމައިރާ އާއި ކިއާންތިބެނީ ކަރިޝްމާ ކައިރީގަ އެވެ.

މީގެކުރިން ވެސް ކަރިޝްމާ އާއި ސަންޖޭ ވަރިވާން ވެގެން ކޯޓަށް ލާފައިވާ މައްސަލަ ކަރިޝްމާ ވަނީ އަނބުރާ މިއަހަރުގެ ކުރީކޮޅު ގެންގޮސްފަ އެވެ. އެފަހަރު ކަރިޝްމާ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ވަރިވާން ބޭނުންވެގެން ދެމީހުންވެސް ހުށަހެޅި ލިޔުންތަކުގައި ފައިސާގެ ގޮތުން ދަރިންނަށް ދޭންޖެހޭ އެހީތެރިކަން ސަންޖޭ ދޭނެ ކަމަށް އެއްބަސްވި ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ސަންޖޭ އަށް ފައިސާ ނުދެވުމުންނެވެ.

ދެހާސް ސާދަވަނަ އަހަރު ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅިފަހުން ކަރިޝްމާ އާއި ސަންޖޭ ވަނީ ދެމީހުންގެ ބޮލުގައިވެސް ތަފާތު އިލްޒާމުތައް އަޅުވައި ވާހަކަދައްކާފަ އެވެ. އެގޮތުން ސަންޖޭ ވަނީ ކަރިޝްމާގެ ފަރާތުން އަންޑަވޯލްޑް ޑޮންއެއް އޭނާ މުމްބައިއަށް ނޭރުމަށް ބިރުދެއްކި ކަމަށް ބުނެފަ އެވެ. އަދި ކަރިޝްމާ ވެސް ވަނީ ކައިވެންޏަށްފަހު އަންހެން މީހާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭ މުދަލާއި ފައިސާ ނުދީގެން ސަންޖޭ އާއި މައިދައިތަ އޭނާއަށް ބިރުދައްކަމުންދާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މިދެމީހުންވެސް އެކަކު އަނެކަކު މައްޗަށް ކޮށްފައިވާ އިލްޒާމުތައް އަނބުރާ ގެންނަށް ތައްޔާރަށް ތިބިއިރު، ސުޕްރީމް ކޯޓުން ވަނީ ކަރިޝްމާ ސަންޖޭ އާއި އޭނާގެ މަންމަގެ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަވެސް އަނބުރާ ގެނެސްފަ އެވެ.