ރިވިއު

ވާށޭ މަށާ އެކީ: ތައުރީފު އޮއްސައި ހުސްނުވި ފިލްމެއް!

- މެއިން ކްރެޑިޓްސް:

މުހައްމަދު ޖުމައްޔިލް - ޒިޔާދު
މަރިޔަމް މަޖުދާ - ނަތާޝާ
މުހައްމަދު ފައިސަލް - ތޯބެ
އަލީ ޝަޒްލީމް
އައިމިނަތު ނޫރާ
ފުބޫ

- ޑައިރެކްޓަރު: އަލީ ޝިފާއު (ޗިއްޕެ)
- ސްކްރީންޕްލޭ: މަހުދީ އަހުމަދު
- ޕްރޮޑިއުސްކުރީ: މުހައްމަދު އަލީ އަދި އައިޝަތު ފުއާދު ތައުފީގް
- ސްޓޫޑިއޯ: ޑާކް ރެއިން އެންޓަޓެއިންމަންޓް
- ފިލްމުގެ ދިގުމިން: 150 މިނެޓާއި 44 ސިކުންތު

ފިލްމުގެ ހަތަރުވަނަ ޝޯ އެވެ. އާންމުކޮށް އޮލިމްޕަހަށް ފިލްމެއް ބަލަން ދާ ގަޑިއަށް ވުރެ ވިއްސަކަށް މިނެޓް ކުރިން އަޅުގަނޑު ސިނަމާ އަށް ގޮސް އެތެރެއަށް ވަދެ ފިނީގައި ޖައްސާލީ އެއްގޮތަކަށް ވެސް މި ފިލްމަކާ ބެހޭ ގޮތުން މީހުން ދައްކާ ވާހަކަ ގަބޫލުކޮށް ނުވަތަ އެ ވާހަކައެއްގެ ހަގީގަތަށް ކެތްމަދުވެގެންނެއް ވެސް ނޫނެވެ. ސަބަބަކީ ޑާކް ރެއިން އިން މި ފިލްމެއްގެ ކުރިން ގެނެސްދިން ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ޝޯއަކަށް ނުދެވިގެން އުޅެނިކޮށް އެ ސިލްސިލާ އަށް ނިމުން އައިސްފައި އޮތީމަ އެވެ. އެހެންވީމަ ޑާކް ރެއިންގެ ފިލްމެއް ދެ ވަނަ ފަހަރަށް މިސްކޮށްލަން ބޭނުންނުވީ އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓަކީ ގިނަ ފިލްމުތަކެއް ގެނެސްދޭ ސްޓޫޑިއޯއެކެވެ. މަރުވަމުން ދިޔަ ފިލްމީ ދާއިރާ ނަގައި އަލުން ކޮޅަށް ޖެހުމުގެ އެންމެ ބުރަ މަސައްކަތެއް ކުރާ ބަޔަކަށް އެމީހުންވާ ހިނދު، ހާއްސަ ޝުކުރަކާ އެކު އެ މީހުންގެ އާ ފިލްމު ނުވަތަ މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ "ވާށޭ މަށާ އެކީ" ގެ ވާހަކަ ފަށައިގަންނަމާ ހިނގާށެވެ.

އެކަމަކު އޭގެ ކުރިން އަޅުގަނޑު ހައިރާންކޮށްލި އެހެން ވާހަކައެއް ވެސް ދަންނަވާލާނަމެވެ. "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ޝޯއަކަށް އަޅުގަނޑަކަށް ނުދެވެ އެވެ. އެހެންވީމަ އެ ފިލްމު ބަލަން ދިޔަ މީހުންގެ އަދަދެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެކަމަކު މި ފިލްމު ބަލަން އޮލިމްޕަހަށް ގޮސް ތިބި މީހުންގެ އަދަދު އަޅުގަނޑަށް ފެނުނެވެ.

އާންމުކޮށް ދިވެހި ފިލްމެއްގެ "ހައުސްފުލް ޝޯ" އެކޭ ބުނީމަ އެ ހަދަނީ ކިހައި ބޮޑު ދޮގެއްކަން ވަރަށް ގިނަ މީހުންނަށް އެނގެ އެވެ. ސަބަބަކީ ހައުސްފުލް ނުވިޔަސް ބަޔަކު މީހުން ދޮގުހަދައި، ހަދައި ގޮސް "ހައުސްފުލް" ގެ މާނަ އޭގެ އިދިކޮޅަށް ތަރުޖަމާވެފައި އޮތީމަ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ "ވާށޭ މަށާ އެކީ" ގެ ރޭގެ ޝޯއަކީ އަސްލަށް ވެސް ހައުސްފުލް ޝޯއެކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ވެސް ހީކުރީ ހައުސްފުލްއޭ ބުންޏަސް ހައުސްފުލްއެއް ނުވާނެ ކަމަށެވެ. އެކަމަކު ގަޑިން ނުވަގަޑިބައިވެ، ފިލްމު ފެށިއިރު ކޮންމެ ގޮނޑިއެއްގެ މަތިން ބޮލެއް ފެންނަން ހުއްޓެވެ.

ސްޕޮއިލާ އެލާޓް!

އެކަމަކު ހަގީގަތެއްގެ ވާހަކަ ބުނަން ހެއްޔެވެ؟ މި ފިލްމަކީ އެ ފިލްމެއްގެ ކުރި މަރާލައިގެން ވެސް ނިކަން ރަނގަޅަށް އެ ފިލްމަކުން ހިތްއުފާކޮށް، ހިތްހަމަޖެހި، މުނިފޫހި ވެސް ފިލުވިދާނެ ފިލްމެކެވެ. ބައެއް ދިވެހި ފިލްމުތަކަކީ އެ ފިލްމުތަކެއްގެ ޕްލޮޓް ކިތަންމެ ވަރަކަށް ފޮރުވިޔަސް ފޫހި އަދި ޝައުގުވެރިކަމެއް ހިމެނޭ ފިލްމުތަކެއް ނޫނެވެ.

އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، "ވާށޭ މަށާ އެކީ" ގައި ވަނީ "މިވެނި އެވެނި ގޮތެކޭ" ކިޔައިގެން މީހަކު ދެން ހުންނަ މީހަކަށް މި ފިލްމުގެ ވާހަކަ ކިޔައިދޭ ނަމަ މި ފިލްމަށް ހިތްޖެހޭ ގޮތް ބޮޑުވެ ފިލްމު ބަލަންދާން ބޭނުންވާ މިންވަރު އިތުރުވެގެންދާނީ އެވެ.

އެހެންވީމަ ހަގީގަތުގައި މިއަށް ސްޕޮއިލާ އެލާޓެއް ބޭނުމެއް ނުވެސްވެ އެވެ.

ފިލްމުގައި ޒިޔާދު (ޖުމައްޔިލް) އަކީ އޭނާގެ ނިކަން ގާތް ދެ އެކުވެރިޔަކާ އެކު އެޕާޓްމަންޓެއް ހިއްސާކޮށްގެން އެމީހުންގެ ތެރޭގައި ދިރިއުޅޭ ޒުވާނެކެވެ. ވިހި ފަންސްވީހޭ މިކިޔާ ވައްތަރުގެ މިނިވަން ޒުވާނެކެވެ. ނަތާޝާ (މަޖުދާ) ގެ މިޒާޖަކީ ވެސް އެންމެ ފުރަތަމަ މިއީ އެވެ. އޭނާގެ ލޯބިވެރިއެއް (ފުބޫ) ވެސް ހުރެ އެވެ. އަދި އެ ދެ މީހުން އުޅެނީ ވަރަށް ވެސް ލޯބިންނެވެ.

އެކަމަކު ފިލްމުގައި ކިޔައިދޭން ޖެހޭ ލޯބީގެ ވާހަކަ ފެށުމަށް ނަތާޝާ އާއި އޭނާގެ ލޯބިވެރިޔާ އަށް ޖެހެނީ ރުޅިވާށެވެ. ވަގު ބިޓެއްގެ މައްސަލަ ފަޅާއަރައި ނަތާޝާގެ ލޯބިވެރިޔާ ހޫނުފެނަށް ވެއްޓެނީ އެވެ. ޒިޔާދުއާ ނަތާޝާ އަލަށް ދިމާވަނީ މި "ކަސޯޓީއެއްގެ ކްލައިމެކްސް" އިންނެވެ.

އެ ހިސާބުން އެ ކަސޯޓީއެއް ނިމި ފިލްމުގެ އަސްލު ވާހަކަ ފެށިގަންނަނީ އެވެ. ދެން ފެނިގެން ދަނީ މަޑުމަޑުން ގޮސް ޒިޔާދު އާއި ނަތާޝާގެ މެދުގައި އެކުވެރިކަމެއް ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވެގެންދާ ގޮތެވެ. އެކަމަކު އެ ލޯބި ވެވުނުކަން ދެ މީހުންނަށް ރަނގަޅަށް ގަބޫލުނުކުރެވިގެން އުޅެނިކޮށް ޒުވާން މި ދެ ލޯބިވެރިން ނުވަތަ ފިލްމުގައި ޒިޔާދު ބުނާ ގޮތުން ނަމަ "ގާތް ދެ ރައްޓެހިން" ކުއްލިއަކަށް ރުޅިވަނީ އެވެ.

ލޯބިވާ ވާހަކަ ބުނަން ނަތާޝާ ގާތަށް ގޮސް އެ ވާހަކަ ނުބުނެ ޒިޔާދު އެނބުރި ގެއަށް ދަނީ، ނަތާޝާ އަކީ ކައިވެންޏެއްކޮށް، ކުދިން ހޯދައިގެން ދިރިއުޅުމެއް ފަށަން ކެތްމަދުވެފައިވާ އަންހެން ކުއްޖެއްކަން ވިސްނޭ ހިސާބުންނެވެ. އެފަދަ އަންހެން ކުދިންނަކީ ލައިފަށް އަންނަށް "ނެގެޓިވް އިމްޕެކްޓެއް" ގެ ގޮތުގައި ޒިޔާދުގެ އެންމެ ގާތް އެއް އެކުވެރިޔާ ތޯބެ (ފައިސަލް) ވިސްނައިދީފައި އޮތުމުގެ ސަބަބުން ޒިޔާދު ވަގުތުން ނަތާޝާއާ ގުޅުން ކަނޑާލަނީ އެވެ.

އެކަމަކު ލޯބި ގޮސް އަނެއްކާވެސް ނަތާޝާ އާއި ޒިޔާދު އެއްތަންކުރުވަނީ އެވެ. އެންމެފަހުން ކައިވެނިކޮށް ދިރިއުޅުމެއް ވެސް ފަށަނީ އެވެ. އެހެންނަމަވެސް އޭރު ވެސް ޒިޔާދުގެ ގަބޫލުކުރުމަކަށް ބަދަލެއް ނާދެ އެވެ. ދަރިން ހޯދަން އޭނާ ބޭނުމެއް ނުވެ އެވެ. އެންމެފަހުން ޒިޔާދަށް ކެހި ދެނީ ތަގުދީރެވެ.

ބޭސްތަކެއް ނަގަމުން ދަނިކޮށް ވެސް ނަތާޝާ ބަނޑުބޮޑުވަނީ އެވެ. މިހައި ހިސާބުން ފިލްމުގެ ވާނުވާ ކިޔައިދިނުން ހުއްޓާލާފައި އެހެން ދިމާލަކަށް ޖެހިލަމާ ހިނގާށެވެ.

މި ފިލްމު ހާއްސަވަނީ ކިހިނެތް ހެއްޔެވެ؟

ވަރަށް ކުރު ޖުމްލައަކުން ބުނަނީ ނަމަ، ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް ގެނެސްދިން އެންމެ މޮޅު އަދި އެންމެ ރީތި ފިލްމަކަށް މި ފިލްމުވާތީ އެވެ. މި ވާހަކަ އަށް ޖުމްލައެއް އިތުރުކުރާ ނަމަ ބުނަން ޖެހެނީ މިއީ ޖުމައްޔިލް އާއި މަޖުދާ ލީޑް ރޯލުކުޅުނު "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް ވުރެން ވެސް މޮޅު ފިލްމެކޭ އެވެ.

ހުރިހައި ޑިޕާޓްމަންޓަކުން ވެސް "ވާށޭ މަށާ އެކީ" ކުރި އަރައިގެން ގޮސްފައި އޮތީމަ އެވެ.

ފިލްމުގައި އޮތީ ވަރަށް ވެސް ޒަމާނީ ލަވް ސްޓޯރީއެކެވެ. އެ ވާހަކަ ސްކްރީނަށް ގެނައުމަށް މަހުދީ އަހުމަދުގެ ގަލަމުން ކުރަހާފައިވާ ޗާޓުގެ ފުރިހަމަކަން މި ފިލްމުގެ ހިތްގައިމުކަމުގެ ފަހަތުގައި ވަރަށް ވެސް ބޮޑެވެ. ފިލްމުގެ ނެރެޓިވް ސްޓްރަކްޗާ އޭގެ ޒަމާނީ ވާހަކައާ ވަރަށް ގުޅޭކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ވެސް މަހުދީގެ ސްކްރީންޕްލޭގެ އެހެން ދިމާއަކަށް ޖެހިލާ ނަމަ އޭގެ ކެރެކްޓާސްތައް މުއްސަނދިކޮށްފައިވާ ގޮތާއި ހަމަޖެހޭ ވާހަކަ ދައްކަން އެ ކެރެކްޓާސްތަކަށް ދަސްކޮށްދީފައިވާ ގޮތް ފާހަގަކޮށްލެވެ އެވެ. މިކަމެއް ފާހަގަކޮށްލަން ޖެހެނީ، މިއީ އާންމުކޮށް ދިވެހި ފިލްމުތަކުން ނުފެންނަ މަންޒަރަކަށްވާތީ އެވެ. ވަކިން ހާއްސަކޮށް މަހުދީ މިފަހުން ލިޔުނު ފިލްމުތަކަށް ވުރެ ވެސް މީގެ ކެރެކްޓާތައް ފުރިހަމަވެފައި ވާހަކަ އެ ކެރެކްޓާސްތަކުގެ ބޯ، މާ ބޮޑަށް ވެސް ހަމަޖެހޭތީ އެވެ.

"ވާށޭ މަށާ އެކީ" އަށް މަހުދީކޮށްފައިވާ މަސައްކަތް "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް ވުރެ މާ ބޮޑަށް ވެސް އަޅުގަނޑަށް ފުރިހަމަ އެވެ. "އެންމެ ފަހު ވިންދާ ޖެހެން ދެން" އަކީ އޭގައި ވަރަށް "ޗީޒީ ޑައިލޮގްސް" ހިމެނިފައިވާ ފިލްމެކެވެ. އެ ފަޅުކަން މި ފިލްމުގައި އޮތީ ފިލައިފަ އެވެ.

އެކްޓަރު ޖުމައްޔިލް އަކީ ވެސް މި ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ޖުމްލަ ގޮތެއްގައި ފިލްމުގެ ހުރިހާ އެކްޓަރުންގެ ފަރާތުން ވެސް "ގާތްގަނޑަކަށް ފުރިހަމަ" ހުނަރުވެރިކަމެއް ފެނިގެން ދިޔަ ނަމަވެސް އެންމެ ބޮޑު އިމްޕްރޫވްމަންޓެއް ފެނުނު އެކްޓަރަކީ ޖުމައްޔިލް އެވެ. -- އެންމެ ކުރާހިތްވާ ކަމަކީ ފިލްމުކުޅުމޭ ޖުމައްޔިލް ބުނީމަ އެ ބުނާ ވާހަކައެއްގައި ހުރި އަޒުމެއް މި ފިލްމު ބަލައިލުމުންނާއި އޭނާގެ އެހެން ފިލްމުތައް ބަލައިލުމުން ވަރަށް ރީއްޗަށް އެނގިގެންދާނެ އެވެ.

ހަގީގަތަށް ބުނާ ނަމަ "އެންމެ ފަހު ވިންދާ ޖެހެންދެން" ކުޅުނުއިރު އެކްޓަރެއްގެ ގޮތުގައި ޖުމައްޔިލް ވަރަށް ވެސް އަލެވެ. އެ އާކަން އެ ފިލްމުން ފާހަގަކުރެވުނެވެ. އެކަމަކު "ވާށޭ މަށާ އެކީ" ގައި ޖުމައްޔިލްގެ އެކްޓިން ކޮލިޓީ ފިލްމުގެ އެންމެ މޮޅު އެކްޓަރު، ބަތަލާ މަޖުދާއާ އަރާ ހަމަކޮށްފައިވާަކަން ފާހަގަކޮށްލެވެ އެވެ.

ޖުމައްޔިލް އާއި މަޖުދާގެ އޮން ސްކްރީން ރޮމޭންސް މި ފިލްމުގައި އާ އުސްމިނަކަށް ގެންގޮސްދިން ސަބަބަކަށް މިކަންވާނެކަން ވެސް ޔަގީނެވެ. ހަގީގަތުގައި ވެސް އެކްޓަރެއްގެ ގޮތުގައި ޖުމައްޔިލް ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ފިލްމުގެ މުހިންމު އެހެން ތަރިންނަށް ބަލައިލާއިރު މުހައްމަދު ފައިސަލްގެ އެކްޓިން ފާހަގަނުކޮށް ދޫކޮށްލާކަށް ނުވާނެ އެވެ. މިއީ މީގެ ކުރިން އަޅުގަނޑަށް ދުވަހަކު ވެސް މިގޮތަށް ކަމުދިޔަ އެކްޓަރެއް ނޫނެވެ. ސަބަބަކީ ފައިސަލް އަކީ އަބަދުވެސް އޮންސްކްރީންގައި އޭނާ އަށް ލިބިފައި އޮންނަ ރޯލެއްގައި އޯވާ އެކްޓިން ދައްކާ ފަރާތަކަށްވާތީ އެވެ.

އެކަމަކު މި ފިލްމުގައި ފައިސަލް އަކީ އަޅުގަނޑުގެ ފެވަރިޓެކެވެ. އޭނާގެ އިތުރުން ފިލްމުގެ މެއިން ކާސްޓްގެ ޖުމްލަ އެކްޓިން އާދަޔާހިލާފަށް ރަނގަޅު ކަމަށް ފާހަގަކުރެވުނެވެ. އަދި ފިލްމުގެ ސެޓިން އަހަރުތަކަކަށް ދިގުދެމިގެންދާއިރު ކެރެކްޓާސްތަކަށް އަންނަ ބަދަލުތަކަށް ވެސް ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ވެސް ފިލްމު ހާއްސަވާ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އެ ވާހަކަތައް ލިސްޓްކޮށް ލިޔަންވެއްޖެ ނަމަ، ފިލްމު ފަށާ ގަޑި ޖެހޭއިރު ވެސް އެ ވާހަކަތައް ކިޔައި ނިމޭނެހެނެއް ހީއެއް ނުވެ އެވެ.

ނޯޓް: މީގައި އެއްވެސް ވަރަކަށް ސިނެމެޓޯގްރެފީ ފާހަގަކޮށްފައި ނެތީ އޭގެ ފުރިހަމަކަމަށް އިހްތިރާމްއަދާކުރުމުގެ ގޮތުންނެވެ. ސަބަބަކީ ކަމެއް އާދަޔާހިލާފަށް ރަނގަޅުވެއްޖެ ނަމަ އެކަމެއް ނުވަތަ އެއްޗެއްގެ އިހްސާސްކުރެވޭކަން ހީވެސްނުވެ އެއިން އުފާލިބިގަނެވޭތީ އެވެ.

ޑައިރެކްޓަރު ޝިފާއު އެނބުރި ބޮންތިއަށް!

މި ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު ގިނަ ބަޔަކު ދަންނަ ނަމަކަށް ބަދަލުކޮށްލީ، ޑައިރެކްޓަރު މޫމިން ފުއާދުއާ އެކު ޑައިރެކްޓްކުރި ފިލްމު "ހޭލާ" އިންނެވެ. އެއަށް ފަހު ވަރަށް ފަހަކާ ޖެހެން ދެން އަޅުގަނޑު ނިންމައިގެން ހުރީ އަލީ ޝިފާއުގެ އެ ހުނަރުވެރިކަން އެ ފިލްމާ އެކު ވަޅުލެވިގެން ދިޔައީ ކަމަށެވެ. ގާތްގަނޑަކަށް ހަގީގަތަކީ ވެސް މިއީ އެވެ.

މޫމިން ޑައިރެކްޓްކުރި ޑާކްރެއިންގެ ބޮޑު ފްލޮޕް "ހެޕީ ބާތު ޑޭ" ގެ ފިލާވަޅާ އެކު އެމީހުން ކޮމާޝަލް އުފެއްދުންތަކަކަށް ބަސްއެހުމަށް ފަހު އުފައްދަން ފެށި މެއިންސްޓްރީމް ފިލްމުތަކުގެ އެއް ވަނަ ޑައިރެކްޓަރަކަށް ފެންނަން ފެށީ ޝިފާއު އެވެ. އެގޮތުން، ވިޔަފާރީގެ ގޮތުން ކިތަންމެ ކާމިޔާބު ކަމަށް ބުންޏަސް، ޝިފާއުއާ އެކު ޑާކް ރެއިން ގެނެސްދިން "ދިން ވޭނުގެ ހިތާމާގައި" އަކީ ވަރަށް އެވްރެޖު ޑައިރެކްޝަނެކެވެ. -- ޝިފާއު ލައްވައި ކެއްކުވި ނިކަން ބޮޑު ރިހަގަނޑެކެވެ.

އެއަށް ފަހު "ޒަހަރު" ކިޔާ ފިލްމެއް ވެސް ގެނެސްދިނެވެ. "ފަތިސްހަނދުވަރުގެ ފެށުން" ވެސް ވީ ހީކުރިގޮތާ ހިލާފަށް ފެންވަރު ދަށް ޑައިރެކްޝަނަކަށެވެ. އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ވެސް އަޅުގަނޑުގެ ހިޔާލުގައި ހަމަ އެވްރެޖު ފިލްމެކެވެ.

އެކަމަކު "ވާށޭ މަށާ އެކީ" މިއީ އެވްރެޖު ފިލްމެއް ނޫނެވެ. ވަކިން ހާއްސަކޮށް ރޮމޭންޓިކް ކޮމެޑީއަކަށް ވެފައި، ދިވެހި ސިނަމާއާ މުޅިން ބީރައްޓެހި ރަހައެއް ހޮވައިގެން އޭތި ގެނެސްދީފައިވާ ގޮތް މާ ބޮޑަށް ވެސް ފުރިހަމައީ އެވެ. މަހުދީގެ ސްކްރީންޕްލޭ އަށް ހަގީގީ ދިރުމެއް ގެނެސް ޖުމައްޔިލް ފަދަ ތަޖުރިބާ މަދު އެކްޓަރުން ރާއްޖޭގެ ނަން މަޝްހޫރު ނުވަތަ އަގުބޮޑު ތަރިންނާ އެއް ލެވެލްއަކަށް މި ފިލްމުގައި ގެންގޮސްދިނުމުގެ ހުރިހާ ވެސް ޝުކުރެއް ޑައިރެކްޓަރަށެވެ.

"ވާށޭ މަށާ އެކީ" އަކީ ޔަގީނަށް ވެސް ޝިފާއުގެ އެންމެ ހާއްސަ އަދި އެންމެ މޮޅު އެއް މަސައްކަތަށްވާނެ އެވެ!

އޮއްސަން ހުރި ތައުރީފު ގިނަވީމަ ކުރުކޮށްލަނީ!

މިއީ އެ ފިލްމެއްގައި އެތައް ރަހައެއް ހިމެނޭ އުފެއްދުމެކެވެ. އުފަލުން ގޮސް ނުވަތަ އޭގެ މަޖަލާއި ފޯރީގައި ރޮވި، ހިތަށް އަސަރުކޮށް ދެރަވެގެން ވެސް މީހަކު ރޮވޭނެ ފެންވަރެއްގައި ގެނެސްދީފައިވާ ފިލްމެކެވެ. ފިލްމުގައި ގެނެސްދީފައިވާ ކޮމެޑީ ސްކެޗްތަކަކީ ވެސް އިތުރު ފުރިހަމަ ކަމެކެވެ. އެގޮތުން ފާހަގަކޮށްލާ ނަމަ، "އެންމެ ބަދުނަސީބު" ޝާއްކޯ އައްމަޑޭގެ ކޮމެޑީ ސްކެޗްތައް ފާހަގަކޮށްލަން ޖެހެ އެވެ.

ދެރަވެގެން ގޮސް ރޮއްވާލަފާނެ މަންޒަރުތައް ވެސް ފިލްމުގައި ހިމެނެ އެވެ. ލޯބީގައި ޖެހި، ހިތްހަލާކުވެ ނުވަތަ ނިކަން ލޯބިވި މީހަކާ ވަކިވެ ހިތްދަތިކަމެއްގެ ތެރެއަށް ގޮސްފައިވާ މީހަކު މި ފިލްމު ބަލައިގެން ރޮވޭނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި ހަމަ އެ ނޭވާގައި އެމީހަކު ހެއްވައި ހަލާކުކޮށްވެސްލަފާނެ އެވެ.

އެހެންވީމަ ކުރުކޮށް ބުނަނީ ނަމަ، މިއީ ހަމަ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ބަލަން ޖެހޭ ދިވެހި ފިލްމެކެވެ. ހާއްސަ ފެނިލުމަކުން ފެނިލި މަޝްހޫރު އެކްޓަރު ނުވަތަ "ބިރުކުޑަ އަލީ" ގެ ގޮތުގައި މަޝްހޫރުވި އަހުމަދު ނިމާލްގެ ފެނިލުން ވެސް ވަރަށް ހާއްސަ އެވެ. ނިމާލް އާއި ޖުމައްޔިލް، މި ދެބަފައިންގެ އޮން ސްކްރީން ކޮމެޑީ ސްކެޗަކީ އެއްގޮތަކަށް ވެސް ދޫކޮށްލާވަރުގެ މަންޒަރެއް ނޫނެވެ.

ހަގީގަތަކީ، މި ވަރަށް ހިތްހަމަޖެހުނު ދިވެހި ފިލްމެއް އަދި ނުބެލޭކަމެވެ. "ލޫދިފާ" އާއި "އިނގިލި" އާއި "މިކޮއެ ބައްޕަ" އަކީ އާދަޔާހިލާފަށް މޮޅު ފިލްމުތަކެވެ. އެކަމަކު ފިލްމެއްގެ ގޮތުގައި "ވާށޭ މަށާ އެކީ" މާ ބޮޑަށް ވެސް ފުރިހަމަވެފައި މުއްސަންޖެވެ. ސަބަބަކީ މި ފިލްމެއްގައި ހުރިހާ ރަހަތަކެއް ހިމަނާފައިވާއިރު ވެސް ދުންގެންފައި ނެތުމެވެ.

އެކަމަކު ނިންމާލާނީ ކަމުނުދިޔަ ދެ ތިން ކަމެއް ވެސް ފާހަގަކޮށްފަ އެވެ. މި ފިލްމަކީ ޔުނިސެފުން ފަންޑުކޮށްގެން ނުވަތަ ރިޕްރޮޑަކްޓިވް ސެންޓަރަކުން ފަންޑުކޮށްގެން އުފައްދާފައި އޮތް ފިލްމެއް ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް "ނަސޭހަތުގެ ރާގު" ރާގު ހިމެނިފައިވުމެވެ. އަލަށް ކައިވެންޏެއްކޮށް ދަރިން ހޯދަން ވިސްނާ ކޮންމެ މީހަކަށް ވެސް މި ފިލްމު ހާއްސަ އެވެ. ޔަގީނަށް ވެސް ސަރުކާރުން ވައުދުވެފައިވާ ފްލެޓްތަކަށް ވުރެ މި ފިލްމެއްގެ މުހިންމުކަން އެފަރާތްތަކަށް ބޮޑު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.