ރާއްޖެ ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕުގެ ދެކުނުގެ ޗެމްޕިއަންކަން މިސްކިތްމަގަށް

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ރާއްޖޭގެ ދެކުނުގެ ޗެމްޕިއަންކަން ފުވައްމުލަކު މާދަޑު ފިސްޑާ ސީދާ ތިން ސެޓުން ބަލިކޮށް، އެރަށު މިސްކިތްމަގު ޓީމު ހޯދައިފި އެވެ.

މުބާރާތުގައި ގަދަފަދަ ކުޅުމެއް ދައްކަމުން އައި ފިސްޑާގެ މައްޗަށް މިސްކިތްމަގު ކުރި ހޯދީ 25-14، 25-13 އަދި 25-15އިންނެވެ.

އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް އައި މިސްކިތްމަގުގެ އައިޝަތު މާޖިދާ އަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ އޭނާގެ އިތުރުން މިސްކިތްމަގުގެ ހަދީޖާ މުހައްމަދާއި މަރިޔަމް ސައީދާ އާއި ފިސްޑާގެ ފާތިމަތު ޝަހުލާ އާއި މަރިޔަމް ސަމާ އަދި ތިން ވަނަ ހޯދި ވެށިނަލަ ޖަމިއްޔާހެ މަރިޔަމް ހަސަނެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ ފާތިމަތު މާޔާ އެވެ.19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ފާތިމަތު ޖުމާ ޝަޖުމީ އެވެ.

ފަސް ޓީމު ވާދަކުރި މުބާރާތުގައި އެންމެ މޮޅު ކޯޗަކީ ފިސްޑާގެ ކޯޗު މުހައްމަދު ޢަބްދުއްރަހުމާނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ގައުމީ ވޮލީބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.