ރާއްޖެ ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީމުބާރާތް އަންނަ އަހަރު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މި މުބަރާތުގެ އަންހެން އަދި ފިރިހެން ބައި ވެސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގަ އެވެ. މިކަން ނިންމީ މިއަދު ނިމިގެންދިޔަ އޭޝިއަން ސެންޓްރަލް ޒޯން އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ވޮލީއެސޯސިއޭޝަނުން ބުނީ އެންމެ ފަހުން ރާއްޖެ މިދިޔަ އަހަރު ރިހިމެޑަލް ހޯދި މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމީ މިފަދަ މުބާރާތްތައް ބާއްވައިގެންނޫނީ ދިވެހި ވޮލީ ކުރިއަރުވަން ފަސޭހަނުވާނެތީ ކަމަށެވެ.

އަދި މި މުބާރާތް ބޭއްވުމަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވާނެ ކަމަށާއި މިހެން މިހާރުއްސުރެ ފެށިގެން އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިޔާގެ ސެންޓްރަލް ޒޯންގައި 14 ގައުމެއް ހިމެނެ އެވެ. އެއީ ސާކުގެ ހަތް ގައުމު ކަމަށްވާ ލަންކާ އާއި ބޫޓާން އަދި އިންޑިޔާ އާއި ޕާކިސްތާނާއި ނޭޕާލާއި އަފްގާނިސްތާން އަދި ބަނގްލަދޭޝްގެ އިތުރުން ކަޒަކިސްތާނާއި އީރާން އަދި ތުރުކުމަނިސްތާން އާއި ތަޖިކިސްތާން، އުޒުބަކިސްތާނުގެ އިތުރުން ކިރިގިސްތާނެވެ.

ސެންޓްރަލް ޒޯން މުބާރާތް މި އަހަރު އޮންނާނީ ބަނގްލަދޭޝްގަ އެވެ. ކުރިން މުބާރާތް ބާއްވަން އޮތީ އިންޑިޔާގަ އެވެ.