މޯލްޑިވިއަން އައިޑޮލް

އަމިއްލަ ލަވަތަކަކާ އެކު މުއައްޒިން ވަރަށް އަވަހަށް ފެންނާނެ

މޯލްޑިވިއަން އައިޑޮލްގެ ފޯރިގަދަ ގަދަ ފަހެއްގެ ހަނގުރާމައަށް ޝޯ ވެއްޓިގެން ދިޔައިރު ޝޯގެ ރޮކްސްޓާ މުހައްމަދު މުއައްޒިންއަށް މިވަނީ ޝޯއާ ވަކިވާން ޖެހިފަ އެވެ. މުއައްޒިންއަކީ މޯލްޑިވިއަން އައިޑޮލްއިން އެންމެ ފުރަތަމަ ފެނުނު މޫނެވެ. ދިގު ދަތުރެއް މުއައްޒިން ކޮށްފި އެވެ. އަމިއްލަ ސްޓައިލެއް އުފައްދާ، އެހާމެ މޮޅަށް އެ ސްޓައިލް ބެލުންތެރިންގެ ހިތްތައް ވައްދައިފި އެވެ.

އަމިއްލަ ސްޓައިލެއްގެ އިތުރުން މުއައްޒިން ވަނީ އޭނާއަކީ ތަފާތު ރަހަތަކުގެ ތަފާތު ވައްތަރުގެ ލަވަތައް ކިޔޭނެ މީހެއްކަން ވެސް ސާބިތުކޮށްދީފަ އެވެ. ތަފާތު ލަވަތައްކީ ބައިވެރިއެއްގެ ގޮތުގައި މުއައްޒިން ފާހަގަކޮށްލެވެ އެވެ.

އައިޑޮލްގެ ދަތުރު ނިމިގެންދިޔައިރު، މުއައްޒިން، ރޮކްސްޓާގެ ގޮތުގައި ނުދަންނަ މީހަކު މި ރާއްޖޭގައި މަދުވާނެ އެވެ. ދެން މުޅިން ވެސް ޓީވީތަކުންނާއި ޝޯތަކުން ފެންނަނީ މުއައްޒިންކަމާމެދަކު ޝައްކެއް ނެތެވެ. އެހާވެސް މުއައްޒިންގެ ހުނަރު ތަފާތުވެފައި، ޝައުގުވެރި އެވެ. ގަދަ ފަހަކަށް ޝޯ ގޮސްފައިވާއިރު ރޭ ކަޓައިގެން ގޮސްދާނެ ކަމަށް މުއައްޒިންއަށް އޮތީ ހީވެފަ އެވެ. ނަމަވެސް އެކަމަށް އޭނާ ހުރީ އުއްމީދުކޮށްގެނެއް ނޫނެވެ. ޝޯއިން ވަކިވާން ޖެހުމަކީ ދެރަވާނެ ކަމެކެވެ. ނަމަވެސް މުއައްޒިންގެ ފަރާތުން ފެނުނީ ސާބިތުކަމެވެ. އާއިލާ މެންބަރުން ކައިރީ ދެރަ ނުވާން ވެސް ބުނީ މުއައްޒިން އެވެ. އޭނާއަށް ޔަގީންނެވެ. އޭނާގެ ކެެރިއާ އަދި މި ފެށުނީ އެވެ.

"އަސްލު ޝޯގައި ބައިވެރިވެވުނީތީ ވަރަށް އުފާވެއްޖެ މިއަދު، މިހާ ހިސާބަށް އައި ވަރަށް ބައިވަރު މީހުން ސަޕޯޓްކުރާކަން އެނގޭ ދޯ، އެހެންވެ އަސްލު ވަރަށް އުފާވޭ، ކެޓިޔަސް ނެތް ދެރައެއް، ކުރިއަށް ދިޔަސް ނެތް ދެރަ އެއް،" މުއައްޒިން ރޭ އަވަސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.

މުއައްޒިން ބުނި ގޮތުގައި، އޭނާ ލޯބިކުރަނީ އަމިއްލަ އުފެއްދުންތަކަކަށެވެ. ކުރިއަށް ދާން ބޭނުންވަނީ ވެސް އަމިއްލަ ލަވަތަކެއް އުފައްދައިގެންނެވެ. ފަހަރުގައި މުއައްޒިންއަކީ ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދާނެ ފަންނާނަކަށް ވެސް ވެދާނެ އެވެ. އަމިއްލަ އުފެއްދުންތަކަކާއެކު މުއައްޒިން ވަރަށް އަވަހަށް ބައްދަލުކުރާނެ އެވެ.

"ވަރަށް އަވަހަށް ފެންނާނެ. އަމިއްލަ ލަވަ ދޯ އަޅުގަނޑުގެ އެއްޗަކީ، އަމިއްލަ އަޅުގަނޑުގެ ސްޓައިލްގެ ލަވަތައް ހަދާފައި، ކަމުދަންޏާ ވަރަށް ރަނގަޅު ދެން،" މުއައްޒިން ބުންޏެވެ.

މުއައްޒިން ގަބޫލުކުރާ ގޮތުގައި މިހާރު ޝޯގައި ތިބި ފަސް ބައިވެރިންނަކީ އޭނާއަށްވުރެ މާ ހުނަރުވެރި ފަސް ބައިވެރިންނެވެ. އެ ބައިވެރިންގެ ތެރެއިން ޝޯ ކާމިޔާބުކުރާނެ ފަރާތެއް ބުނަން މުއައްޒިންއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް މުއައްޒިންގެ ލިސްޓެއް އެބަ އޮތެވެ.

"މިހާރު އެ ތިބީ އަޅުގަނޑަށްވުރެ މާ މޮޅެތި ކުދިން، އަޅުގަނޑު ގަބޫލުކުރާ އެއްޗެއް އެއީ، މޮޅުވާނެ ކަމަށް އަޅުގަނޑު އަބަދުވެސް އިންނާނެ ބައިދާންފަ ތިން މީހަކު، އެއީ ޒަލީފު، ޝަލަބީ ދެން ލައިޝާ،"

މޯލްޑިވިއަން އައިޑޮލްއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތަށްވާއިރު، ޝޯގައި ގިނަ ކަންތައްތަކެއް ހުންނާނެތާ އެވެ. އެތައް އިންތިޒާމްތަކެއް ވެސް ކުރަންޖެހޭނެ އެވެ. މުއައްޒިން ބުނި ގޮތުގައި ޝޯގެ ހުރިހާ އިންތިޒާމްތައް ވެސް ވަރަށް ރަނގަޅެވެ. ނަމަވެސް ދެން ބާއްވާ ޝޯގައި މިއަށްވުރެ ވެސް އިންތިޒާމްތައް ފުރިހަމަވެގެންދާނެ ކަމަށް މުއައްޒިން އުއްމީދުކުރެ އެވެ.

ޝޯގައި ގަދަ ހައެކަށް އާދެވުމަކީ ކުޑަ ކަމެއް ނޫނެވެ. ޖަޖުންގެ އިތުރުން މިކަމުގައި އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ބެލުންތެރިންނެވެ. އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް މުއައްޒިން ވަނީ ޝޯގައި ބަހައްޓާފަ އެވެ. ސަތޭކައިން ވޯޓުތައް އޮއްސާފަ އެވެ. ހަމަ އެންމެ ކަމަކަށެވެ. މުައްޒިންގެ އަޑު ޝޯއިން ކަނޑުވާނުލުމަށެވެ. ނަމަވެސް މި ޝޯގައި މޮޅުވާނީ އެންމެ ބައިވެރިޔެކެވެ. ދެން ތިބި ހުރިހާ ބައިވެރިން ވެސް ކަޓާނެ އެވެ.

"ވޯޓު ދިން މީހުންނަށާއި ސަޕޯޓަރުންނަށް ބުނަނީ ތިބޭފުޅުންނަކީ އަސްލު އަޅުގަނޑު، ތިބޭފުޅުން ނުކުރި ހިތްވަރެއް އަސްލު އަޅުގަނޑަކަށް ނުކުރެވޭނޭ، ވަރަށް ބޮޑަށް ޝުކުރިއްޔާ،" މުއައްޒިން ބުންޏެވެ.

ރޮކްސްޓާ މުއައްޒިން ދެން ޝޯއަކުން ނުފެންނާނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އަމިއްލަ ލަވަތަކަކާއެކު މުއައްޒިން ބެލުންތެރިންނާ ބައްދަލުކުރާއިރު، މުއައްޒިންގެ ކުރިމަގުގެ އުއްމީދުތައް ވެސް ވަރަށް ބޮޑެވެ. އެހާ އުޖާލާ އެވެ.

ފިކުރީ މުދާ ވިއްކައިގެން ޕްރޮޓެކްޓްކުރުމުގެ ކަލްޗާއެއް ރާއްޖޭގައި އުފެއްދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޑްރީމްއެއް. ފިއުޗާ ފެންނަނީ ވަރަށް ބޮޑުކޮށް. ހަމަ ސުޕަސްޓާރެއްގެ ގޮތުގައި ފެންނަނީ. އެގޮތަށް ވިސްނީމަކަން ނޭނގެ ރަނގަޅުވާނީ ވެސް. ދެން އެއްގޮތަކަށް ވެސް ފޮނިވަނީކީއެއް ނޫން،" މުއައްޒިން މީގެކުރިން ބުނެފައިވެ އެވެ.