ހަބަރު

ނޫސްވެރިން އުޅެނީ މައްސަލަތައް ސިޔާސީކޮށްލައިގެން: ހޯމް މިނިސްޓަރު

Apr 10, 2016
4
  • މުޒާހަރާގެ އަޑީގައި ތިބީ އިދިކޮޅު ސިޔާސީ ފަރާތްތައް
  • ރިލްވާން މައްސަލަ ސިޔާސީ ކޮށްލާ ކަމަށް ވިދާޅުވި
  • ރިލްވާންގެ މައްސަލައިގެ ހަގީގަތް ހޯދަން ވައުދުވެ ވަޑައިގަތް

ނޫސްވެރިންގެ ހައްގުތަކަށް އަޑުއުފުލައި، ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ފާޅުކުރަން ބާއްވާ މުޒާހަރާތަކަކީ ސިޔާސީ ކަމެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީ، ޓީވީއެމް އަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވެފައި ވަނީ، ނޫސްވެރިން ބާއްވާ މުޒާހަރާތަކުގައި ރިލްވާން ގެއްލުނު ކަންތައްތަކުގައި ކަންބޮޑުވުން ފާޅު ކުރި ނަމަވެސް، އެކަން ނޫސްވެރިން ސިޔާސީކޮށް ސަރުކާރުގެ ބޮލުގައި އަޅުވަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރަމުން ދަނީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ސަރުކާރުން އެކަން ކުރި ކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ކަމަށް ބުނެ، މުޒާހަރާ ކުރާ ކުރުމަކީ ހަމަ ސިޔާސީ ކަމެކެވެ.

އުމަރު ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލަ އަކީ ސިޔާސީ ކޮށްލާ ވަރަށް ވުރެ ސީރިއަސް މައްސަލަ އެކެވެ. އަދި ރިލްވާން ވެސް ނޫނީ އެހެން ރައްޔިތެއް ވެސް ގެއްލުވާލުން ފަދަ ކަމެއް ކުރުމުގެ "ޝައުގުވެރިކަމެއް" ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވަނީ މައްސަލައިގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮތުން ނެގޭނެ ފައިދާއެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި ރިލްވާނަށް ވީގޮތުގައި ހަގީގަތާ ހަމަޔަށް ދެވުމަކީ މި ސަރުކާރަށް އޮތް ކާމިޔާބެކެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ވެސް އެކަމުގެ ހަގީގަތް ހޯދައި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"ރިޟްވާން މައްސަލައަކީ އެއްވެސް މީހަކު ސިޔާސީ ކުރަން ޖެހޭ މައްސަލައެއްނޫން. ސަރުކާރުގެ އެއްވެސް އިންޓްރެސްޓެއް ނެތް ރިޟްވާން ވަގަށް ނަގައިގެން ފޮރުވައިގެން އޭނަޔާ ދެތެރޭ ކަމެއް ކުރާކަށް. ރިޟްވާނަކީ ވަރަށް މަދުބަޔަކު ދަންނަ ރިޕޯޓަރެއް. އެކަމަކު އޭނަ ގެއްލުނު މައްސަލައިގައި ސަރުކާރަށް ކުރެވޭ ހުރިހާކަމެއް ކުރަމުން މިގެންދަނީ." އުމަރު ޕީއެސްއެމްގައި ވިދާޅުވެފައިވެ އެވެ.

ރިލްވާންގެ މައްސަލައިގެ ހަގީގަތް ނުހޯދެނީސް މައްސަލައިގެ ތަހުގީގު ފުލުހުން މަޑުޖައްސާ ނުލައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިލްވާންގެ މައްސަލަ އަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ވެސް ބޭރަށް ފޮނުވައިގެން ބޭރުގެ ލެބޯޓްރީތަކުން ވެސް އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހުން ހައްޔަރު ކޮށް ދަނީ ތަހުގީގު ކުރިއަށެވެ.

"މި ތަހުގީގުގައި ހޯދެން ހުރި ހުރިހާ ކުރިއެރުމެއް އަޅުގަނޑުމެން ހޯދާނަން. މި މައްސަލަ އަޅުގަނޑުމެން ދުލެއް ނުކުރާނަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.