ހަބަރު

އަބުރުގެ ބިލްގައިވާ އަދަބުތައް ކުޑަކުރުމަށް މަސައްކަތް ކުރާނަން: އޭޖީ

ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"ގައި ކަނޑައަޅާފައިވާ އަދަބުތައް ކުޑަކޮށްދިނުމަށް މަސައްކަތް ކޮށްދެވިދާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. އަނިލް މިހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބަންޑާރަ ނައިބުއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްއެމްސީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިލް ކަނޑައަޅާފައިވާ ޖިނާއީ އަދަބުގެ ބައިތައް މަދަނީ ބައިތަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭޖީ އަނިލް ވިދާޅުވި ކަމަށެވެ. އަދި ބިލަށް ބޭނުންވާ އެހެން ވެސް ބަދަލުތައް ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ.

ބިލަށް ބަދަލު ގެންނަން މަސައްކަތްކުރައްވާނެ ކަމަށާއި ނަމަވެސް ބިލަކީ ސީދާ ސަރުކާރުން ހުށަހަޅާފައިވީ ބިލެއް ނޫން ކަމަށް އަނިލް ވިދާޅުވެފައިވެ އެވެ. އަބުރާ ބެހިގެން ކުރާ ޖޫރިމަނާ އަކީ ފަސް މިލިއަން ކަމުގައި މިހާރު ބިލުގައި ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދު ކުޑަކޮށްދިނުމަށް ވެސް މަސައްކަތް ކުރައްވަން އަނިލް ވަނީ އެއްބަސްވެފަ އެވެ. މީގެއިތުރުން ޖޫރިމަނާ ފައިސާ ނުދެއްކުމުން ޖަލަށްދާން ޖެހޭ މުއްދަތު ކުޑަކުރުމަށް ވެސް މަސައްކަތް ކުރުމަށް އަނިލް އެއްބަސްވި ކަމަށް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

އަބުރާ ބެހުމާ ގުޅޭ ބައިތައް އަބުރާ ބެހޭ ގަވާއިދުގެ ތެރެއަށްލާން ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް އަނިލް ވިދާޅުވި ކަމަށް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

އެ ބިލްގައިވާ ގޮތުގައި އިސްލާމް ދީނާ ހިލާފަށް ހިޔާލުފާޅު ކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާއިން ޝާއިއުކޮށް މީހެއްގެ އަނބުރު ގެއްލުވާލައިފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރަށް އެ މީޑިއާއެއްގެ މައްސަލަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ބިލު އޮތްގޮތުން ދައުލަތުގެ އެކި މަގާމްތަކުގައި ތިބޭ މީހުންގެ އިންޓަގްރިޓީ އާއި އެމީހުންނާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ބެހޭގޮތުން ނޫސްވެރިންގެ އިތުރުން އާންމު ފަރުދަކަށްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އަދި ދައުލަތުން މުސާރަދޭ، އަދި ގާނޫނުތަކުން ވަކި ޒިންމާއެއް ހަވާލުކޮށްފައިވާ މީހުން ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބަލައި އެކަމާމެދު ސުވާލުކޮށް ފާޑު ކިޔައި ބަހުސްވެސް ނުކުރެވޭނެ އެވެ. ނަމަވެސް ދައުލަތުގެ ހިންގުންތެރިކަމާމެދު ސުވާލުކޮށް ފާޑުކިޔުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާއިރު، އެ ހައްގުން ރައްޔިތުން މަހުރޫމް ވުމަކީ ގާނޫނު އަސާސީގެ ހަމަތަކާއިވެސް ހިލާފު ކަމެކެވެ.