ހަބަރު

ރާއްޖެ ޓީވީގެ ސީއޯއޯގެ މައްޗަށް ދައުވާކޮށްފި

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ދައުވާއެއް ކޮށްފި އެވެ. ފިޔާޒްގެ މައްޗަށް އުފުލާފައިވަނީ، ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާ އެވެ.

މި ދައުވާ ފިޔާޒްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފިޔާޒްގެ މައްޗަށް ދައުވާކޮށްފައި މިވަނީ މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގާ ދިޔަ ކަމެއްގެ ސަބަބުންނެވެ.

މި މައްސަލާގައި އެ ޓީވީ ސްޓޭޝަންގެ އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އެއީ، މުހައްމަދު ވިޝާމްއާއި ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރެވެ. މި ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މި ދައުވާގެ އިތުރުން އެހެން ދައުވާއެއް ވެސް ވިޝާމްގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން އޭނާ ހައްޔަރުކުރި މައްސަލާގަ އެވެ. އުފުލާފައިވަނީ، އެ މައްސަލާގައި ވިޝާމްގެ މައްޗަށް އުފުލަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.