ބޮލީވުޑް

ކޭޓަށް އިންޑިއާއިން އެންމެ ކަމުދިޔައީ ކްރިކެޓް!

Apr 11, 2016
2

އިނގިރޭސިވިލާތުގެ ޝާހީ ދެކަނބަލުން ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން އިންޑއާއަށް ކުރައްވާ އިހްތިރާމްގެ ޒިޔާރަތުގައި ވަނީ އިއްޔެ ހެނދުނު އިންޑިއާގެ މުމްބައީއަށް ވަޑައިގެންފަ އެވެ.

ވިލިއަމް އާއި ކޭޓް އިންޑިއާ އަށް ވަޑައިގެންނެވި ތަނުން ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަބައެއްގެ ސަމާލުކަން ވަނީ ކޭޓް ތުރުކުރައްވައިގެން ހުންނެވި އިންޑިއާގެ ކަލްޗާ ދައްކުވައިދޭ ކުރެހުމެއް ޕްރިންޓްކުރެވިފައިވާ ހެދުމަށް ހުއްޓިފަ އެވެ.

ޝާހީ ދެކަނބަލުން އިންޑިއާގެ ދަތުރުފުޅުގެ ފޮޓޯތައް އާންމުވަމުން އަންނައިރު އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ ކޭޓް އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަޗިން ޓެންޑުލްކަރް އާއެކު ޗެރިޓީ އިވެންޓެއްގައި ކްރިކެޓް ކުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކަށެވެ.

މިފޮޓޯތަކަށް ބަލައިލުމުން ކޭޓަށް މިކުޅިވަރާ ގަޔާވިކަން އެނގެ އެވެ.

މީގެއިތުރުން ވެސް ކޭޓްގެ މިދަތުރުފުޅުގައި ތުރުކުރައްވާ ހެދުންތަކަކީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ އަނީތާ ޑޮންގްރޭގެ ޑިޒައިންތަކެކެވެ. އަދި އިންޑިއާގެ މިދަތުރުފުޅުގައި މުޅީންވެސް ފެނިވަޑައިގަންނަވަނީ އިންޑިއާގެ ސަގާފަތް ފެންނަ ހެދުންތައް ތުރުކުރައްވާ ތަނެވެ. އެގޮތުން ރޭ ތާޖް ހޮޓަލުގައި ބޮލީވުޑްގެ ތަރިންނާއެކު ބޭއްވި ޗެރިޓީ ގާލާ ޑިނާ ނައިޓަށް ވަޑައިގެންނެވިއިރު ވެސް ތުރުކުރައްވައިގެން ހުންނެވީ މިނާތަކުން ޖަރީ ކުރެވިފައިވާ ހެދުމެކެވެ.

މިހަފްލާއަށް ވިލިއަމް އާއި ކޭޓަށް މަރުހަބާ ކިޔާފައިވާ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އައިޝްވާރިޔާ ރާއީ ބައްޗަން އެވެ. މިދެތަރިންގެ އިތުރުން ރިޝީ ކަޕޫރާއި އަންހެނުން ނީތޫ އާއި ސޯނަމް ކަޕޫރު، އާލިއާ ބަޓް، ޖެކުއަލީން ފާނެންޑޭޒް އާއި ފަރްހާން އަހްތަރު އާއި ކަރަން ޖޯހަރު އާއި އަނިލް ކަޕޫރު އަދި އަރްޖުން ކަޕޫރާއި މާދުރީ ޑިކްޝިޓް އާއި ފިރިމީހާގެ އިތުރުން އަދިތީ ރާއޯ ހައިދަރީ ފަދަ ތަރިންވެސް ވަނީ މިހަފްލާގައި ބައިވެރިވެފަ އެވެ.

އިއްޔެ ވިލިއަމް އާއި ކޭޓް ވަނީ ތާޖް މަހަލް ހޮޓަލަށް 26/11 ވަނަ ދުވަހު ދެވުނު ޓެރަރިސްޓަ ހަމަލާގައި އެވަގުތު ހޮޓެލްގައި ތިބި ގެސްޓުންނަށް އެހީތެރިވެދިން ސްޓާފުންނާ ވެސް ބައްދަލުކުރެއްވާފަ އެވެ. އަދި މިއަދު ކޭޓް އާއި ވިލިއަމް ތާޖް މަހަލް ބައްލަވާލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރާނެ އެވެ.