ވިޔަފާރި

ބީއެމްްއެލް ލުއި އެކްޕްރެސް ލޯނުން 800 މިލިއަން ރުފިޔާ ދޫކޮށްފި

  • އެންމެ ޑިމާންޑް ބޮޑީ މިލޯނުގެ
  • އިންޓްރެސްޓް ރޭޓް ދަށްކޮށްވެސް ނެގޭ
  • ލޯނު ދައްކަން ހަތަރު އަހަރު ލިބޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ނިޔަލަށް "ލުއި އެކްޕްރެސް" ލޯނުގެ ގޮތުގައި 800 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ލުއި އެކްސްޕްރެސް ކެޓަގަރީ އިން 25،000 އަށްވުރެ ގިނަ ލޯނު ދޫކޮށްފައިވާ ކަމަށާއި، މިއީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

"މި ލޯނަކީ އެންމެ ޑިމާންޑް ބޮޑު އެއް ލޯނު،" ބަދުރު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ "ލުއި އެކްސްޕްރެސް" ލޯނަކީ އެއްވެސް ރަހުނެއް ބެހެއްޓުމެއް ނެތި ދޫކުރާ ލޯނެވެ. މި ލޯނު ދައްކަން ހަތަރު އަހަރު ލިބޭއިރު އިންޓްރެސްޓް ރޭޓަކީ 18 ޕަސެންޓެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ "ޕާސަނަލް ލޯނު" ތަކަށް ގެނެސްފައިވާ ބަދަލާއެކު މި ލޯނުގެ އިންޓްރެސްޓް ރޭޓު ވެސް ބަދަލު ގެނެވޭނެ ގޮތެއް ވަނީ ތައާރަފުކޮށްފަ އެވެ.

ބީއެމްއެލް އިން ވާހަކަ ދެއްކެވި ބަދުރު ވިދާޅުވީ ލުއި އެކްސްޕްރެސް ނަގާ ފަރާތްތަކުން ހަތަރު ފުރޮޅުލީ އުޅަނދެއް ބެހެއްޓުމުން އިންޓްރެސްޓް ރޭޓް ދަށްވެގެންދާނެ ކަމަށެވެ.

"އާއްމުކޮށް ބޭންކުގެ ބޮޑެތި ލޯނުތަކުގައި ބެހެއްޓެނީ ކަނޑު އުޅަނދެއް ނޫނީ ގެއެއް. ނަމަވެސް ލުއި އެކްސްޕްރެސްގެ ގޮތުގައި ބެހެއްޓިދާނެ ހަތަރު ފުރޮލުލީ ވެހިކަލް. އެއީ އެ ބޭފުޅާގެ އަމިއްލަ އެއްޗެއް ނޫން ނަމަވެސް އެ ފަރާތެއްގެ އިއުތިރާޒެއް ނެތް ނަމަ ބެހެއްޓިދާނެ. މިގޮތަށް ރަހުނު ބެހެއްޓުމުން 11.75 ޕަސެންޓުގައި މި ލޯނު ލިބޭނެ،" ބަދުރު ވިދާޅުވި އެވެ.

ލުއި އެކްސްޕްރެސް ލޯނަކީ 20،000ރ. ފެށިގެން 50،000ރ. އާ ހަމަޔަށް ދޫކުރެ އެވެ. މި ލޯނަށް އެދި ހުށަހަޅާ ފަސް ދުވަހުގެ ތެރޭގައި ލޯނު ލިބެއެވެ.