ބޮލީވުޑް

ޝާހްރުކް އާއި ސަލްމާން ކުރިމަތިލުމަކަށް ނުދާން ނިންމީބާ؟

Apr 11, 2016

މިއަހަރުގެ އެންމެ ބޮޑު ކުރިމަތިލުމަކަށް ވާނެ ދެފިލްމު ކަމަށްވާ ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" އާއި ސަލްމާން ޚާންގެ "ސުލްތާން" ކުޑަ އީދުގައި ރިލީޒްކުރުމާއި ގުޅޭގޮތުން އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

ފަހަކަށް އައިސް ސަލްމާން ޚާން ވަނީ އޭނާގެ ފިލްމުތައް އީދުގައި ރިލީޒްކޮށް ބޮޑެތި ކާމިޔާބީތައް ހޯދާފަ އެވެ. އެނޫން ގޮތަކަށް ބުނަނީ ނަމަ ކުޑަ އީދަކީ ސަލްމާންގެ ފިލްމުތައް ރިލީޒްކުރަން ހާއްސަ ދުވަހެކެވެ. ނަމަވެސް ޝާހްރުކްގެ ފިލްމުވެސް ސަލްމާންގެ ފިލްމާއެކު ރިލީޒްކުރަން ނިންމުމާއެކު މިދެތަރިންގެ ބޮޑު ކުރިމަތިލުމުން ކާމިޔާބު ހޯދާނީ ކާކު ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

މިދެފިލްމުވެސް އެއް ދުވަހެއްގައި ރިލީޒްކުރުމާއި ގުޅިގެން ދެތަރިންވެސް ވާހަކަދައްކަމުން މީގެކުރިން ވަނީ އެއްދުވަހެއްގައި ފިލްމު ރިލީޒްކޮށްގެން ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

އެންމެފަހުން "ރައީސް"ގެ ޕްރޮޑިއުސަރުން "ސުލްތާން" އާއި ވާދަކޮށް އެފިލްމު ނުހިނގަފާނެ ބިރަށް ހަތިޔާރު ބަހައްޓައި، އެފިލްމު ރިލީޒްކުރުން ލަސްކުރަން މިވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު "ރައީސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ "ސުލްތާން" ރިލީޒްކުރާތާ ދެތިން ހަފްތާ ފަހުން ކަމަށްވެ އެވެ.

ނޫސްތަކުގައިވާ ގޮތުން މިދެފިލްމުގެ ކުރިމަތިލުމަކަށް ނުދާން "ރައީސް"ގެ ޕްރޮޑިއުސަރުން ނިންމީ ޝާހްރުކްގެ އެންމެފަހުން ރިލީޒްވި "ދިލްވާލޭ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އާއި އެއްދުވަހެއްގައި ރިލީޒްކޮށް އެފިލްމު ބޮކްސް އޮފީހުގައި ފެއިލް ވެފައިވާތީ ރިސްކެއް ނަގަން ބޭނުންނުވީ އެވެ.

ބުނެވޭ ގޮތުގައި "ރައީސް" ރިލީޒްކުރާ ދުވަސް ފަސްކުރަން ނިންމާފައިވަނީ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އެވެ.

"ރައީސް" އާއި "ސުލްތާން" ކުރިމަތިލުމަކަށް ނުދިޔަ ނަމަވެސް، "ރައީސް" ރިލީޒްކުރުން ފަސްކުރުމުން ވަރުން ދަވަން ލީޑްރޯލުން ފެނިގެންދާ "ޑިޝޫމް" ނުވަތަ ރިތިކް ރޯޝަންގެ "މޮހެންޖޯ ޑަރޯ" އާއި މިފިލްމު ކުރިމަތިލުމަކަށް ދާނެ އެވެ.

މިދެފިލްމުގެ ކުރިމަތިލުމާއި ބެހޭގޮތުން ވާހަކަދައްކަމުން ޝާހްރުކް ވަނީ "ސުލްތާން"ގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ އާއި "ރައީސް"ގެ ޕްރޮޑިއުސަރު ފަރްހާން އަހްތަރާ ކޮންމެވެސް އެއް ފިލްމެއް ރިލީޒްކުރުން ލަސްކުރުމާއި ގުޅޭގޮތުން ވާހަކަދައްކާފައިވާނެ ކަމަށް ބުނެފަ އެވެ. އަދި ބުއްދިވެރިވާނީ މިދެފިލްމު އެއްދުވަހެއްގައި ރިލީޒްނުކުރުން ކަމަށްވެސް ބުނެފަ އެވެ.

"ރިލީޒްކުރާ ދުވަސް ބަދަލުކުރަން ޖެހިއްޖިއްޔާ ކޮންމެވެސް އެއްބަޔަކު ބަދަލުކުރާނެ" ޝާހްރުކް ބުނެފައިވެ އެވެ.

ނަމަވެސް އެމީހުންގެ ފިލްމުވެސް އީދުގައި ރިލީޒްކުރުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ޝާހްރުކް ވަނީ ބުނެފަ އެވެ.