ހަބަރު

ރާއްޖޭގެ ސަލާމަތް އޮތީ އިންޑިއާ އާއެކު: ރައީސް

  • އިންޑިއާގެ ގުޅުމަށް ބުރޫއަރާ ކަމެއް ނުކުރާނަން
  • ސީމެގްގައި ރާއްޖެއާ އެއްކޮޅަށް އިންޑިއާ ވަކާލާތުކޮށްދޭނެ
  • އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ވަރަށް މުހިންމު

ރާއްޖޭގައި ސަލާމަތް އޮތީ އިންޑިއާ އާއެކު ކަމަށާއި ރާއްޖެއަށް އިންޑިއާއަކީ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައި ރައީސް ޔާމީން ވިދާޅުވީ، މިއަހަރު ރާއްޖެ-އިންޑިއާ ގުޅުމަށް 51 އަހަރު ފުރޭއިރު މާޒީގައި ދެ ގައުމުން ވަނީ އަބަދުވެސް އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އެހެންކަމުން އެ ގުޅުމަށް ބުރޫއަރާނެފަދަ ކަމެއް ދެންވެސް ކުރުމަކީ ވުން ގާތްކަމެއް ނޫން ކަމަށާއި އިންޑިއާއެކު ގާއިމްވެފައިވާ ގުޅުމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ހިމާޔަތްކޮށް ރާއްޖެއަށް ލިބޭ އެކި ގެއްލުންތަކުގައި އިންޑިއާގެ އެހީތެރިކަން ލިބޭކަމީ ޝުކުރުއަދާކުރައްވާ ކަމެއް ކަމަށެވެ. ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމަކަށް އަބަދުވެސް އިންޑިއާފަދަ ގައުމެއްގެ އެހީތެރިކަން ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އެ އެހީތެރިކަން އިންޑިއާއިން ލިބޭނެ ކަމށް ޝައްކު ނުކުރައްވާނެ ކަމަށާއި ކޮމަން ވެލްތުގައި ވެސް އިންޑިއާއިން ރާއްޖެއާ އެއްކޮޅަށް އަޑު އުފުލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މޯދީ އާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ މަޝްވަރާތައް ކުރެއްވި ކަމަށެވެ. އެގޮތުން އިގްތިސޯދާއި ތައުލީމާއި ފަތުރުވެރިކަމާއި، ސިއްހީ ދާއިރާއާއި ސަލާމަތީ ބާރުތައް ހަރުދަނާ ކުރުމާއި ދެގައުމު ގުޅުގެން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެއަކީ ބަދަލުވަމުން އަންނަ ކުޑަ ގައުމެއް. ރާއްޖޭގެ އެންމެ މައި މަގުސަދަކީ ރާއްޖެއަކީ ތަރައްގީ ގައުމެއް ކަމަށް ހެދުން. މި މަސައްކަތް ކުރަނީ ރާއްޖެއަކީ ހަރުދަނާ ޒުވާން މުޖުތަމައެއް އޮތް ގައުމަކަށް ހަދަން. އަންހެނުން ތަރައްގީ ބަޔަކަށް ހަދަން. ޒުވާނުންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން. މިފަދަ ކަންކަން ފުރިހަމަ ކޮށްދީގެން ޒުވާނުން ހަރުދަނާ ކުރެވޭނީ، ޓެރަރިޒަމާއި ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކުން ރާއްޖެ ސަލާމަތް ކުރެވޭނީ. ގާނޫނު ނަގަހައްޓައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަގުސަދުތައް ހާސިލްކުރުމަށް ޖޮއިންޓް ކޮމިޝަނަކީ މީގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ސާކް އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ހިއްސާދާރެއް ކަމަށެވެ. އިންޑިއާއިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ ރާއްޖެއާ އެކު ކަމަށާއި ކޮމަންވެލްތުގައި ރާއްޖެއާ އެއްކޮޅަށް އިންޑިއާ އަަބަދުވެސް އޮންނާނެ ކަމަށް ޝައްކެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.