ބޮލީވުޑް

ދިޕިކާ އިހްތިޔާރު ކުރާނީ ރަންބީރު ތަ؟ ރަންވީރު ތަ؟

Apr 12, 2016

މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންގެ ކާމިޔާބު ފިލްމީ ކެރިއަރުގެ ވާހަކަތަކަށް ވުރެން ގިނައިން އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އަދި މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންވީރު ސިންގްގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާލެއް ގިނަ އެވެ.

ދިޕިކާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް"ގެ މަންޒަރުތައް ނެގުމުގައި ބުރަކޮށް އުޅެމުން އަންނައިރު، ބޮލީވުޑްގެ ގިނަ ފިލްމުތަކުން ވެސް އޭނާއަށް އަންނަނީ ހުށަހެޅުންތައް ލިބެމުންނެވެ.

މިފިލްމުތަކުގެ ތެރެއިން ލޯބިވެރިޔާ ރަންވީރު އާއެކު ފިލްމެއްގެ ހުށަހެޅުން ލިބިފައިވާއިރު، ކުރީގެ ލޯބިވެރިޔާ ރަންބީރާ އެކު ވެސް ފިލްމެއް ކުޅުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ނަމަވެސް ދިޕިކާގެ ހޮލީވުޑް ފިލްމުގެ ސަބަބުން މިދެފިލްމުގެ ތެރެއިން އޭނާއަށް ކުޅެވެން އޮތީ އެންމެ ފިލްމެކެވެ.

މިދިޔަ މަހުގެ ތެރޭގައި ގާތް އެކުވެރިއެއްގެ ކައިވެނި ޕާޓީގައި ބައިވެރިވުމަށް އަވަށްޓެރި ސްރީލަންކާ އަށް އައި މަގުމަތީގައި ދިޕިކާ ވަނީ އިންޑިއާގައި މަޑުކޮށްފަ އެވެ. މިދަތުރުގައި އިންޑިއާގައި މަޑުކުރިއިރު، ދިޕިކާ ވަނީ ރަންބީރާ ބައްދަލުކޮށް އެދެމީހުންނަށް ލިބިފައިވާ ހުށަހެޅުމާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ދިޕިކާގެ ގާތް ފަރާތަކުން ވަނީ ރަންބީރާއި އަދި ރަންވީރާ އެކު ވެސް ފިލްމެއް ކުޅުމުގެ ހުށަހެޅުން އޭނާ އަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިދެފިލްމްގެ ވެސް ސްކްރިޕްޓާ މެދުވެސް ދިޕިކާ ހުރީ ވަރަށް ގަޔާވެފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިދެފިލްމަކީ ވެސް މަޝްހޫރު ދެޕްރޮޑަކްޝަން ބެނާއެއްގެ ދަށުން އުފައްދާ ފިލްމުތަކަށް ވުމުން، މިފިލްމުގެ ތެރެއިން ކުޅޭނީ ކޮން ފިލްމެއް ކަން އަދި ދޫކޮށްލާނީ ކޮން ފިލްމެއްކަން އަދި ނުނިންމާކަމަށެވެ.

ދިޕިކާ އެންމެފަހުން ފެނިގެން ގޮސްފައިވާ ހިންދީ ފިލްމު، "ބާޖީރާއޯ މަސްތާނީ" ގައި ފެނިގެން ގޮސްފައިވަނީ ރަންވީރާ އެކު އެވެ. އަދި އޭގެ މަހެއްހާ ދުވަސްކުރިން ރިލީޒްވި "ތަމާޝާ"ގައި ފެނިގެން ގޮސްފައިވަނީ ރަންބީރާ އެކު އެވެ.

މިދެފިލްމުގެ އިތުރުން ދިޕިކާ، ޑައިރެކްޓަރު ކަބީރް ޚާން ދެން އުފައްދާ ފިލްމުގެ ލީޑްރޯލުން ސަލްމާން ޚާން އާއެކު ފެނިގެންދާނެ އެވެ.