ބޮލީވުޑް

"އާޝިގީ 3"ގައި ސިދާތް އާއި އާލިއާ

Apr 12, 2016

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން ދެތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް މަޝްހޫރު ލޯބީގެ ސިލްސިލާ ފިލްމު "އާޝިގީ 3"ގެ ލީޑް ތަރިންނަށް ހަމަޖައްސައިފި އެވެ.

މިދިޔަ މަހު ނިކުތް ފިލްމު "ކަޕޫރު އެންޑް ސަންސް"ގެ ލީޑްރޯލުންވެސް ފެނިގެން ގޮސްފައިވާ މިދެތަރިން "އާޝިގީ 3" އިން ފެނިގެންދާނެ ކަން ސިދާތް ވަނީ ޔަގީންކޮށްދީފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ މިދެތަރިންނަށް މިފިލްމުގެ ހުށަހަޅާފައިވާ ކަމަށް އާލިއާގެ ބައްޕަ އަދި މިފިލްމު ޕްރޮޑިއުސްވެސް ކުރާ މަހޭޝް ބަޓް ވެސް ވަނީ ބުނެފަ އެވެ. ސިދާތް ވެސް މިފަހުން ވަނީ މިފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ބުނެފަ އެވެ. އަދި މިފިލްމުގެ މަސައްކަތް ފެށޭވަރު ވާނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ވެސް ސިދާތް ވަނީ ބުނެފަ އެވެ.

"އާޝިގީ 2" އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި. އެފިލްމުގެ ލަވަތަށް ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ. އަހަރެން އުންމީދު ކުރަނީ މިފިލްމަށް އެއަށްވުރެން ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް" ސިދާތް ބުނެފައިވެ އެވެ.

ކުރީގެ ދެފިލްމެކޭ އެއްގޮތަށް މިފިލްމުގައި ވެސް ބަތަލު ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެކަން ޔަގީންކޮށްދެމުން ސިދާތް ވަނީ މިފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ، އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ހިމަނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން މިރޯލަށް ތައްޔާރުވުމުގެ ގޮތުން ލަވަކިޔަން ދަސްކުރަމުން އަންނަ ކަމަށް ސިދާތް ވަނީ ބުނެފަ އެވެ.

"އާޝިގީ"ގެ ފުރަތަމަ ބައި ރިލީޒްކުރިތާ 25 އަހަރު ފާހަގަކުރުމާ ދިމާކޮށް އެފިލްމުގައި ހިމެނުނު އެންމެ ކާމިޔާބު ލަވަ "ދީރޭ ދީރޭސެ"ގެ ރިމިކްސް ލަވައެއް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ނެރެފަ އެވެ.

"އާޝިގީ 2" އިން ފެނިގެންގޮސްފައިވަނީ އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރެވެ.