ހަބަރު

ރައީސް ޔާމީން، އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އާއި ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު ހަވީރު ނިއުދިއްލީގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ބެހެއްޓެވި ގާތް ކަމާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ އިގްތިސޯދީ އެޖެންޑާ ވަނީ އިންޑިއާގެ ރައީސްއަށް ހިއްސާކުރައްވާފަ އެވެ.

ރައީސް މިއަދު މެންދުރުފަހު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީއާ ވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައި ރައީސް ޔާމީން ވިދާޅުވީ، މިއަހަރު ރާއްޖެ-އިންޑިއާ ގުޅުމަށް 51 އަހަރު ފުރޭއިރު މާޒީގައި ދެ ގައުމުން ވަނީ އަބަދުވެސް އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އެހެންކަމުން އެ ގުޅުމަށް ބުރޫއަރާނެފަދަ ކަމެއް ދެންވެސް ކުރުމަކީ ވުން ގާތްކަމެއް ނޫން ކަމަށާއި އިންޑިއާއެކު ގާއިމްވެފައިވާ ގުޅުމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާއާއި ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސުލްހައާއި ރައްކާތެރިކަމަކީ އިންޑިއާއިން އިސްކަންދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ އިންޑިއާގެ ވާޖިބެއް ކަމުގައި ދެކޭ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. އަދި އެގޮތުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިއަދު ހެނދުނު ރައީސް ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގައިދީން ބަދަލުކުރަން އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޓްރެވިންޑްރަމްގައި އެޑިއުކޭޝަނަލް އަދި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމަށް ވެސް މަޝްވަރާކުރެއްވި އެވެ.