ލައިފްސްޓައިލް

ބައިވެރިޔާ ވަކިވެގެން ދިޔަސް ހާސްވާނެ ކަމެއް ނެތް!

ލޯބިވެރިޔާ ވަކިވެއްޖެ އެވެ. ތިން އަހަރު ވަންދެން ރައްޓެހިވެގެން ލޯބިވި ބައިވެރިޔާ ކެހި ދީފި އެވެ. ބޭވަފާތެރިއަކަށް ހިތް ދެވި ނިމިއްޖެ އެވެ. ދެން ވީ ރޯށެވެ. އުމުރު ދުވަހު އެކަމާ ވިސްނާ ފިކުރުކޮށް މީހުންނަށް އިތުބާރު ކުރުން ހުއްޓާލާށެވެ. ދުނިޔެ މަތިން ފޫހިވެ ކޮޓަރީގެ އެއްކަނެއްގައި މާޒީގެ ހަނދާންތަކުގެ ތެރޭގައި ގެންބިގެން ދާށެވެ. ހިތާމަވެރި ލޯބީގެ ލަވަތަކުގައި ޖެހި މީހާ ޑިޕްރެޝަންގެ ޝިކާރައަކަށްވެސް ވީ އެވެ. ބައެއް މީހުންނަށް މިއީ ފިނޑިންނޭވެސް ކިޔާފާނެ އެވެ. އެހެން ވީމަ އެކަހަލަ މީހަކަށް ނުވާން ރީތި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެން ހަމަޖެހިލާފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު އެކަނި ވެއްޖެނަމަ މީހާ ރޮއެ ރޮއެ ހަލާކުވާ ވަރުވެ އެވެ. ބޭރަށް ނުފެނުނު ކަމުގައި ވިޔަސް ހިތު ތެރޭގައި އެތައް ވޭނަކާއި އަސަރެއް ތަހައްމަލް ކުރަމުންދެ އެވެ.

ލޯބިވެރިޔާ ވަކިވުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ. "ބްރޭކް އަޕް" މި ލަފްޒަކީވެސް އަޑުއަހަން ބޭނުންވާ ލަފްޒެއް ނޫނެވެ. ބްރޭކް އަޕް ވެގެން އުޅޭ މީހުންގެ ތެރޭގައި ލޯބިވެރިޔާ އާއި އަލުން ގުޅެން ބޭނުންވާ މީހުންވެސް ތިބޭނެ އެވެ. ލޯބިވެރިޔާ މަތިން ހަނދާން ނައްތާލާ މުޅިން އާ ދިރިއުޅުމެއް ފަށަން ބޭނުންވާ މީހުންވެސް ތިބޭނެ އެވެ. އަދި މިތަނުން އެއްވެސް ބަޔަކަށް ނުފެތޭ ބަޔަކުވެސް އެބަތިއްބެވެ. އެއީ މާޒީވި ބާބު ނިންމާލާފައި "މޫވް އޮން" ކުރަންވީ ކަމެއް ނުވަތަ އަދިވެސް އިންތިޒާރު ބޯޑުއަޅުވައިން ތިބެންވީ ކަމެއް ނޭނގިފައި ތިބޭ ބައެކެވެ.

ހަގީގަތުގައި އެންމެ ހިތް ވަރުގަދަ މީހުންގެ ގޮތުގައި ގިނަ މީހުން ގަބޫލު ކުރަނީ އެންމެ އަވަހަށް މޫވް އޮންކޮށް އުފާވެރިކަމާއެކު އުޅޭ މީހުންނެވެ. އެކަމަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މީހުންގެ މިޒާޖު ތަފާތުވާ ފަދައިން މިކަމަށް އެކި މީހުންނަށް ވަގުތު ބޭނުންވަނީވެސް އެކިވަރަށް ކަމެވެ. ރޯން ބޭނުންވާނަމަ ހިންހަމަ ޖެހޭ ވަރަށް ރޯށެވެ. އެކަމަކު މޫވް އޮން ކުރަން އަޒުމު ކަނޑައަޅާފަހުން ހިތާމަ ކޮށްގެން ނުވާނެ އެވެ.

ބައެއް މީހުންނަށް ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކުން އަރައިގަންނަން ދެތިން މަސް ނަގާއިރު ބައެއް މީހުންނަށް އެ ހަނދާންތަކުން އަރައިގަނެވެނީ އަހަރުތަކަކުންނެވެ. ތިބާއަށް މޫވް އޮން ކުރަން އަހަރުތަކެއް ނުވަތަ ގިނަ ދުވަސްތަކެއް ބޭނުންވި ހެއްޔެވެ؟ ހާސްވާނެ ކަމެއް ނެތެވެ. ތީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނަގާށެވެ. އެއީ މައްސަލައެއް ނޫނެވެ. ޕޮޒިޓިވްކޮށް ވިސްނައިފިނަމަ އެކަމުން އަރައިގަންނަން ބޭނުންވަނީ ޕޮޒިޓިވް މައިންޑެކެވެ. ފަށަމާ ހިނގާށެވެ.

ނޯ ޓައިމް ލިމިޓް

މީ ހަނދާންކުރަންޖެހޭ މުހިންމު ކަމެކެވެ. މަރުނުވާހާ ހިނދަކު ވަގުތު އެބައޮތެވެ. މާޒީގައި ތެރޭގައި އުޅެން ބޭނުންނަމަ ބޭނުންވާ ވަރަށް ވަގުތު އެބައޮތެވެ. މޫވް އޮން ކުރަންވެސް ވަގުތު އެބައޮތެވެ. ބޭނުންވަރަކަށް ވަގުތު ބޭނުންކުރާށެވެ. އަޑުއަހަމެއް ނޫން ހެއްޔެވެ؟ ވަގުތަކީ ފަރުވާއެކެވެ. އެކަމަކު ވަގުތު ފަރުވާއަކަށް ވާނީ އޭގެ ބޭނުން ހިފައިފި ނަމަ އެވެ. ކުރިންވެސް ބުނިހެން އަހަރުތަކެއްވީއިރުވެސް ހިތާމަތަކުން އަރައި ނުގަނެވުނުކަން އިހުސާސް ނުވިއަސް މާބޮޑަށް ނުވިސްނާށެވެ. އާ އަޒުމަކާއި އުންމީދަކާއެކު ފަށާށެވެ. ވަގުތު އެބައޮތެވެ. އެކަމަކު ވަގުތަށް ބަލަން ހުރެގެންވެސް ވާނެކަމެއް ނެތެވެ.

ސޯޝަލް މީޑިއާއިންވެސް އޭނާ ބްލޮކްކޮށްލާށެވެ. ދެމީހުން ވަކިވާ ހިސާބުންނެވެ. އޭނަ އުޅޭނޫޅޭގޮތް ބަލަން ކޮންމެހެން ފްރެންޑް ލިސްޓުގައި ބަހައްޓާނެ ކަމެއް ނެތެވެ. އިތުރަށް ހިތަށް ތަދުވުން ނޫންކަމެއް ނުވާނެ އެވެ. ފެންނަން ބޭނުން ނޫން ޕޯސްޓުތައް ފެންނާނެ އެވެ. ޒަހަމްވެ ހަލާކުވެފައިވާ ހިތުގައި އެޅޭ ލޮނު މިރުސް ގަނޑަކަށް ނޫނީ ނުވާނެ އެވެ. އެކަމަކު ހަގީގަތުގައި މިއީ އެންމެ ކުރަން ބޭނުންނުވާ ކަންތަކަށް ގިނަ ފަހަރަށް ވަނީ ވެފަ އެވެ. އޭނަ އަށް ފޮލޯ ކުރަން ބޭނުންވާ ވަރުންނެވެ.

ނަފްސާއި އިހްސާސްތަކަށް ގަދަރުކުރުން މުހިންމު

ލޯބިވެރިޔާ ވަކިވުމަކީ ތިމާގެ އިހުސާސްތައް ހަނދާން ނައްތާލަންވީ ކަމެއް ނޫނެވެ. ދެރަވެ ހިތަށްވެސް އަސަރުކުރާނެ އެވެ. ރުޅިވެސް އަންނާށެވެ. އެހުރިހާ އިހުސާސެއް އެތެރެއަށް ހިންދާލައިގެން ނުހުރެ ބޭރުކޮށްލާށެވެ. ހިންހަމަޖެހޭނީ އޭރުންނެވެ. މީހުން ފަހަރުގައި ފިނޑިއެކޭ ކިޔާފާނެ އެވެ. މީހުން ކިޔާހާ އެއްޗަކަށް ބަލާނެކަމެއް ނެތެވެ. އަމިއްލަ ހިންހަމަޖެހުމަށް ވިސްނީމަ ނިމުނީއެވެ. ކެތްވެސް ކުރަންޖެހޭނެ އެވެ. އެކަމަކު މިހުރިހާ އިހުސާސްތަކެއްގެ މެދުގައި ބަނދެވިފައި ހުރެގެން ނުވާނެ އެވެ. މީހާ ސްޓެރެސްވެ ޑިޕްރެޝަންގެ ޝިކާރައަކަށްވެ ނިމިދާނެ އެވެ.

ދެން އޮތީ އަމިއްލަ ނަފްސަށް އިހުތިރާމް ކުރުމެވެ. ކެއުމާއި، ފެންވެރުމާއި ބޭރަށް ނުކުމެ މީހުންގެ ތެރޭގައި އުޅުން ފަދަ ކަންކަމުން ދުރުވެގެން ނުވާނެ އެވެ. ލޯބިވެރިޔާ ގެއްލުނީ ތިމާގެ މައްސަލައަކުން ކަމަށް ނުވެދާނެ އެވެ. އެހެންވީމަ ކުށެއް ނެތް ހަށިގަނޑަށް ކޮން އަދަބެއް ދޭކަށް ހެއްޔެވެ؟ ވޭން އަޅާނީ ތި ހަށިގަނޑުގަ އެވެ. ކެހި ދީފަ ދިޔަ ބައިވެރިޔާގެ ގަޔަކު ނޫނެވެ.

ލިޔަން ފަށާ!

ތެދަށް ބުނަން ހެއްޔެވެ؟ ބްރޭކްއަޕް ވެގެން ރޯން އިންނަ އިރު ބެސްޓްފްރެންޑް އައިސް ބައްދާލާފައި "އައި އަންޑަސްޓޭންޑް ދެޓް ފީލިން" އޭ ބުނާނެ އެވެ. އެއީ ތިބާ ހިންހަމަ ޖައްސައިދޭން ނުވަތަ އެކަން ތަޖުރިބާ ކުރެވިފައި ހުރީމަކަމަށްވެސް ވެދާނެ އެވެ. އެކަމަކު ހަގީގަތުގައި އަންޑަސްޓޭންޑެއް ނުވާނެ އެވެ. ކިތަންމެ ވޭނެއް ތަޖުރިބާކޮށް ތަހައްމަލް ކޮށްފައި ހުއްޓަސް އެހެން މީހެއްގެ ވޭން އަޅާ މިންވަރު އަންދާޒާވެސް ކޮށްނުލެވޭނެ އެވެ. އެހެން ވީމަ އެންމެ ރަނގަޅު ގޮތަކީ ލިޔުމެވެ. ލިޔާށެވެ. އަމިއްލަ އިހުސާސްތައް ލިޔާށެވެ. ސިކުނޑިއަށް ލުއިވާނެ އެވެ. ހިންހަމަޖެހުންވެސް ލިބޭނެ އެވެ. އުފާވެރި އަދި ހިތާމަވެރި ހަނދާންތަކެވެ. އުފާވެރި ކަންތައްތައްކާއި ކުރެވޭ އިހުސާސްތަކެވެ. އަމިއްލަ އިހުސާސްތައް ލިޔަން މާމޮޅު ލިޔުންތެރިއަކަށް ވާކަށް ނުޖެހޭނެ އެވެ. ސިކުނޑިއަށް ލުއިވެ ހިތަށް އެންމެ ހަމަޖެހުން ލިބޭނީ މިހެން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިހާރު ލިޔަން ފެށިއްޖެ ދޯ އެވެ. އެކަމަކު އަދިވެސް ހުސްވަގުތު ވީމަ ހަނދާންވޭދޯ އެވެ. އެހެން ވީމާ ހުސްވަގުތުތައް ފުރާލަން ކޮންމެސް ކަމެއް ރާވަން ހިނގާށެވެ. މަޖާ ޓީވީ ޝޯއެއް ބެލުން ކިހިނެއްވާނެ ހެއްޔެވެ؟ ކުރިން ކަސްރަތުކުރާހެން ކުރަންފަށާށެވެ. ޖިމަށްވެސް ދަށެވެ. ރައްޓެހިންނާއެކު ސައިކަލު ދުއްވާލާ ދަތުރު ގޮސްލާށެވެ. މިއޮތީ ހައްތަހާވެސް ކުރަންވީ ކަންތަކެވެ. "ލައިފް ސަކް" ވާކަށް ގާތްވެސް އަދި ނުވެ އެވެ.

އަދި އެއްވާހަކަ އެވެ. މިދުނިޔޭން މީހުން ހުހެއް ނުވެ އެވެ. މޫދުގެ ކޮންމެ ގަލަކަށް މަހެއްވެ އެވެ. އެހެން ވީމާ ތިބާގެ ހަގީގީ ބައިވެރިޔާވެސް އަދި ހުންނާނެވެ. ވަގުތު ޖެހުމުން ދިމާވާނެ އެވެ. ކޮންމެ ކަމެއްވެސްވާނީ ރަނގަޅަށެވެ. އެކަން ގަބޫލު ކުރީމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މިއީ އެންމެ މުހިންމު ކަމެވެ. ﷲ ސުބްހާނަހޫ ހަނދުމަކޮށް އަޅުކަމުގައި ދެމި ހުންނާށެވެ. އެކަލާންގެ ހަޒްރަތުން ވާގި އެދިގެން މާޒީން ނުކުންނަށް މަސައްކަތް ކުރާށެވެ. ކާމިޔާބުވާނެ އެވެ. ޝައްކެއްވެސް ނެތެއް ނޫން ހެއްޔެވެ؟